އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނަގާ މަޤްޞަދު އޮޅުވާލަންކަމަށް ވެރިކަން ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފިއެވެ.
އެޕާޓީން ވަނީ އަންނަ މަހު ނަގާ ޚިޔާލު ހޯދުމުގެ ވޯޓުގައި އެޕާޓީން ތާޢީދު ކުރަނީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ކަމަށް ރަސްމީކޮށް ޢިއުލާންކޮށްފައެވެ.
އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއިއެކު ޤާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދިޤު ކުރަން ފެނެތޯ ބެލުމަށް އާންމުން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގާނެއެވެ. މިއީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ފެނެތޯ ބެލުމަށް ނަގާ ވޯޓެކެވެ. މި ވޯޓުގައި ޕީއެންސީގެ ސްޓޭންޑަކީ، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުން ކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ.
މިކަމާއި ގުޅިގެން އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރ އަދި އިނގުރައިދޫ ދައިރާގެ މެންބަރ އިބްރާހިމް ފަލާޙް މިކަމުގައި އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި ވޯޓާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިހާރު މިކަމާއި ދެކޮޅަށް ނުކުމެފައިވީނަމަވެސް މިއީ މީގެ ކުރިން އެފަރާތްތަކުން ތާޢީދު ކުރެއްވި ކަމެއް ކަމަށެވެ.
"މިމައްސަލައަކީ އަޅުގަނޑުމެން ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ކުރީގެ ހުރިހާ ސިޔާސީ ޕާޓީއެއްވެސް، ހުރިހާ ވެރިންވެސް ވަރަށް ބޮޑަށް އިއްތިފާޤު ވެފައި އޮތް މައްސަލައެއް މިއީ." ޕީޖީ ލީޑަރ ފަލާޙް ވިދާޅުވިއެވެ.
ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިކަމުގައި އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް އެޕާޓިން ވަނީ ރައްދު ދީފައެވެ. އެގޮތުން މިއީ ރިޔާސީ ދައުރު ދައްމާލުމަށް ކުރާ ކަމެއް އެ ފަރާތްތަކުން ދައްކަން އުޅުނުނަމަވެސް ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުލާއި އެއްވެސް ގުޅުމެއް ނެތް ކަމަށް، ޕީޖީ ލީޑަރ ފަލާޙް ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ރައްޔިތުން ގާތަށް ދާން ޖެހޭ މިންވަރު މަދުކޮށް އިންތިޚާބުތައް މަދުކުރުމަށް، ކުރެވޭ ކަމެއް ކަމަށް އިދިކޮޅުން ބުނި ނަމަވެސް އެކަންވެސް ޕީއެންސީން ދޮގުކުރެއެވެ.
ފަލާޙް ވިދާޅުވީ، ދައުރެއްގެ ތެރޭގައި ސަރުކާރަކާއި މެދު ރައްޔިތުން ދެކޭ ގޮތް އިންތިޚާބުތަކުން އެނގިގެންދާ ކަމަށެވެ. އެހެންނަމަވެސް ބޮޑު ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވި ކަމުގައިވިއަސް، ރައްޔިތުންނަށް ވެރިކަމާއި މެދު ދެކޭ ގޮތް ހާމަކުރުން ދައުރުގެ މެދުތެރެއިން އިތުރު ފުރުސަތެއް ލިބޭ ކަމަށް ވިދާޅުވިއެވެ.
"ރިޔާސީ ދައުރުގައި މެދުގައި އެބައާދޭ ލޯކަލް ކައުންސިލް އިންތިޚާބު، ފަސް އަހަރު ދުވަސް ފުރޭނީ ދެން އަންނަ ރިޔާސީ އިންތިޚާބެއްގެ މެދަށް ގާތްގަނޑަކަށް. އެހެންވީމަ ދައުރެއްގެ މެދުތެރޭގައި ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބަކީ ލޯކަލް ކައުންސިލް އިންތިޚާބު. އެއިންތިޚާބު އެބަ ބޭއްވޭ ކޮންމެ ރިޔާސީ ދައުރެއްގެ މެދާއި ދިމާކޮށް " ޕީޖީ ލީޑަރ ފަލާޙް ވިދާޅުވިއެވެ.
ޕީއެންސީން ބުނީ ފެންނަ ނުފެންނަ ވޯޓުގައި އެޕާޓީން ތާޢީދުކުރާނީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުން ކަމަށާއި މިކަމަށް ވަރަށް ގިނަ ރައްޔިތުންގެ ތާޢިދުކުރާ ކަމަށެވެ.