ޚަބަރު

ދެވަނަ ލެގުން ހޯދި މޮޅާއެކު އަހްލީ ކުއާޓަރއަށް


  • މެޗުން އަޙްލީ މޮޅުވީ 0-1 ގެ ނަތީޖާއަކުން

  • އަޙްލީން ލަނޑުޖެހީ 91 ވަނަ މިނެޓުގައި

  • ކުއާޓަރގައި އަޙްލީ ނުކުންނާނީ އަލް ޙުސެއިންއާ ދެކޮޅަށް

އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގައި އިރާނުގެ ސެޕަހާން އަތުން ގަދަ 16 ގެ ދެވަނަ ލެގުން ހޯދި މޮޅާއެކު މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ގަތަރުގެ އަލް އަޙްލީ އިން ހޯދައިފިއެވެ.

މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުވީ 2-2 އިން އެއްވަރެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށްދިއުމަށް، ދެ ޓީމަށް ވެސް އޮތީ މި މެޗުން މޮޅުވުން މަޖުބޫރުވެފައެވެ.

ދޯހާގެ އަލް ތުމާމާ ސްޓޭޑިއަމުގައި ކުޅުނު ގަދަ 16 ގެ ދެވަނަ ލެގުގައި ސެޕަހާންގެ މައްޗަށް އަލް އަހްލީން ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އަދި އަހްލީއަށް ކުއާޓަރ ގެ ޖާގަ ޔަގީންކޮށްދިން ލަނޑު، މެޗުގެ ފުރިހަމަވަގުތު ވެސް ހަމަވިފަހުން، 91 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސެކޫ ޔަންސާނޭއެވެ.

މި މޮޅާއެކު އަލް އަޙްލީން މުބާރާތުގެ ކުއާޓަރ އަށް ދަތުރުކުރިއިރު ކުއާޓަރ ފައިނަލުގައި އެ ޓީމު ނުކުންނާނީ އުރުދުންގެ އަލް ހުސެއިންއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.