މި ލިޔުމުގައި މި ގެނެސްދެނީ މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސް ޚަވާރިޖުންނާ ކުރެއްވި ޢިލްމީ ބަޙުޘުގެ ވާހަކައެވެ.
މި ލިޔުން ބިނާކޮށްފައި މިވަނީ މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އިބުނު ޢައްބާސް ގެ އަރިހުން ރިވާވެގެންވާ ރިވާޔަތުގެ މައްޗަށެވެ. މި ލިޔުން ލިޔުމުގައި ބަލާފައިވާނީ، އަލްބައިހަޤީ އާއި އައްނަސާއީ އާއި އަލްމުސްތަދުރަކުގައި މިކަމާގުޅޭގޮތުން އައިސްފައިވާ ރިވާޔަތްތަކަށެވެ. މި މީހުންނަށް ކިޔޭ ނަންތަކުގެ ތެރޭގައި “ޙަރޫރިއްޔާ ހިމެނެއެވެ.” މި މީހުންނަށް ޙަރޫރިއްޔާއިންނޭ ކިޔުނު ސަބަބަކީ، މި މީހުން ޢަލީގެފާނުގެ މައްޗަށް ނިކުމެގަތުމަށްފަހު އެންމެ ފުރަތަމަ ޖަމާވިތަން ހުންނަނީ ކޫފާގެ ކައިރީގައި އޮންނަ ޙަރޫރާ ކިޔުނު ރަށެއްގައެވެ. މި މީހުންނަށް މިނޫން ނަންތައްވެސް ކިޔެއެވެ. ނަމަވެސް ޙަރޫރިއްޔާއިންގެ ނަމަކީ މި ހާދިސާ ކިޔައިދީފައިވާ ރިވާޔަތުގައި ބޭނުންކޮށްފައިވާ ނަންކަމުގައިވާތީ އެނަންކިޔުނު ގޮތަށް އިޝާރާތްކޮށްލުމަކީ މުނާސަބުކަމެއްކަމުގައި ދެކޭތީ އެ ނަމަށް އިޝާރާތްކޮށްލީއެވެ.
ޙަރޫރިއްޔާ އިން ޢަލީގެފާނުގެ މައްޗަށް ނިކުމެގަތުމަށްފަހު ގެއަކަށް އެއްވިއެވެ. އެހިނދު އިބުނު ޢައްބާސް ޢަލީގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ މުއުމިނުންގެ އަމީރުކަލޭގެފާނެވެ. ޚަވާރިޖުންގެ ގާތަށްގޮސް ވާހަކަ ދައްކައިގެން ހައްލެއް ލިބޭތޯ އުއްމީދުކޮށްގެން އެބައިމީހުންގެ ގާތަށް އެބަދަމެވެ. ވީމާ ފިނިވެލަންދެން މެންދުރު ނަމާދު ފަސްކޮށްދެއްވުން ކީއްތޯއެވެ؟! ޢަލީގެފާނު ވިދާޅުވިއެވެ. އަހުރެން ކަލޭގެފާނުގެ މައްޗަށް ބިރުވެތިވެވަޑައިގަންނަވަމެވެ. އިބުނު ޢައްބާސް ވިދާޅުވިއެވެ. އެހެންނަކުން ނުވާނެއެވެ.
އެއަށްފަހު އިބުނު ޢައްބާސް އެމީހުންގެ ގާތަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ތުރުކުރެއްވީ ޔަމަނުގެ ރީތި ފޭރާމެކެވެ. މިގޮތަށް ނަލަހެދިވަޑައިގެން އިބުނު ޢައްބާސް އެބައިމީހުން އެއްވެތިބި ގެއަށް ވަޑައިގެންނެވިއެވެ. އޭރު އެމީހުން ތިބީ ޤައިލޫލާ ނަގާށެވެ. އިބުނު ޢައްބާސަކީ ރިވެތި އަދި އަރުހަރު ބޭކަލެކެވެ. އިބްނު ޢައްބާސް އެބައިމީހުންނަށް ސަލާމް ގޮވާލެއްވިއެވެ. މި ރިވާޔަތުގައި އެބައިމީހުން ސަލާމް ބަލައިގަންކަން އެނގޭކަށް ނެތެވެ. އޭގެ ބަދަލުގައި ރިވާޔަތުގައި އޮތީ ސަލާމް ގޮވާލެއްވުމަށްފަހު އެބައިމީހުން އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅަށް ފާޑުކީކަމެވެ. ސަލާމް ރައްދުކުރިތޯ ނުކުރޭތޯ އެއީ އެހެންކަމެކެވެ. ރިވާޔަތުން ޔަޤީންވާކަމަކީ އެބައިމީހުން އެކަލޭގެފާނު ތުރުކުރައްވައިގެން ހުރި ހެދުންކޮޅަށް ފާޑުކީކަމެވެ.
މިގޮތުން އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅަށް އަމާޒުކުރި ފާޑުކިޔުމަށް އެކަލޭގެފާނު ޖަވާބުދެއްވީ ޙިކުމަތާއި ޙުއްޖަތާއެކުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް ތިޔަބައިމީހުން ޢައިބު ތިޔަކިޔަނީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އެންމެ ރިވެތި ހެދުން ތުރުކުރައްވަވައިގެން ހުންނަވަނިކޮށް އަހުރެން ދެކެވަޑައިގަތީމެވެ. އަދި ﷲ ބަސްވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. (قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ) (الأعراف:32) މާނައި: “ކަލޭގެފާނު ވިދާޅުވާށެވެ! اللَّه، އެކަލާނގެ އަޅުތަކުންނަށް ނެރުއްވައިދެއްވި، ﷲ ގެ ޒީނަތާއި، ރިޒުޤު ގެ ތެރެއިން ރަނގަޅު ތަކެތި ޙަރާމް ކުޅައީ ކާކުހެއްޔެވެ؟”
ހެދުންކޮޅަށް ފާޑުކިޔުމަށްފަހު ދެން އެބައިމީހުން ސުވާލުކުރެއްވީ އެކަލޭގެފާނު ވަޑައިގަތް ބޭނުން އޮޅުންފިލުވުމަށެވެ. އެބައިމީހުން ދެންނެވިއެވެ. ކަލޭގެފާނު ވަޑައިގެން ބޭނުމަކީ ކޮބައިތޯއެވެ؟ އިބްނު ޢައްބާސް ވިދާޅުވިއެވެ. އަހުރެން މި ވަޑައިގަތީ އިތުރު އެކަލޭގެފާނުގެ އަޞްޙާބުންކުރެ މުހާޖިރުންނާއި އަންޞާރުން ގެ ފަރާތުން އެބައިމީހުން ފޯރުކޮށްދެއްވުމަށް ބޭނުންފުޅުވާ ކަންކަން ހުރުމުން އެކަންކަމައިގެންކަމުގައި ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ އޭގެ ޖަވާބުގައި ތިޔަބައިމީހުން ބުނާ އެއްޗެއް ބެލުމަށްކަމަށެވެ. އެއަށްފަހު އިބުނު ޢައްބާސް އިތުރު ތަފްޞީލު ދެއްވިއެވެ. އެގޮތުން ކީރިތި ޤުރުއާން ބާވާލެއްވުނީ އެބޭކަލުންގެ މައްޗަށް އަދި އެބޭކަލުންގެ ތެރެއަށް ކަމުގައިވާތީ، އެ ޤުރުއާން އެންމެ ރަނގަޅަށް ފަހުމުވާނެބަޔަކީވެސް އެއީކަމަށާއި، ޚަވާރިޖުންގެ ތެރޭގައި އޭގެތެރެއިން އެންމެ ބޭކަލަކުވެސް ނެތްކަމުގައި ވިދާޅުވިއެވެ. އެހިނދު އޭގެތެރެއިން ބައެއް މީހުން ބުންޏެވެ. ޤުރައިޝްވަންހާ ގެ މީހުންނަށް ޒުވާބު ނުދޭށެވެ! އެމީހުންނާ ގުޅޭގޮތުން ﷲ މިފަދައިން ބަސްވަޙީކުރައްވާފައި އެބައޮތެވެ. (بَلْ هُمْ قَوْمٌ خَصِمُونَ) (الزخرف:58) މާނައީ: “އަދި ކިއެއްހެއްޔެވެ! އެއުރެންނީ ބާޠިލުގޮތުގައި ޒުވާބުދީ އުޅުން ބޮޑު ބައެކެވެ.”
އިބުނު ޢައްބާސް ވިދާޅުވިއެވެ. އެއަށްވުރެ އަޅުކަމުގައި ގަދައަޅާ މަސައްކަތްކުރާ ބަޔަކު ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ. އަޅުކަން ކުރުމަށް ހޭލާތިބޭލެއް ގިނަކަމުން އެމީހުންގެ މޫނުމަތި ތަޣައްޔަރުވެފައި ވެއެވެ. އަޅުކަން ކޮށްކޮށް އެބައިމީހުންގެ އަތްތިލައާއި ކަކުލުގައި ކުރަލައިފައި ވެއެވެ. އެބައިމީހުންގެ އަތާފައިގައި ހުރި ކުރަގަނޑުގެ މިސާލަކީ ޖަމަލު ބިމުގައި ބަނޑުޖެހުމުގެ ގޮތުން މޮށްގަނޑު ވިއްދާތަނުގައި ހުންނަ ކުރަގަނޑުގެ މިސާލެވެ. އެބައިމީހުން ލައިގެން ތިބި ހެދުމަކީ ދޮވެދޮއި ފިނދިފައި ހުރުމުގެ ސަބަބުން ބާވެފައިވާ ހެދުމެވެ.
އެބައިމީހުންގެ ދިރިއުޅުމުގެ މި ވައްޓަފާޅިއަކީ އިބުނު ޢައްބާސް ވަޑައިގެންއިރުގައި ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅަށް ފާޑުކިއުމުގެ ސަބަބެވެ. އެބައިމީހުން ދުށީ އާހެދުން ލުމަކީ ޒާހިދުކަމާ ފުށުއަރާކަމެއް ކަމަށެވެ. ނަމަވެސް އިބުނު ޢައްބާސް އެއަށް ދެއްވި ޖަވާބުން އެބައިމީހުން ދެކޭގޮތަކީ ޝަރުޢީކަމެއް ނޫންކަން އެނގެއެވެ. ޝަރުޢުގައި އެކަން އޮތްގޮތް ކީރިތި ޤުރުއާނުގައި ބަޔާންވެފައި އެއޮތީއެވެ. ޒާހިދުކަމަކީ އެމީހަކު އަމިއްލައަށް ވަރަޢަވެރިވުމުގެ ގޮތުން ޚިޔާރުކުރާ މަގެކެވެ. ޝުރުޢީ ޙުކުމެއް ނޫނެވެ. އެމީހެއްގެ ޒާހިދުކަން އެނެކާގެ މައްޗަށް ފައްތަން އުޅުމަކީ ދީނީ ހަމަތަކާމެދުގައި ބަޔަކު ނަފްރަތުކޮށްފާނެ ކަމެކެވެ. މިހެންވެ އެންމެ ފުރަތަ ގޮވާލަންވާނީ ދީން ތަރުތީބުކޮށްފައިވާ އައުލަވިއްޔާތަށް ބަލައިގެންނެވެ. ޒާހިދުކަމަކީ ހިތުގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމުގައި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. އެއީ ބޭރުފުށުގެ މަންޒަރަކާ ގުޅުންހުރިކަމެއް ކަމުގައި ބައެއް ޢިލްމުވެރިން ދެކެވަޑައެއް ނުގަންނަވައެވެ. މިކަންކަމަށްފަހު އެބައިމީހުންގެ ތެރެއިން ބަޔަކު ޤަބޫލުކުރީ އެކަލޭގެފާނު ވިދާޅުވާ އެއްޗެއް ބެލުމުގެ ގޮތުން އެކަލޭގެފާނާ ވާހަކަދައްކަން ޖެހޭކަމަށެވެ.
ވާހަކަ ދައްކަންޖެހޭކަމަށް އެބައިމީހުންގެ ތެރެއިން ބަޔަކު ޤަބޫލުކުރިހިނދު އިބުނު ޢައްބާސް އެމީހުންނާ ސުވާލުކުރެއްވިއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ ބޮޑުބޭބޭކަލުންގެ ދަރިކަލުން އަދި އެކަލޭގެފާނުގެ ދަނބިދަރިކަލުންގެ އިތުރުން މުހާޖިރުންނާއި އަންޞާރުންނާމެދު އެބައިމީހުން އިންކާރުކުރާ ސަބަބާ ގުޅޭގޮތުންނެވެ. އެ ސުވާލާ ގުޅިގެން އެބައިމީހުން އިންކާރުކުރާ ސަބަބުތައް ބަޔާންކޮށްފައި ވެއެވެ.
ފުރަތަމަ ކަމަކީ، ﷲ ގެ ދީނުގެ ކަންކަމުގައި މީހުން ޙަކަމުންގެ ގޮތުގައި ބޭނުންކުރުމެވެ. އެގޮތަށް އެމީހުން ދެކޭ ދެކުމުގެ ޙުއްޖަތެއްގެ ގޮތުގައި އެމީހުން ދައްކާފައިވަނީ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތެކެވެ. އެއީ ﷲ ވަޙީކުރައްވާފައިވާ މި ބަސްފުޅެވެ. (إِنِ الْحُكْمُ إِلَّا لِلَّهِ) (الأنعام: 57) މާނައީ: “ޙުކުމް ކުރެއްވުން ﷲ އަށް މެނުވީ ނުވެއެވެ.” އެއަށްފަހު ޙުކުމާ މީހުންނާ އޮތީ ކޮން ގުޅުމެއްތޯ ސުވާލު އުފައްދާފައި ވެއެވެ؟
މި ސުވާލާ ގުޅިގެން އިބުނު ޢައްބާސް ވިދާޅުވިއެވެ. ތިޔަ ދިޔައީ އެއްކަމެކެވެ. ދެވަނަ ކަމަކީ ކޮބައިހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. އަނެއްކަމަކީ، ޢަލީގެފާނު ހަނގުރާމަކުރައްވައިފިއެވެ. ނަމަވެސް އަސީރުން ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ހަމަ އެހެންމެ ޣަނީމާ ގެ ގޮތުގައި މުދާ ހިއްޕަވާފައެއްވެސް ނުވެއެވެ. އެކަލޭގެފާނު ހަނގުރާމަކުރެއްވީ ކާފަރުންނާކަމުގައި ވަނީނަމަ އެބައިމީހުންގެ އަސީރުންނާއި ޣަނީމާ ހުއްދަވާހުއްޓެވެ. އެކަލޭގެފާނު ހަނގުރާމަކުރެއްވީ މުއުމިނުންނާކަމުގައި ވަނީނަމަ އެބައިމީހުންނާ ހަނގުރާމަކުރުން ހުއްދަވެގެންނެއް ނުވެއެވެ.
އިބުނު ޢައްބާސް ވިދާޅުވިއެވެ. ތިޔައީ ދެކަންތަކެވެ. ތިންވަނަ ކަމަކީ ކޮބައިހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. ތިންވަނަކަމަކީ، އެކަލޭގެފާނު ވަނީ އަމީރުލްމުއުމިނީނަގެ ލަޤަބު ދޫކޮށްލައްވާފައެވެ. އެހެންވީއިރު އެކަލޭގެފާނަކީ ކާފިރުންގެ އަމީރެވެ. މީގެ މާނައަކީ ޞިއްފީނު ހަނގުރާމައަށްފަހު ތަޙްކީމު ކުރުމަށް އެއްބަސްވެވަޑައިގެން ދެފަރާތުން ވަޑައިގެން ޙަކަމުންކުރެ ޢަލީގެ ފާނުގެ ފަރާތްޕުޅުން ވަޑައިގެން މަންދޫބު އިޢުލާނުކުރެއްވި ކުރެއްވުމުގެ ވާހަކައެވެ.
އެބައިމީހުންގެ ފަރާތުން ހުށަހެޅި ތިންކަމުގެ އިތުރުން އެހެންކަމެއް އޮތްތޯ ކަށަވަރުކުރެއްވުމަށްފަހު، އެހެންކަމެއް ނެތްކަމަށް އެބައިމީހުން ބުނުމުން، ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ކުރިން ދެފަރާތުގެ ދެމެދުގައި ކުރެވޭ ބަޙުޘް ކުރިއަށް ދާނެގޮތް ކުރައްސަވާލައްވާ އެގޮތަށް އެއްބަސްތޯ ސުވާލުކުރެއްވިއެވެ. މިގޮތުން އިބުނު ޢައްބާސް ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ބަސް ރައްދުކުރާނެ ޙުއްޖަތް ﷲ ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުން ދައްކައިފިނަމަ ތިޔަބައިމީހުން އެކަމާ އެއްބަސްހެއްޔެވެ؟ އެބައިމީހުންގެ އާނބަސް ހޯއްދެވުމަށްފަހު، އެބައިމީހުން އުފެއްދި ސުވާލުތަކަށް ޖަވާބު ދެއްވަން ފެއްޓެވިއެވެ. މިގޮތުން ފަހަރަކު ސުވާލަކަށް ޖަވާބުދެއްވަމުން ވަޑައިގެންނެވިއެވެ. އަދި ޖަވާބު ދެއްވަމުން ގެންދެވީ ޙުއްޖަތާއެކު ސީދާ ސުވާލަށް ސާދާކޮށެވެ.
މިގޮތުން އެބައިމީހުން އިންކާރުކުޅަ ކަންކަމުގެ ތެރެއިން ފުރަތަމަ ނުކުތާއަށް ދެއްވި ޖަވާބު އަޑުއައްސަވާށެވެ! އޭގެ ކުރިން އެކަމަކީ ކޮބައިކަން އާކޮށްލަމާހެއްޔެވެ؟ އެކަމަކީ ﷲ ގެ ދީނުގެ ކަންކަމުގައި މީހުން ޙަކަމުންގެ ގޮތުގައި ބޭނުންކުރުމެވެ. އޭގެ ޖަވާބުގައި ދެ މިސާލެއް ގެންނެވިއެވެ.
ފުރަތަމަ މިސާލަކީ: އިޙްރާމުގައި ތިބޭ މީހުން ޝިކާރަކޮށް ޤަތުލުކޮށްފިނަމަ އެކަމަށް ދޭންޖެހޭ ޖަޒާއަކީ ޤަތުލުކުރި އެއްޗަކާ އެއްފަދަ އެއްޗެއް ނަޢަމު ސޫފީގެ ތެރެއިން ނެރުންކަމުގައިވާތީ، އެކަމުގައި ޙަކަމުންގެ ގޮތުގައި މީހުން ކަނޑައަޅުއްވާ ޤުރުއާނުގައި އެކަން އަންގަވާފައިވާ ވުމެވެ. އެވާހަކަ މާތް ﷲ އަންގަވާފައިވަނީ އަލްމާއިދާ ސޫރަތުގެ 95 ވަނަ އާޔަތުގައެވެ.
މިކަމާގުޅޭގޮތުން އިބުނު ޢައްބާސް ވިދާޅުވެފައިވަނީ، ހެޔޮކަންބޮޑީ، މުސަޅެއް ނުވަތަ އެފަދަ އެއްޗަކާ ގުޅޭގޮތުން މީހުން ކުރާ ޙުކުމް ހެއްޔެވެ؟ ނުވަތަ މީހުންގެ ލޭއޮހޮރުވުމާ ގުޅޭ ކަންކަމުގައި ކުރާ ޙުކުމްހެއްޔެވެ؟ ނުވަތަ މީސްތަކުންގެ މެދުގައި ޞުލްޙަ ޤާއިމުކުރުމަށް މީހުން ކުރާ ޙުކުމްހެއްޔެވެ؟ ﷲ އިރާދަކުރެއްވިނަމަ މިކަމުގައި ޙުކުމްކުރުމަށް މީހުންނަށް ދޫނުކުރައްވާ އެކަލާނގެ ޙުކުމެއް ބާވާލެއްވީހެވެ.
މިތަނުގައި އިބުނު ޢައްބާސް ބޭނުންކުރައްވާފައިވަނީ، ޤިޔާސުލް އައުލަވިއްޔާއެވެ. މީގެ މާނައަކީ، އިޙްރާމް ބަނދެގެން ހުރި މީހާ ޝިކާރައެއް ޤަތުލުކުރުމުން ޖަޒާއެއްގެ ގޮތުގައި ދޭނެ އެއްޗެއް ކަނޑައެޅުން ހަވާލުކޮށްފައި މިވަނީ މީހުންނާއެވެ. ޢަލީގެ ފާނާ މުޢާވިޔަތުގެފާނުގެ ލަޝްކަރާމެދުގައި ހިނގީ ހަނގުރާމައެކެވެ. އެތަކެއް ބަޔަކު ޤަތުލުވެގެން ދިޔައެވެ. ޝިކާރަކުރުމަކީ އޭގެ ޒާތުގައި ހުއްދަކަމެކެވެ. ނަމަވެސް ވަކިކަމަކާ ގުޅިގެން އެއްޗެއްގެ ފުރާނަ ދާފަދަ ޢަމަލެއްކުރުން މިވަނީ ހަރާމްކުރައްވާފައެވެ. އެކަމުގެ ޖަޒާ ކަނޑައެޅުން މިވަނީ މީހުންނާ ހަވާލުކުރައްވާފައެވެ. އައުލާކަން ބޮޑީ މީހުންގެ ލޭއޮހޮރުވުން ހުއްޓުވުމުގެ ގޮތުން މީހުން ޙަކަމުންގެ ގޮތުގައި ބޭނުންތޯ އެއަށްވުރެ ކުޑަކަމެއްގައި ޙަކަމުން ބޭނުންކުރުންތޯއެވެ؟ ޝައްކެއް ނެތްގޮތުގައި އިންސާނާއަކީ އެންމެ މާތް މަޚްލޫޤެވެ. އޭނާއަށްޓަކައި ކައުނުގައިވާ ތަކެތި ޚިދުމަތްކުރައްވާ މާތްކުރައްވާފައިވާ ފަރާތެކެވެ. މިހެންކަމުން އިންސާނެއްގެ ފުރާނައަށްވުރެ ޙިމާޔަތްކުރުން އައުލާކަން ބޮޑު އެއްޗެއް ނުއޮންނާނެއެވެ.
(ނުނިމޭ)
ލިޔުނީ: އަލްއުސްތާޛު މުހައްމަދު ޢީސާ