ޚަބަރު

ޚާމަނާއީ ޝަހީދުވެއްޖެ


  • އީރާނުންވަނީ ޤައުމީ ހިތާމައިގެ 40 ދުވަސް ޢިއުލާންކޮށްފައި

  • މިވަގުތު ޤައުމުގެ ހިންގުން ޙަވާލުކުރާނީ ޚާއްޞަ މަޖިލީހަކާ

ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚާމަނާއީ ޝަހީދުވެވަޑައިގެންފައިވާކަން އީރާނުން ކަށަވަރުކޮށްދީފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިޔާއިން ބުނީ އުމުރުން 86 އަހަރުގެ ޚާމަނާއީ ޝަހީދުވެފައި ވަނީ އޭނާގެ އޮފީހުގައި ކަމަށެވެ. އީރާނުން އެ ކަން އިޢުލާނުކުރުމުގެ ގަޑިއިރުތަކެއް ކުރިން ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވަނީ ޚާމަނާއީ ޝަހީދުވެފައިވާ ކަމުގެ ހެކިތަކެއް ހުރިކަމަަށް ބުނެފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޚާމަނާއީ ޝަހީދުވެފައިވާ ކަމަށް އިޢުލާނުކުރައްވައިފައެވެ. އޭގެ އިތުރުން ޚާމަނާއީގެ ހަށިކޮޅު ހޯދާފައިވާ ކަމުގެ އަޑުތައް ވެސް ދިޔައީ ފެތުރެމުންނެވެ. ނަމަވެސް އީރާނުން އޭރު ވެސް ބުނަމުން ދިޔައީ ޚާމަނާއީ ޝަހީދު ނުވާ ކަމަށެވެ.

އޭނާ ޝަހީދުވިކަން އެ ޤައުމުން މިހާރު ކަށަވަރުކޮށްދީފައިވާއިރު، އީރާނުގެ ދައުލަތުގެ މީޑިޔާއިން ބުނީ ޚާމަނާއީގެ ދަރިކަނބަލުންނާއި ދަނބިދަރިކަލުންނާއި ކާފަ ދަރިކަލުން ވެސް ޔަހޫދީންގެ ޙަމަލާގައި ޝަހީދުވެފައިވާ ކަމަށެވެ. ޚާމަނާއީ ޝަހީދުވުމާ ގުޅިގެން އެ ޤައުމުގައި 40 ދުވަހުގެ ހިތާމައިގެ މުއްދަތެއް ވަނީ އިޢުލާނުކޮށްފައެވެ.

ޚާމަނާއީ ޝަހީދުވި ކަމަށް އިޢުލާނުކޮށް ޓްރަމްޕް އޭނާގެ ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ އެމެރިކާގެ ވަރުގަދަ އަދި ޒަމާނީ ޖާސޫސީ އަދި ޓްރެކިންގ ސިސްޓަމްތަކުން ޚާމަނާއީ ހޯދާފައިވާ ކަމަށާއި އެ ނިޒާމުތަކަށް ޚާމަނާއީއަށް ފިއްލަވާވަޑައިނުގަނެވުނު ކަމަށެވެ. އެމެރިކާއިން ޔަހޫދީންނާ ގާތުން މަސައްކަތް ކުރުމުގެ ނަތީޖާއަކީ ޚާމަނާއީއާއި، އޭނާއާއެކު ޙަމަލާގައި ޝަހީދުވި އެހެން ލީޑަރުންނަށް ޙަމަލާ ދިނުމުން އެ ބޭފުޅުންނަށް އެ ޙާލަތުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މިއީ ޤައުމު، ރައްޔިތުންގެ ބާރުގެ ދަށަށް ގެނައުމަށް އީރާނުގެ ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ފުރުޞަތު ކަމަށާއި، ޤައުމުގެ ކޮންޓްރޯލު ނެގުމަށް މަސައްކަތްކުރާ މީހުންނާ އީރާނުގެ ސިފައިންނާއި ފުލުހުން ގުޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަހޫދީންނާއި އެމެރިކާގެ ޙަމަލާއެއްގައި ޚާމަނާއީ ޝަހީދުކޮށްލަފާނެ ޙާލަތަކަށް އީރާނުން ދިޔައީ ދުރާލާ ތައްޔާރުވަމުންނެވެ. އޭނާ ޝަހީދުކޮށްލުމުން މި ޙާލަތުގައި ދެން ކަންތައްތައް ހިންގާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި ޙަމަލާ ބަދަލުކުރުން އިތުރުވެ މައްސަލަ އިތުރަށް ގޯސްވުން އެކަށީގެންވެއެވެ.

