ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ޤާއިމުކޮށް، އެކިކަހަލަ އެހީއަށް ބޭނުންވާ މީހުންނަށް ރާއްޖޭގައި ފަރުވާ ދިނުމުގެ ނިޒާމަށް ބައި ޤަރުނު މިއަހަރުވާނެއެވެ. މީހުން ގެންގުޅޭ މަރުކަޒެއްގެ ގޮތުގައި މާޒީގައި ލޭބަލްވެފައި އޮތް މި މަރުކަޒަކީ ފަރުވާގެ ނިޒާމުގެ ބަޔަކަށް ހަދާ އެތަނުގައި ތިބި މީހުން އަނބުރާ ޢާއިލާތަކާ ހަވާލުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މަރުކަޒީ ގޮތެއްގައި ފަރުވާ ދިނުމުގެ ދައުލަތުގެ ނިޒާމަށް، ނުވަތަ ކ.ގުރައިދޫގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ޤާއިމުކުރެވުނުތާ ބައި ޤަރުނު މިއަހަރުވާނެއެވެ. ބައި ޤަރުނުވީ މިޚިދުމަތުގެ ތާރީޚަށް ބަލާއިރު ހިތްދަތި އެތައްކަމެއް އެތަނުގައި ތިބި ބަލި މީހުން އުފުލާފައިވާއިރު އެދެވޭގޮތެއްގައި ޚިދުމަތަށް މާބޮޑު ބަދަލެއް ގެނެވިފައެއް ނުވެއެވެ.
ވޭތުވެދިޔަ އެކި ސަރުކާރުތަކުންވެސް އެތަނުގައި ތިބި ބަލި މީހުން ޢާއިލާއާއި ހަވާލުކުރުމަށް މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބުނުވާކަމުގެ ކަންބޮޑުވުން ކަމާބެހޭ ފަރާތްތަކުން އެކި ދުވަސްވަރު ތަކުރާރުކޮށްފައިވެއެވެ. އެހެންނަމަވެސް މިކަމުގައި ތަފާތު ބޮޑު ބަދަލެއް މިހާރު ފެންނަމުންދާކަން ފާހަގަކުރެވެއެވެ. އެއީ ޢާއިލާތަކުން ބަލި މީހުން ބަލައިގަތުމުގެ ހިތްގައިމު ޘަޤާފަތް އަށަގަންނަމުންދާ މަންޒަރެވެ. އެގޮތުން ނިމިދިޔަ 2025ގެ ނިޔަލަށް 23 މީހަކު ޢާއިލާއާ ހަވާލުކުރެވިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އޭގެތެރެއިން އެއްވެސް ބަލި މީހަކު އަނބުރާ މަރުކަޒަށް ގެންދަން ނުޖެހޭކަން ޞިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދު މިއަހަރުތެރޭގައި ގާތްގަޑަކަށް މިހާ އަދަދަކަށް މީހުން ޢާއިލާތަކުގެ ބެލުމުގެ ދަށަށް ގެންދެވޭނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ، ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ނުކުންނަ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ކުރިން، އެމުޖުތަމަޢެއްގައި ހިމެނޭ މުއައްސަސާތަކާއި، އެމީހެއްގެ ޢާއިލާއަށް ދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދީ އެމީހަކަށް ފަހި ވެއްޓެއް ޤާއިމުކުރުމެވެ. އަދި ބޭހާއެކު ނުކުންނަ މީހުންގެ ތެރެއިންވެސް ވަޒީފާއަށް ދާން އެދޭ ފަރާތްތަކަށް މަރުކަޒުގެ އެހީގައި އެފުރުސަތު ފަހިކޮށްދީ އަބުރުވެރި ދިރިއުޅުމެއް ހޯދޭނެ މަގު ކަށަވަރުކުރުމެވެ. މިއާއެކު އެމީހަކީ ފަރުވާއަށްފަހު ޢާއިލާއަށް ބުރައަކަށްވުމުގެ ބަދަލުގައި އަމިއްލައަށް ކަންކަން ކުރެވޭނެ މީހެއްގެ ގޮތުގައި ޢާއިލާތަކަށްވެސް ޤަބޫލުކުރެވޭނެ މަގުފަހިކޮށްދިނުމަކީ މަރުކަޒުން ޚާއްސަ ސަމާލުކަމެއް މިހާރު ދެމުންދާކަމެކެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޞިއްޙީ ވަޒީރުގެ ނައިބު އާމިނަތު އިސްމާޢިލް ވިދާޅުވީ ވަރަށް ގިނަ އަހަރުތަކެއް ވަރަށް ބޮޑަށް އަޅާނުލެވި އޮތްކަމެއްނަމަވެސް މިހާރު ޢާއިލާތަކާއި ގުޅިގެން މަސައްކަތްކުރެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށެވެ.
"އަޅުގަނޑުމެން މުޖުތަމަޢުތަކަށްގޮސް މަސައްކަތްކުރީމަ ފާހަގަކުރެވޭ، ޢާއިލާއިންވެސް އޭނަ ގެންގުޅޭނެ ގޮތް އެނގުނީމަ ވަރަށް ބޮޑަށް ބޭނުންވޭ ޢާއިލާއަށް ގެންނަން. ވަކިވަކިން ގޭގެއަށް ގޮސް އެބަ ބަލާ، އެގޭގައި އެބަހުރިތޯ އޭނަ ލެވޭނެ ތަނެއް. އެތަން ހަދަން ކިހިނެތްތޯ ހަދަންވީ، ގެންދިޔުމަށްފަހު ކިހިނެތްތޯ ހަދަންޖެހޭނީ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަލިމީހާ ހަވާލުކުރުމަށްފަހު ބައެއް ޢާއިލާތަކުން އެމީހުން މަތިން ހަނދާން ނެތިފައި ހުންނަ ކޭސްތައްވެސް ހުންނަކަން ސިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ. އެއީ ޢާއިލާތަކުން ބަލި މީހާ ގެންގުޅެންވީ ގޮތް ނޭނގި އުފުލަންޖެހުނު ތަކުލީފުތަކާއެކު ދިމާވާ ހިތްދަތި ގޮތެއްކަންވެސް އެވުޒާރާއިން ފާހަގަކުރައްވައެވެ. އެހެންނަމަވެސް ހިންގުމުގެ ނިޒާމަށް ގެނެވުނު ބަދަލާއެކު މިހާރު އެކަން ބަދަލުވެ މަރުކަޒުގައި ތިބި މީހުންނާ ހަވާލުވާން ޢާއިލާތަކުން ބޭނުންވުމަކީ މުޅި ނިޒާމަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެކެވެ.
މިވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ވަކި ގަޑިތަކެއްގައި މަރުކަޒަށް ޒިޔާރަތްކުރުމަށް އޮތް އޮތުން ބަދަލުކޮށް، ހުރިހާ ވަގުތެއްގައިވެސް ޢާއިލާއަށް ބަލި މީހުން ގާތަށް ޒިޔާރަތްކުރެވޭނެ މަގު ސަރުކާރުންވަނީ ފަހިކޮށްފައެވެ. މިއީވެސް އެޅުނު މުހިންމު ފިޔަވަޅެއްކަން ޞިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ. އެހެންކަމުން ބައި ޤަރުނުވީ މި މަރުކަޒުގެ ޚިދުމަތަށް އިންޤިލާބީ ބަދަލެއް ގެނެވި އެއީ ފަރުވާދޭ ތަނަކަށް މިހާރުވަނީ ބަދަލުކުރެވިފައެވެ. ހަމައެއާއެކު އެތަނާއި އެތަނުގައި ތިބި ބަލި މީހުންނާމެދު ޢާއިލާތަކުން ދެކޭގޮތް ބަދަލުކުރެވި އަނބުރާ މުޖުތަމަޢަށް ގެނެވޭނެ މަގުމިހާރުވަނީ ފަހިވެފައެވެ.