އެމެރިކާއަށް އިޤުތިޞާދީ ގޮތުން "ރަން ޒަމާނެއް" ގެނެސްދެވިފައިވާ ކަމަށް ދަޢުވާ ކުރައްވައި، ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އިޤުތިޞާދީ ސިޔާސަތުތައް ދިފާޢު ކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރިޔާސީ ބަޔާނުގެ އެންމެ ބޮޑު ބަޔެއް ޓްރަމްޕް ޚާއްޞަ ކުރައްވާފައި ވަނީ، މި އަހަރުގެ ނޮވެންބަރު މަހު ބޭއްވުމަށް ތާވަލު ކޮށްފައިވާ މިޑް-ޓަރމް އިންތިޚާބު، ނުވަތަ ކޮންގްރެސްގެ އިންތިޚާބުގެ ކުރިން އޭނާގެ ރިޕަބްލިކަން ޕާޓީއަށް ތާޢީދު ހޯއްދަވައިދެއްވުމަށެވެ.
ކުރިއަށް އޮތް އިންތިޚާބަކީ ޓްރަމްޕްގެ ސަރުކާރާއި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް މުހިންމު އިންތިޚާބަކަށް ވެގެންދާނެއެވެ. އިންތިޚާބު ގާތްވަމުންދާ މި ދަނޑިވަޅުގައި، ޢާންމުންގެ މެދުގައި ޓްރަމްޕަށް އޮތް ތާޢީދު ދަނީ ފަނޑުވަމުންނެވެ. އަދި، އެމެރިކާގެ ޢާންމު ރައްޔިތުންގެ މެދުގައި ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ. ނަމަވެސް، ޓްރަމްޕް އޭނާގެ ރިޔާސީ ބަޔާން ބޭނުން ކުރައްވާފައި ވަނީ އޭނާގެ ސަރުކާރުން ހޯދަމުންދާ ކާމިޔާބީތައް ފާހަގަ ކުރެއްވުމަށެވެ.
ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ފަރާތުން ޓްރަމްޕްގެ ރިޔާސީ ބަޔާނަށް ހޫނު މަރުޙަބާއެއް ލިބިވަޑައިގެންނެވި ނަމަވެސް، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެމްބަރުންތަކެއް ވަނީ ކޮންގްރެސްގެ ޖަލްސާ ދޫކުރައްވައި ވަޑައިގަންނަވާފައެވެ. އަދި، ގިނަ އަދަދެއްގެ މެންބަރުން ޖަލްސާއަށް ވަޑައިނުގަންނަވައި، ޓްރަމްޕާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވަމުން ދިޔަ މުޒާހަރާތަކުގައި ބައިވެރިވެ ވަަޑައިގެންނެވި މަންޒަރު ފެނިގެން ދިޔައެވެ.
ތަޤުރީރުގެ ފުރަތަމަ ގަޑިއިރު ޓްރަމްޕް ޚާއްޞަ ކުރައްވާފައި ވަނީ އިޤުތިޞާދަށެވެ. އިންފްލޭޝަން ނުވަތަ މުދަލާއި ޚިދުމަތުގެ އަގު ތިރި ކުރެވިފައިވާ ކަމަށާއި، ހިއްސާގެ ބާޒާރު ކުރިއަރުވައި، ޓެކުސްތައް ކުޑަކޮށް، ބޭހުގެ އަގުތައް ތިރި ކުރެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް، ކާބޯތަކެއްޗާއި، ގެދޮރާއި، އިންޝުއަރެންސް އަދި ފެނާއި ކަރަންޓުގެ ފަދަ ޔުޓިލިޓީ ޚިދުމަތްތަކުގެ އަގުތައް ހުރީ މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅައިބަލާއިރު އުހުގައެވެ.
ފެބުރުވަރީ 20ވަނަ ދުވަހު ޢާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ކުއާޓަރުގައި އިޤްތިޞާދީ ދުވެލި ވަނީ ލަފާކުރި ވަރަށްވުރެ މަޑުޖެހިފައެވެ. އަދި، އިންފްލޭޝަން ވަނީ އުފުލިފައެވެ. ތަކެތީގެ އަގުތައް އުފުލެމުންދާ މައްސަލައިގެ ޒިންމާ ޓްރަމްޕް އަޅުއްވާފައި ވަނީ ކުރީގެ ރައީސް ޖޯ ބައިޑަންގެ އިސްތަށިފުޅުގައެވެ. އޭނާ ބައިޑަން ކުށްވެރި ކުރައްވަން މަސައްކަތް ކުރައްވާފައިވީ ނަމަވެސް ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ފެންނަ ގޮތުގައި، ޚަރަދުތައް ބޮޑުވަމުން ދިޔުމުގެ ޒިންމާ އުފުއްލަވަން ޖެހޭނީ ޓްރަމްޕް ކަމުގައި އެމެރިކާގެ ގިނަ ރައްޔިތުން ޤަބޫލު ކުރެއެވެ. ރޮއިޓަރސް އަދި އިޕްސޮސް ގުޅިގެން ދާދިފަހުން ނެތި ޚިޔާލު ހޯދުމުގެ ވޯޓެއްގެ ބައިވެރިންގެ ތެރެއިން ޓްރަމްޕްގެ އިޤުތިޞާދީ ސިޔާސަތުތަކަށް ތާޢީދު ކޮށްފައި ވަނީ %36 މީހުންނެވެ.
ޓްރަމްޕްގެ ރިޔާސީ ބަޔާނުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ބޮޑަށް އަލިއަޅުއްވައިލައްވާފައެއް ނުވެއެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން ދިޔަ އަށް ހަނގުރާމައެއް ނިމުމަކަށް ގެންނަވާފައިވާ ކަމުގައި ވިދާޅުވެ، އޭނާ ވަނީ ދަޢުވާ ކުރައްވާފައެވެ. މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނީ މިއީ އިތުރު ފުޅެއް ކަމުގައެވެ. ޓްރަމްޕްގެ ރިޔާސީ ބަޔާނުގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ވެސް، އަދި ގްރީންލެންޑަށް އަތްގަދަ ކުރުމަށް އިޢުލާނު ކުރައްވާފައިވާ ރޭވުމާ ގުޅޭ ގޮތުން ވެސް އޭނާ ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ. ޓްރަމްޕް ރިޔާސީ ބަޔާން އިއްވަވާފައި މި ވަނީ، އީރާނާ ދެކޮޅަށް ދިގުދެމިގެންދާނެ ހަނގުރާމައެއް ފެށްޓެވުމަށް އޭނާ ތައްޔާރުވެ ވަޑައިގަންނަވަމުންދާ ވަގުތެއްގައެވެ. އީރާން ކައިރިއަށް އެމެރިކާގެ އަސްކަރިއްޔާގެ ބިޔަ ލަޝްކަރެއް ޖަމާ ކުރުމުގެ މަސައްކަތް އޭނާ ވަނީ ފަށްޓަވާފައެވެ.
ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ 435 ގޮނޑިއާއި ސެނެޓުގެ ތިންބައިކުޅަ އެއްބައި ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރާނެއެވެ. ޑިމޮކްރެޓިކް ޕާޓީން އުންމީދު ކުރަނީ މި އިންތިޚާބުގައި ކޮންގްރެސްގެ ދެ ގޭގެ ކޮންޓްރޯލް ރިޕަބްލިކަން ޕާޓީގެ އަތުން އަތުލުމަށެވެ. މި ވަގުތު ކޮންގްރެސްގެ ދެ ގޭގެ ބާރު ވެސް އޮތީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އަތްދަށުގައެވެ.