ޚަބަރު

އިތުރު ވަގުތުގައި ޔުވެންޓަސް ބަލިކޮށް ގަލަތަސަރާއީ ދެވަނަ ބުރަށް


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި ރޭ ތުރުކީގެ ގަލަތަސަރާއީ އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ލަނޑާއެކު 3-2 އިން ގަލަތަސަރާއީ ބަލިވި ނަމަވެސް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ލިބިއްޖެ އެވެ.

ގަލަތަސަރާއީ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބިފައިވަނީ ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 5-2 ގެ ނަތީޖާ އަކުން ގަލަތަސަރާއީ މޮޅުވެފައިވާއިރު, ރޭ ކުޅުނު ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-0 ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވެފައިވާތީ 5-5 ގެ އެގްރިގޭޓް ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން އިތުރު ވަގުތުގެ ކުޅުމުގަ އެވެ. އިތުރު ވަގުތުގައި ގަލަތަސަރާއީ އިން ވަނީ 2 ލަނޑު ޖަހާ މެޗުގެ އެގްރިގޭޓް ނަތީޖާ 7-5 އަށް ބަދަލުކޮށްފަ އެވެ.

ޔުވެންޓަސްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގެ 37 ވަނަ މިނިޓުގައި ޔުވެންޓަސްގެ މެނިއެލް ލޮކަޓެލީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ޔުވެންޓަސް އިން 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި އެ ޓީމަށް ވަނީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެއީ ޔުވެންޓަސްގެ އިނގިރޭސި ޑިފެންޑަރ ލޮއިޑް ކެލީ ކުރި ފައުލަކާއި ގުޅިގެން ރެފްރީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއިއެކު އެއް ކުޅުންތެރިއަކު މަދުކޮށް ދެވަނަ ހާފުގެ ގިނައިރު އެ ޓީމަށް ކުޅެން ޖެހުމުންނެވެ.

މި މެޗުގައި ޔުވެންޓަސް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި ފެޑެރީކޯ ގަޓީ ކާމިޔާބުކޮށްދީފައިވާއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ވެސްޓަން މެކެންޒީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ އެގްރިގޭޓް ނަތީޖާ 5-5 އަށް ބަދަލުކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުމުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ގަލަތަސަރާއީގެ ވިކްޓަރ އޮސިމޭން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި އިތުރު ވަގުތުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ބަރިސް ޔިލްމާޒް ވަނީ އިތުރު ލަނޑެއް ޖަހާ ގަލަތަސަރާއީ އަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.

ގަލަތަސަރާއީ އަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް 14-2013 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ލިބިފައިވާއިރު ދެވަނަ ބުރުގައި އެ ޓީމާއި ދެކޮޅަށް ނިކުންނާނީ ލިވަޕޫލް ނުވަތަ ޓޮޓްނަމް ހޮޓްސްޕަރ އެވެ.