ރޯދަމަހުގެ ފުރަތަމަ 2 ދުވަހު އެމްޕީއެލުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ކުކުޅު ބިސް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް އެމްޕީއެލުން ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ކްލިއަރކުރާ މިންވަރު ދަނީ އާންމުކުރަމުންނެވެ. އެގޮތުން ރޯދައިގެ ދެވަނަ ދުވަހު އެމްޕީއެލުން ވަނީ ކޮންޓެއިނަރާއި ވަކިވަކި ކޮންސައިމަންޓު ހިމެނޭހެން ޖުމްލަ 3،260 ޓަނުގެ ތަކެތި ރާއްޖެ އެތެރެކޮށް ކްލިއަރކޮށްފައިވެއެވެ. އެއީ 167 ކޮންސައިންމެންޓުގެ މުދަލެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން ރޯދައިގެ ފުރަތަމަ އަދި ދެވަނަ ދުވަހުވެސް އެންމެ ގިނަ އަދަދަކަށް ރާއްޖެ އެތެރެކޮށް ކްލިއަރކޮށްފައިވަނީ ކުކުޅު ބިހެވެ. އެގޮތުން ރޯދަމަހުގެ ދެވަނަ ދުވަހު 3،658 ބިސް ކޭސްވަނީ ކްލިއަރކޮށްފައެވެ.
* 3،658 ބިސް ކޭސް
* 2،165 ފިޔާ ބަސްތާ
* 1،224 ޓޮމާޓޯ ބަސްތާ
* 926 އަލުވި ބަސްތާ
* 792 އަލަނާސި ބަސްތާ
* 600 ކަރާ ބަސްތާ
* 224 ދޮންކެޔޮ ގަނޑު
* 556 ބަސްތާގެ ކެބެޖު
* 170 ބަސްތާގެ މެލަން
* 122 ބަސްތާގެ ބަރަބޯ
Daily Statistics of top 10 perishable cargo and consignments cleared on 19 February 2026. #MaldivesPortsLimited #MPL #PortMV #MPLHidhumathugaa pic.twitter.com/h8a2TB5aKz
— Maldives Ports Limited (@Portmv) February 20, 2026
ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް ގިނަ އަދަދަކަށް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރާ ދުވަސްވަރަކަށް ވާތީ، އެމްޕީއެލުން އަންނަނީ ބަނދަރުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް، މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ލުއިފަސޭހަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން އެމްޕީއެލުން ވަނީ ރަމަޟާން މަހާ ދިމާކޮށް، ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް 3،000 އަކަފޫޓުގެ ޝެޑެއްވެސް ޤާއިމްކޮށްފައެވެ.
އެމްޕީއެލުން ވިދާޅުވީ، މި ޝެޑް ހެދުމުގެ މައިގަނޑު މަގުސަދަކީ އަވަހަށް ހަލާކުވާ ޒާތުގެ މުދާ މާލެ ސަރަހައްދުގެ ބަނދަރުން ވީހާވެސް އަވަހަށް ނެރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި މީގެ ސަބަބުން ބާޒާރުގައި މުދާ ލިބުން ތަދުވިޔަ ނުދީ ހިފެހެއްޓުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށްވެސް އެކުންފުނިން ފާހަގަކުރެއެވެ.