ޚަބަރު

ނޭޕާލްގެ އައު ބޮޑުވަޒީރަކަށް ވަޑައިގަންނަވާނެކަމަށް ބެލެވޭނީ ބަލެންދްރަ ޝާޙް


އަންނަ މަހު އޮންނަ ނޭޕާލްގެ ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވައި، އައު ބޮޑުވަޒީރަކަށް ވަޑައިގަންނަވާނެކަމަށް ބެލެވޭނީ، އެ ޤައުމުގެ ކުރީގެ ރެޕް ލަވަކިޔުންތެރިޔާ، ބަލެންދްރަ (ބަލެން) ޝާޙް ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

ނޭޕާލްގައި މީސްމީޑިޔާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން ކުރި މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވަން ، ކޭޕީ ޝަރްމާ އޮލީއަށް މަޖުބޫރުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އޮލީގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ވެރިރަށް ކަތުމަންޑޫގެ މަގުތަކަށް ނިކުތް ޒުވާނުން ވަނީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ވެސް އަޑު އުފުލާފައެވެ. އެ މުޒާހަރާތަކާ އެކު ފެށިގެން ދިޔަ ހަމަނުޖެހުންތަކަކީ، ފަހުގެ ތާރީޚެއްގައި ނޭޕާލްގައި ހިންގާފައިވާ އެންމެ ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެވެ. އެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 77އަށް އުފުލިފައިވާއިރު، އިތުރު 2,100އަށްވުރެ ގިނަ މީހަކަށް ވަނީ އަނިޔާވެފައެވެ.

އޮލީ އިސްތިޢުފާ ދެއްވުމާ ގުޅިގެން، ނޭޕާލުގެ އިންތިޤާލީ ބޮޑުވަޒީރުގެ މަޤާމަށް ސުޝިލާ ކާރްކީ ޢައްޔަނުކުރުމާއެކު އޭނާ ވަނީ ނޭޕާލްގެ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައިފައެވެ.

ނޭޕާލްގެ ސިޔާސީ މަސްރަޙް ދިރާސާކުރާ ބައެއް ފަރާތްތަކުގެ އިތުރުން ލޯކަލް މީޑިއާތަކުން ޤަބޫލުކުރާ ގޮތުގައި، އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންނަ ޢާންމު އިންތިޚާބު ކާމިޔާބުކުރުމުގެ ރޭހުގެ އެންމެ ކުރީގައި ހުންނެވީ ބަލެން ޝާޙްއެވެ.

ކުރީގެ ރެޕް ލަވަކިޔުންތެރިޔާ، ބަލެން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ، 2022 ވަނަ އަހަރު ބޭއްވި ވެރިރަށް ކަތުމަންޑޫގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ.

މޭޔަރުކަމުގައި، ކަތުމަންޑޫގެ ކުނި މެނޭޖްކުރުމުގެ ނިޒާމާއި، ޢުމްރާނީ ތަރައްޤީގެ ވަޞީލަތްތަކާއި ސިއްޙީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކާއެކު ޢާންމުންގެ ގިނަ ބައެއްގެ މަޤުބޫލުކަން ވަނީ ހޯއްދަވައިފައެވެ.

ނޭޕާލްގެ ބޮޑުވަޒީރުކަމަށް ބަލެން ވަޑައިގެންފިނަމަ، ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ. މިގޮތުން، އެންމެ ބޮޑު ބަދަލެއް އަންނާނެކަމަށް ލަފާކުރެވެނީ، ނޭޕާލްގެ ޚާރިޖީ ސިޔާސަތަށެވެ.

އޯލީގެ ކޮމިޔުނިސްޓު ޕާޓީ (ޔޫއެމްއެލް) ޗައިނާއަށް ބުރަވެފައިވާ ޚާރިޖީ ސިޔާސަތެއް ގެންގުޅުނުއިރު، ނެޕާލީ ކޮންގްރެސް ޕާޓީ ދީލާލާނެކަމަށް ބެލެވެނީ އިންޑިއާއަށް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް، ބަލެންގެ ރާސްތުރިޔާ ސްވަތަންތުރާ ޕާޓީ (އާރުއެސްޕީ)އިން ވަނީ ހުރިހާ ޤައުމަކާއެކު ވެސް ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅޭނެކަމަށް ބުނެފައެވެ.

ބަލެންއަކީ މީޑިއާ އާ ބީރައްޓެހި ބޭފުޅެއް ނަމަވެސް، އޭނާގެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ގެންދަވަނީ މީސްމީޑިޔާގެ މަންސަތައް މެދުވެރިކޮށެވެ. އެކަމުގެ ސަބަބުން ނޭޕާލްގެ ޒުވާނުންގެ އާބާދީގެ ސަމާލުކަން ބަލެން ވަނީ ހޯއްދަވައިފައެވެ.

ބަލެންގެ އާރުއެސްޕީގެ މެނިފެސްޓޯގައި، 1.2 މިލިއަން ވަޒީފާ އުފެއްދުމާއި، ސިއްޙީ އިންޝުއަރަންސް ފޯރުކޮށްދިނުމުގެ ވަޢުދު ހިމެނެއެވެ. މީގެތެރެއިން އެކަށީގެންވާ މުސާރައެއް ލިބޭ ވަޒީފާ ނުލިބުމަކީ ޒުވާނުންގެ އެންމެ ބޮޑު ޝަކުވާއެވެ. އަދި ނޭޕާލްގެ އުފެއްދުންތެރިކަމުގެ ނިސްބަތް، މިހާރު ބޮލަކަށްޖެހޭ 1،447 އެމެރިކާ ޑޮލަރުން 3،000 އެމެރިކާ ޑޮލަރަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގެންދިޔުމަކީ ވެސް ބަލެންގެ މުޙިންމު ވަޢުދެކެވެ.

ނަމަވެސް، ސިޔާސީ މައިދާނުގައި މާބޮޑު ތަޖުރިބާއެއް ނެތި، ބޮޑުވަޒީރުކަމުގައި ބަލެންގެ ކާމިޔާބީ ގުޅިފައިވަނީ، ސަރުކާރު ހިންގެވުމަށް އޭނާ ޚިޔާރުކުރައްވާނެ ބޭފުޅުންނާކަމަށް ތަޖުރިބާކާރުން ޤަބޫލުކުރައްވައެވެ.