ޚަބަރު

ކޮމިޝަނަރ އޮފް ޕޮލިސް ދޫނިދޫއަށް ޒިޔާރަތްކޮށްފި


ފުލުހުންގެ ބަންދުގައި މީހުން ބައިތިއްބާ އެއް މަރުކަޒު ކަމުގައިވާ ދޫނިދޫ އަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން ޒިޔާރަތްކުރައްވައި އެ ތަނުގެ ކަންކަން ހުރިނެތްގޮތް ބައްލަވާލައްވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތުގައި ދޫނިދޫގައި ބަންދުގައި ތިބޭ މީހުންގެ ކަންކަން ބެލެހެއްޓުމުގެ ކަންތައް ކުރިޔަށްދާ ގޮތުގެ މަޢުލޫމާތު ސާފު ކުރައްވައި އެކަންކަން އިތުރަށް ހަރުދަނާ ކުރަން ކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އޮޅުން ފިލުއްވެވިކަމަށެވެ. އަދި ބަންދުގައި ތިބޭ މީހުންގެ ކަންކަން ބެލެހެއްޓުމަށް ދޫނިދޫގައި ތިބޭ ފުލުހުންނާ އިދާރީ މުވައްޒަފުންނަށް ބޭނުންވާ ކަންކަން މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ގެންދިއުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތުވެސް އޮޅުންފިލުއްވައި ހެއްދެވިކަމަށް ޕޮލިހުން މަޢުލޫމާތުދެއްވައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ދޫނިދޫއަށް ކުރެއްވި މި ޒިޔާރަތުގައި ދޫނިދޫގައި ބަންދުގައި ތިބޭ މީހުންނަށް ކާންދިނުމުގެ ކަންކަން ކުރިޔަށްދާ ގޮތާއި، ބޯފެނުގެ ނިޒާމުގައި އަދި ބަންދުގައި ތިބޭ މީހުންނަށް ލިބިދޭންޖެހޭ ތަކެތި ލިބިދިނިމުގައި ހުރި ދަތިތައް އޮޅުން ފިލުއްވައި ޙައްލުކުރަންޖެހޭ ކަންކަން ޙައްލު ކުރުމަށް ކުރެވެންހުރި މަސައްކަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވެވިއެވެ. އަދި ބަންދުގައި ތިބޭ މީހުންގެ ޢާއިލީ ބައްދަލުވުންތަކާއި ވަކީލުންގެ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމުގައި ފާހަގަ ކުރެވޭ މުހިއްމު ކަންކަން އޮޅުން ފިލުއްވައި މިހާރަށްވުރެ ކަންކަން ފަހި ކުރެވިގެންދާނެ ގޮތްތަކާ ބެހޭގޮތުން ސީޕީ މަޝްވަރާ ކުރެއްވިކަމަށް ޕޮލިހުން ވިދާޅުވެއެވެ.