ޚަބަރު

މެދުއިރުމައްޗަށް ޓްރާންސިޓް ނުވައި ފްލައިޓުތަކުގެ ޢަދަދު އިތުރުކުރަނީ


  • ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ %30އަށް އަސަރުކުރާނެ

  • އެކި މަންޒިލްތަކުން ސީދާ ދަތުރުތައް އިތުރު ކުރަން ދަނީ މަސައްކަތް ކުރަމުން

މެދު އިރުމަތީގެ މަސްރަޙު ހޫނުވެ، ދަތުރުފަތުރަށް ބުރުއެރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރާ އަސަރު ކުޑަކުރުމަށް މެދުއިރުމައްޗަށް ޓްރާންސިޓް ނުވާ ފްލައިޓުތަކުގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ދަނީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކު އެކަމުން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

މެދުއިރުމަތީގެ މަސްރަޙު ހޫނުވެ، އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާއި ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ ފްލައިޓްތައް ވަނީ ކެންސަލްވެފައެވެ. މިއާއެކު ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ނުފުރި ރާއްޖޭގައި ތާށިވުމާއި، ރާއްޖެ އަންނަން ތިބި ފަތުރުވެރިންނަށް ރާއްޖެ ނާދެވުމުގެ މައްސަލަ ދަނީ ކުރިމަތިވަމުންނެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޠާރިޤު އިބްރާހިމް ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ އަސަރު ސީދާ ރާއްޖެއަށް ކުރާނެ ކަމަށް ވިދާޅުވެފައެވެ. މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވަރޭޖްކޮށް 8،800 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. ވަޒީރު ވިދާޅުވީ، މީގެ ތެރެއިން 35 އިންސައްތަ ފަތުރުވެރިންނަކީ މެދުއިރުމަތިން ނުވަތަ އެމަގުން ރާއްޖެއަށް އަންނަ ފަތުރުވެރިން ކަމަށެވެ.

" އެހެންވީމަ 8800 ފަތުރުވެރިންގެ ތެރެއިން އަޅުގަނޑުމެން ހިސާބުތައް ބަލާލިއިރު ގާތްގަނޑަކަށް 30 އިންސައްތައާއި 35 އިންސައްތައާއި ދޭތެރޭ ފަތުރުވެރިން އައިސްފައިވަނީ މެދުއިރުމަތީގެ ފްލައިޓުތަކުން. އަޅުގަނޑުމެންގެ އުއްމީދަކީ މިކަން އަވަހަށް ހައްލުވުން. މެދު އިރުމަތިން އަންނަ ފަތުރުވެރިން މަދުވެގެން ދާނެ މިކަމުގެ ސަބަބުން، ރާއްޖެ އަންނަ މީހުން ދެން ބަލާނީ އެހެން ރޫޓަކުން އާދެވޭތޯ. " ވަޒީރު ތާރިޤު ވިދާޅުވިއެވެ.

މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކާއިއެކު ވަޒީރު ވިދާޅުވީ، ރާއްޖެ އައުމަށް ފަތުރުވެރިން އެހެން ގޮތްތައްވެސް ބަލާނެ ކަމަށެވެ. ނަމަވެސް ރާއްޖެއިން އަވަސް ފިޔަވަޅުތަކެއް އަޅައި، މިކަމުން ލިބޭނެ ގެއްލުން ކުޑަ ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ، މި ހާލަތުގައި ދިމާވާނެ ގެއްލުންތައް ފޫބެއްދުމަށް އެހެން މާކެޓުތަކުން މީހުން ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ. މިގޮތުން ޔޫރަޕް އަދި އެހެން މަންޒިލްތަކުން ސީދާ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭޝިއާ ސަރަޙައްދުންވެސް އިތުރު މަންޒިލްތައް ބަލައި، އެ ފްލައިޓްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ ބަލަމުން މެދުއިރުމަތީގައި ޓްރާންސިޓް ނުކުރާ ފްލައިޓުތައް ފްރީކުއެންސީ އިތުރުކުރަން. ޗައިނާ، އިންޑިއާ މާކެޓަކީ އިތުރު ފްރީކުއެންސީ ވެއްޖެނަމަ އަޅުގަނޑުމެންނަށް ފޫބެއްދޭނެ ކަންތައް." ވަޒީރު ތާރިޤު ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހާލަތު ގޯސްވުމުން އެސަރަޙައްދުން ދަތުރުކުރާ ގިނަ އަދަދެއްގެ ފްލައިޓު ވަނީ ކެންސަލްކޮށްފައެވެ. މިއާއެކު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގެ އެއާޕޯޓުގައި ތާށިވެފައިވާއިރު، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެފަރާތްތަކަށް ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަގުފަހިކޮށްދޭން އެއާލައިންތަކާއި، ކަމާއި ގުޅުންހުރި އެހެން ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.