މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުގައި ހުރި ބިދޭސީ މީހާއަށް ފުލުހުންގެ ފަރާތުން އަނިޔާއެއް ލިބުނު ކަމުގެ ޝަކުވާއެއް ކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ކުރެވޭ ތުހުމަތުތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވަނީ ތަޙުޤީޤު ކުރަން ފަށާފައެވެ.
މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލަ އެޗްއާރުސީއެމުން ތަޙުޤީޤު ކުރަމުންދާކަން އެ މުއައްސަސާއަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ކުރިއަށްގެންދާ ތަޙުޤީޤަށް ފުލުހުންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަންވެސް ފުލުހުން ވަނީ ދީފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ފުލުހުން ވިދާޅުވީ، އެ މީހާ ބަންދު ކުރުމުގެ މަރުޙަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގެ ތެރޭގައިވެސް، އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ ޝަކުވާއެއް ކޮށްފައިނުވާ ކަމަށެވެ. އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ޙިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
މީގެ އިތުރުން، އެ މީހާ ބަންދުގައި ހުރި މުއްދަތުގައި ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަންވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. ފުލުހުން މިހެން ވިދާޅުފައިވަނީ، ބިދޭސީ މީހާއަށް އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
ފަހަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ ބިދޭސީންގެ އަދަދު އިތުރުވެފައިވާއިރު، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް ޤާނޫނަށް ގެނައި އިސްލާޙަށް ވަނީ އަމަލުކުރަން ފަށާފައެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި އިއްޔެ އެކަނިވެސް 8 ބިދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.