ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ލިބޭ އިތުރު ތަޖުރިބާއެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ ޗެއަރމަން ހުސެއިން އަފީފް ވިދާޅުވެއްޖެއެވެ.
އަފީފް މިހެން ވިދާޅުވީ، އައިޓީބީ ބާލިން ފެއަރގެ ހަވާސާގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކަަށް އިޝާރާތްކުރައްވާ ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހުސެއިން އަފީފް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އަފީފް ވިދާޅުވީ، ދަތުރުފަތުރުގެ ވިއުގަ އިތުރަށް ހަރުދަނާކުރުމަށް މިހާތަނަށް ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ ރާއްޖޭގެ މައި ދޮރާށިކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ޒަމާނީ ކުރުމުގެ މަސައްކަތްތައް ކަަމަށެވެ. އެގޮތުން ޓަރމިނަލަށް ގެނައި ބަދަލުތަކާއެކު މިތަނަކީ ބައިނަލްއަޤުވާމީ އެއާޕޯޓުތަކޭ އެއް ފެންވަރު ޚިދުމަތްތަކެއް ފޯރުކޮށްދެވޭ އަދި ފަތުރުވެރިންނަށް އައު ތަޖުރިބާތަކެއް ގެނެސްދޭ ތަނަކަށްވެފައިވާކަމަށް އަފީފް ވިދާޅުވިއެވެ.
ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެއްކަން ފާހަގަކުރައްވާ އަފީފް ވިދާޅުވީ، އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުމަށްވެސް ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"މިހާރު ވަރަށް ފަސޭހަ ރާއްޖެ ތެރޭގައިވެސް ދަތުރުކޮށްލަން. އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް އެއާޕޯޓުތައްވެސް އެބަ ހުރި ވަރަށް ގިނަ ސަރަަހައްދުތަކުގައި. އަތޮޅުތަކާއި ރަށްތައްވެސް މިހާރު ވަރަށް ބޮޑަށް ގުޅާލެވިފަ މިހުރީ. މިއީ ފަތުރުވެެރިކަމަށް ހަމަ ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. އަނެއްކާ ރާއްޖެ ތެރޭގައި ދަތުރުކޮށްލުމަކީ އަދި އެހެންކަހަލަ ތަޖުރިބާއެއް." އަފީފް ވިދާޅުވިއެވެ.
މިއަހަރުގެ އައިޓީބީ ބާލިން ފެއަރ ކުރިއަށްދިޔައީ މިމަހުގެ 3އިން 5އަށެވެ. މި ފެއަރގައި ރާއްޖޭގެ 67 ކުންފުންޏަކުން 159 މަންދޫބުން ވަނީ ބައިވެރިވެފައެވެ. މީގެތެރޭގައި ރާއްޖޭގެ މަޝްހޫރު ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދުފަހަރުގެ އިތުރުން ޓްރެވަލް އެޖެންސީތައް ހިމެނެއެވެ. މި ހުރިހާ ފަރާތްތަކަކުންވެސް ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި އަދި އެންމެ ހިތްގައިމު މަންޒިލްގެ ގޮތުގައި އިސްތިހާރުކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ފެއަރގެ ތެރެއިން މަސައްކަތްކޮށްފައިވެއެވެ.