އީރާނުގެ ރޫޙީ ވެރިޔާގެ ގޮތުގައި ޚާމަނާއީ މަސައްކަތްކުރައްވަން ފެށީ 1989ވަނަ އަހަރުއެވެ. އޭނާ އެ މަޤާމާ ޙަވާލުވެވަޑައިގަތީ 1979ވަނަ އަހަރުގެ އިންޤިލާބުގެ ދުވަސްވަރުގައި އީރާނުގެ ރޫޙީ ވެރިޔާގެ ގޮތުގައި ހުންނެވި އާޔަތުالله ރޫޙުالله ޚާމަނާއީއަށް ފަހުގައެވެ. އީރާނުގެ ރޫޙީ ވެރިޔާއަކީ އަސްކަރީ އަދި ޝަރުޢީ ގޮފި ހިމެނޭ ގޮތަށް އެ ޤައުމުގެ ސަރުކާރުގެ ހުރިހާ ގޮފިތަކެއްގެ މައްޗަށް ފަހު ބަސް ވިދާޅުވާ ފަރާތެވެ.

ޚާމަނާއީ ޝަހީދުވުމާއެކު ޤައުމުގެ ހިންގުން ޙަވާލުކުރާނީ އެ ކަމަށްޓަކައި ޤާއިމްކުރާ ޚާއްޞަ މަޖިލީހަކަށް ކަމަށް ބެލެވޭ ކަމަށް މަސްރަހު ދިރާސާކުރާ މާހިރުން ވިދާޅުވެއެވެ. މީގެ ކުރިން ވެސް އެ ޤައުމު ހިންގަމުން ދިޔައީ މި ފަދަ ނިޒާމެއްގެ ދަށުން ކަމަށް ވުން އެކަށީގެންވާ ކަމަށް ބައެއް މާހިރުން ޤަބޫލުކުރެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ 24 ޕްރޮވިންސަކަށް ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި 201 މީހުން ޝަހީދުވެފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީއިން ބުނެއެވެ. ޔަހޫދީން ޙަމަލާ ދީފައިވާ ތަންތަނުގެ ތެރޭގައި އީރާނުގެ ހުރުމުޒްޣާން ޕްރޮވިންސުގެ މީނާބް ސިޓީގެ ޕްރައިމަރީ މަދަރުސާއެއް ހިމެނެއެވެ. އެ ޙަމަލާގައި އެކަނި ވެސް 53 މީހުން ޝަހީދުވެފައިވާ ކަމަށް އީރާނުން ބުނެއެވެ. އަދި އިތުރު 63 މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ވެފައިވެއެވެ. އޭގެ އިތުރުން ތެހްރާންގެ މަދަރުސާއެއްގައި ވެސް ދެ ދަރިވަރުން ޝަހީދުވެފައިވެއެވެ. ޓްރަމްޕް ވަނީ އެމެެރިކާގެ އަމާޒު ހާސިލްވަންދެން ކެނޑިނޭޅި އީރާނަށް ޙަމަލާ ދެމުންދާނެ ކަމަށް ވިދާޅުވެފައެވެ.

އީރާނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް ޢަމާޒުކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފައެވެ. އޭގެތެރެއިން ބައެއް ޙަމަލާތަކުގައި ޔަހޫދީންގެ ބައެއް ޢިމާރާތްތަކަށް ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ. ޔަހޫދީންގެ ދަޢުލަތުގެ އިތުރުން، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް އީރާނުން ދަނީ ޙަމަލާތައް ދެމުންނެވެ. އޭގެތެރޭގައި، ޤަޠަރު، ބަޙްރައިން، ކުވެއިތު، އުރުދުން، ސަޢުދީ ޢަރަބިއްޔާ އަދި އެކުވެެރި ޢަރަބި އިމާރާތް ވެސް ހިމެނެއެވެ.

ވައިގެ ޙަމަލާތަކުގެ ސަބަބުން، މެދުއިރުމަތީގެ ގިނަ ޤައުމުތަކުން މިހާރު ވަނީ ވައިގެ ސަރަޙައްދު ބަންދުކޮށްފައެވެ. އެކަމުގެ ސަބަބުން ގިނަ ފްލައިޓުތަކެއް ކެންސަލްވެ، ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފައެވެ.