ހައްދުފަހަނައެޅި ޔަހޫދީ ދައުލަތް، އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި ބައިނަލްއަގުވާމީ ޤާނޫނުތަކަށް ތަބާވަންދެން ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ރާއްޖޭން ގޮވާލައިފިއެވެ.
ރާއްޖޭން މިކަމަށް ގޮވާލީ މިހާރު ޖެނީވާގައި ކުރިއަށްދާ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 3 ވަނަ އާންމު ބައްދަލުވުމުގެ ތެރެއިން އިއްވި ބަޔާނެއްގައެވެ.
ރާއްޖޭގެ ފަރާތުން އިއްވި ބަޔާނުގައި ވަނީ ފަލަސްތީނުގެ އިޤްތިޞާދީ، އަދި އިޖުތިމާޢީ ޙައްގުތައް ހީނަރުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޚާއްސަކޮށް އެ ޤައުމަށް ކުރިމަތިކުރުވާފައިވާ އިންސާނީ ކާރިސާގެ އަސަރު އެ ޤައުމުގެ ކުޑަކުދިންނަށް ކުރަމުންދާކަމުގެ ކަންބޮޑުވުން ރާއްޖޭން ވަނީ ފާޅުކޮށްފައެވެ.
މި ބަޔާނުގައި ރާއްޖޭން ވަނީ ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ކުށެއްނެތް މައުސޫމް ކުޑަކުދިންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި އެ ޤައުމަށް އަތްގަދަކުރުމަށް ކުރަމުން އަންނަ ކަންކަން ވަގުތުން ހުއްޓާލުމަށްވެސް ގޮވާލާފައެވެ. އަދި އެ ދައުލަތުން ބައިނަލްއަގުވާމީ ޤާނޫނުތަކަށް ތަބާވަންދެން ސިޔާސީ ގޮތުންނާއި އިޤްތިޞާދީގޮތުން އަދި ޑިޕްލޮމެޓިކްގޮތުން ފިޔަވަޅު އެޅުމަށް މެންބަރު ޤައުމުތަކަށް ރާއްޖޭން ވަނީ ގޮވާލާފައެވެ.
At #HRC61, #Maldives delivered a statement during the Item 3 General Debate, expressing concern over the deteriorating economic, social and cultural rights situation in Palestine, particularly the severe humanitarian conditions affecting children. #Maldives also called on Israel… pic.twitter.com/XGtISoseet
— Maldives Mission GVA (@MDVinGeneva) March 11, 2026
ޔަހޫދީ ދައުލަތުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ރާއްޖޭން އަންނަނީ ތަކުރާރުކޮށް ބައިނަލްއަގުވާމީ އެކި މަންސަތަކުގައި އަޑުއުފުލަމުންނެވެ. ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުގެ ޒިންމާ އަދާކުރުމަށާއި ޔަހޫދީ ދައުލަތާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ރާއްޖޭން އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.
ރާއްޖޭން ވަނީ ޤައުމީ ފެންވަރުގައި އެޅެން ހުރި ފިޔަވަޅުތައްވެސް ޔަހޫދީ ދައުލަތާމެދު އަޅަމުންނެވެ. އެގޮތުން، އެ ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭގޮތް ވަނީ ހަދާފައެވެ.
ހައްދުފަހަނައެޅި ޔަހޫދީން 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެ ޤައުމުގެ އެތައްހާސް މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ. މި ހަމަލާތައް ހުއްޓާލުމަށް އެ ދައުލަތުން އެއްބަސްވިނަމަވެސް އަދިވެސް ޣައްޒާއާއި ފަލަސްތީނުގެ އެހެން ސަރަހައްދުތަކުގައި އެ ދައުލަތުން ދަނީ ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ.