އިންޑިއާގައި ބާއްވާ ނޭޝަނަލް އޯޕަން ރިލޭގައި ވާދަކުރާ ރާއްޖޭގެ ޓީމުތައް އިއުލާނުކޮށްފިއެވެ.
މި މުބާރާތް އޮންނާނީ މިމަހުގެ 28 ގައި ޗަންދިގާރުގައެވެ. ރާއްޖޭން ވާދަކުރާ ޓީމުތައް ކަނޑައަޅާފައިވަނީ އެންމެ ފަހުން ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި އެތުލީޓުން ނެރެފައިވާ ނަތީޖާތަކަށް ބަލައިގެންނެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ރާއްޖޭން މި މުބާރާތުގައި ވާދަކުރާނީ ހަތަރެއް ގުނަ 100 މީޓަރާއި 4 ގުނަ 400 މީޓަރު ރިލޭގައި ކަމަށެވެ. މި އިވެންޓުތަކުގައި ރާއްޖޭގެ ފިރިހެން ދެ ޓީމާއި އަންހެން ދެ ޓީމު ވާދަކުރާނެއެވެ.
ފިރިހެނުންގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގައި ވާދަ ކުރާ ޓީމުގައި ހިމެނެނީ ހަސަން ސާއިދު، ނުޖޫމު ހަސަން، އަހުނަފް ރައްޔާން ފަހުމީ އަދި ސިޒާން އަލީ ރިޒާއެވެ.
އަންހެނުންގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގައި ވާދަކުރާ ޓީމުގައި ހިމެނެނީ އައިޝަތު ޝަބާ ސަލީމް، އަހުނާ ނިޒާރު، މަރިޔަމް މައިހާ ހަމްދާން އަދި ޒިވާ މޫސާ ޝަފީއުއެވެ.
ފިރިހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭގައި ވާދަކުރާ ޓީމުގައި ހިމެނެނީ އާދަމް ރިފްއަތް، ހުސެއިން ޒީކް ސައުދު، ޒުއިޒް މުހައްމަދު ސައުދު އަދި އަހުމަދު އަބްސަލް މުހައްމަދު ޖަލީލެވެ.
އަންހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭގައި ވާދަކުރާ ޓީމުގައި ހިމެނެނީ އައިޝަތު ނައަދު އައްސަދު ވަޖުދީ، އައިމިނަތު ލަޔާނާ މުހައްމަދު، ހައްވާ މުޒްނާ ފާއިޒު އަދި ޒީކް އަޝްރަފް ރަޝީދެވެ.
މި މުބާރާތަށް ރާއްޖޭގެ ޓީމުތައް އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ގައެވެ.