މެދު އިރުމަތީގެ އެކި ގައުމުތަކުގައި ތައުލީމް ޙާޞިލްކުރަމުންދާ ދަރިވަރުންގެ ހާލު ގާތުން ބަލަމުންދާކަމަށާއި އެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ހައިދަރު ވަނީ މެދުއިރުމަތީގައި ކިޔަވަން ތިބި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ޚާރިޖީ ވުޒާރާއިން ނެރެފައިވާ އެޑްވައިޒަރީތައް އީމެއިލް މެދުވެރިކޮށް ދަރިވަރުންނަށް ފޮނުވުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އަދި އެ ކުދިންގެ އެންމެ ކައިރީގައި ހުރި ޑިޕްލޮމެޓިކް މިޝަންތަކުގައި ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި މިހާރު މެދުއިރުމަތީގެ އެކި ގައުމުތަކުގައި ރާއްޖޭގެ 75 ދަރިވަރަކު ކިޔަވަމުންދާ ކަމަށް ވިދާޅުވިއެެވެ. އަދި ދަރިވަރުން ތިބި ގައުމުތަކާއި އަދަދުތަކުގެ ތަފްސީލުވެސް ހިއްސާކުރެއްވިއެވެ.
* މިސްރު: 40 ދަރިވަރުން
* ޔޫއޭއީ: 21 ދަރިވަރުން
* ތުރުކީ: 10 ދަރިވަރުން
* ސަޢުދީ އަރަބިއްޔާ: 2 ދަރިވަރުން
* މިސްރުގައި އަމިއްލަ ގޮތުން ކިޔަވާ 2 ދަރިވަރުން
ވަޒީރު ވިދާޅުވީ، ދަރިވަރުންނާ މުއާމަލާތް ކުރުމަށްޓަކައި ވުޒާރާއިން ހެލްޕް ލައިނެއް ޤާއިމްކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވާނީ އެކުދިންނާއެކު މުއާމަލާތްކުރުމަށް ވަޓްސްއެޕް ނަންބަރެއް، އެއީ 25 ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުން މިސްރުގައި ތިބީގައި އެތާގަ ވަޓްއެޕް ނަންބަރެއް ހަމަޖައްސާފަ. އެތާގަ ތިބި ދަރިވަރުންނަށް މިހާރު ވުޒާރާއާ ޑައިރެކްޓްލީ ކޮންޓެކްޓުކުރެވޭނެ އިންތިޒާމުތައް މިހާރު މިވަނީ ހަމަޖެއްސިފައި." ވަޒީރު ޑރ. ހައިދަރު ވިދާޅުވިއެވެ.
ހަނގުރާމައިގެ ސަބަބުން ކިޔެވުން މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި އެއްވެސް ޖޫރިމަނާއެއް ނުވަތަ ޕެނަލްޓީއަކާ ނުލައި އަލުން ކިޔެވުން ކުރިއަށް ގެންދެވޭނެކަން މިހާރު ދަރިވަރުންނަށް އަންގާފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ޔުނިވަރސިޓީތަކުން 'ސްޕްރިންގް ބްރޭކް' ދިނުމާ ގުޅިގެން ބައެއް ދަރިވަރުން މާލެއަށް ދަތުރުކުރަން ބޭނުންވެފައިވާތީ، އެކަންކަމަށް ފެސިލިޓޭޓްކޮށްދީ ހުއްދަ ދިނުމުގެ މަސައްކަތްތައްވެސް ސަރުކާރުން ކުރަމުންދާ ކަމަށްވެސް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވިއެވެ.