ރޯދަމަހުގެ ފަހު 10 ގައި ޢުމްރާގެ އަޅުކަމަށް ގެންދިއުމަށް މީހުންގެ އަތުން ފައިސާ ނެގުމަށްފަހު އެންމެ ފަހު ވަގުތު ދަތުރު ކެންސަލްކުރި އަލްއަބްރާރް ގްރޫޕުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ހާމަކުރާގޮތުގައި ރޯދަ މަހު ޢުމްރާއަށް މީހުން ގެންދިއުމަށް ގްރޫޕަކުން ފައިސާ ނެގުމަށް ފަހު، ދަތުރު ކެންސަލްކޮށްފައިވާކަމުގެ މައްސަލައެއް މިމަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާއި ގުޅިގެން އިސްލާމީ ކަންތަކާބެހޭ ވުޒާރާއިން ވިދާޅުވީ އަބްރާރް ގުރޫޕުގެ ހަވާލުގައި ޢުމްރާއަށް ފުރުމަށް ހަމަޖެއްސި 110 މީހުންގެ ދަތުރު ކެންސަލްކުރީ މަޤުބޫލު ސަބަބެއް ނެތިކަން މިހާތަނަށް ބެލިބެލުމުން ހާމަވާކަމަށެވެ. މި މައްސަލައާއި ގުޅިގެން އެ ގުުރޫޕަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ސަސްޕެންޑްކޮށްފައިވާކަމަށް އިސްލާމީ ކަންތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޢުމްރާގެ އަޅުކަމަށް ދިއުމަށް އެ ގްރޫޕުން މީހެއްގެ އަތުން 45،000ރ. ނަގާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ ފުރަން އޮތް ދުވަހުގެ މެންދުރެއްހާއިރު އެ ގްރޫޕުން ދަތުރުވެރިންނަށް އަންގާފައި ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ވާނެ ގޮތެއް ނޭނގޭތީ ފުރުން ކެންސަލްވި ކަމަށެވެ.
އިސްލާމީ ކަންތަކާބެހޭ ވުޒާރާއިން ވަނީ ޢުމްރާއަށް ނުފުރި ތިބި 164 މީހުން ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަން އެއާލައިންގެ މަތިންދާބޯޓެއް ޗާޓަރު ކޮށްގެން އާދިއްތަ ދުވަހުގެ ރޭ ފުރުވާލައިފައެވެ. އެ މީހުން މައްކާގައި ތިބުމުގެ އިންތިޒާމުތައްވެސް ހަމަޖައްސަމުންދާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ވުޒާރާއިން ވިދާޅުވީ، އަބްރާރް ގުރޫޕުން އަމަލުކުރި ގޮތާ ގުޅޭ މައްސަލަ އިތުރަށް ބަލައި، އުސޫލުގެ ތެރެއިން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެ ކުންފުންޏާ ދެކޮޅަށް އަޅާނެ ކަމަށެވެ.