ޚަބަރު

ފެބުރުވަރީމަހު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުނު މިންވަރު ދަށަށް


  • މިދިޔަމަހު އެންމެ ގިނައިން ރިޕޯޓުކުރީ އަރިދަފުސް ރޯގާގެ ކޭސްތައް

  • މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައްވެސް ވަނީ މަދުވެފައި

މިއަހަރުގެ ޖަނަވަރީމަހާއި އަޅާބަލާއިރު ފެބުރުވަރީ މަހު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުނު މިންވަރު ދަށްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ޙާލަތު ފެބުރުވަރީ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އާންމުކޮށް ރިޕޯޓްކުރެވޭ ގައިން ގަޔަށް އަރާ ބަލިތައް ރިޕޯޓް ކުރެވުނު އަދަދު ވަނީ ދަށްވެފައެވެ.

އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ގައިން ގަޔަށް އަރާ ބަލިތަކުގެ ތެރެއިން ފެބުރުވަރީ މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާއެވެ.

އަރިދަފުސް ރޯގާ:

• ޖަނަވަރީމަހު - 35693
• ފެބުރުވަރީމަހު - 23573

ވަކިވަކި އަތޮޅުތަކަށް ބަލާއިރު ވައިރަލް ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އއ. އަތޮޅުންނެވެ. އެއަތޮޅުން ވައިރަލް ހުމުގެ 935 ކޭސް މިދިޔަ މަހު ރިޕޯޓުކޮށްފައިވެއެވެ.

އަރިދަފުސް ރޯގާއަށް ބަލާއިރު މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އދ. އަތޮޅުންނެވެ. އެއަތޮޅުން އެކަނިވެސް އަރިދަފުސް ރޯގާގެ ގޮތުގައި 1382 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

ބޭރަށް ހިންގުން:

މިދިޔަ މަހު، ގައިން ގަޔަށް އަރާ ބަލިތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ބޭރަށް ހިންގުމުގެ ކޭސްތަކެވެ.

• ޖަނަވަރީމަހު - 8429
• ފެބުރުވަރީމަހު - 7196

ފެބުރުވަރީމަހު ބޭރަށް ހިންގުމުގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކ. އަތޮޅުންނެވެ. އެގޮތުން މި ބަލީގެ 402 ކޭސް ކ. އަތޮޅުން ވަނީ ރިޕޯޓުކޮށްފައެވެ.

ޑެންގީ ހުން:

• ޖަނަވަރީމަހު - 668
• ފެބުރުވަރީމަހު - 412

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުވަރީމަހު ޑެންޑީހުން ޖެހިގެންވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުން ޑެންގީހުމުގެ 55 ކޭސް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.

އިންފްލުއެންޒާ:

• ޖަނަވަރީމަހު ޕޮޒިޓިވްވި އަދަދު - 99
• ފެބުރުވަރީމަހު ޕޮޒިޓިވްވި އަދަދު - 8

އެޗް.ޕީ.އޭއިން ވިދާޅުވީ، މިއަހަރުގެ ޖަނަވަރީމަހާ އަޅާބަލާއިރު، ފެބުރުވަނީމަހު އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓުކުރެވުނު އަދަދު މަދުވެފައިވާކަމަށެވެ. މިއަހަރުގެ މިހާތަނަށް ޓެސްޓު ކުރެވުނު 920 ސާމްޕަލްތަކުގެ ތެރެއިން 107 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ.

މިއަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު، މިދިޔަމަހު އަރިދަފުސް ރޯގާޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ދަށްވިނަމަވެސް ކޮވިޑް އަދި އިންފްލުއެންޒާ ފަދަ ރޯގާތަކުންނާއި މަދިރީގެ ޒަަރިއްޔާއިން ފެތުރޭ ބަލިތަކަށް ސަމާލުވެ، ދުރާލާ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމުކަން އެޗް.ޕީ.އޭއިން ވަނީ ފާހަގަކުރައްވާފައެވެ.