މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖެއިން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާގެ ވެރިރަށް ނިއުލީގައި އަންނަ ނޮވެމްބަރ މަހުގެ 21 ން 22 އަށެވެ.
ތިންވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރަސްމީގޮތުން އިފްތިތާޙު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މި އަހަރުގެ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތާއި އިންވެސްޓްމަންޓް ފޯރަމް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، މީގެ ކުރިން ބޭއްވި ދެ އިންވެސްޓްމަންޓް ފޯރަމްވެސް ވަރަށް ކާމިޔާބު ކަމަށެވެ. މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ސަބަބުން، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއާއި ގުޅޭގޮތުން ވަރަށް ސާފު މެސެޖެއް ދެވިފައިވާ ކަމަށާއި، އެއީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ ހުޅުވާލެވިފައި އޮތުން ކަމަށް މިނިސްޓަރ ވިދާޅުވެއެވެ.
އަދި މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމް އިންޑިއާގައި ބޭއްވިގެން ދިޔުމުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ތިންވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ނިއު ދިއްލީގެ މެޖިސްޓިކް ތާޖް ޕެލެސްގައެވެ.
މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭއާއި އިންޑިއާ ދެމެދު އޮތް ޒަމާންވީ ދޭދޭ އަދި ވިޔަފާރީގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް މިފަދަ ފޯރަމްތައް މުޙިއްމުކަމަށް ވިދާޅުވެފައިވެއެވެ.
އަދި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ކާމިޔާބު ފޯރަމްއަކަށް ހެދުމަށްޓަކައި، ފޯރަމްގެ ކުރިން ބައްދަލްވުންތައް ބާއްވާ ރާއްޖެއިން މި ފޯރަމްއިން ހާސިލްކުރަން ބޭނުންވާ ކަންތައްތައް ދެނެގަންނަން ބޭނުންވާ ކަމަށް ސަފީރު ވިދާޅުވިއެވެ. ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގެ އެކި ބައިތައް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ހަތަރު ކެޓަގަރީއެއް ވަނީ ކަނޑައަޅާފައެވެ. ކެޓަގަރީތަކުގެ ތެރޭގައި ޕްލެޓިނަމް، ގޯލްޑް އަދި ސިލްވާ ހިމެނެއެވެ.
މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން ބޭރުގެ އިންވެސްޓަރުންނަށް މަޢުލޫމާތު ދެއްވުމަށް ބާއްވަވާ ފޯރަމެކެވެ. މި ފޯރަމް ފުރަތަމަ ބާއްވަވާފައިވަނީ ސިންގަޕޫރުގައެވެ. އަދި، ދެވަނަ ފޯރަމް ބާއްވަވާފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގގައެވެ.