ޚަބަރު

ހަނގުރާމައިގެ ސަބަބުން އެމްބީބީއޭގެ އިންސްޓްރަކްޓަރ ކޯސް ފަސްކޮށްފި


  • މި ކޯސް ފަސްކުރީ އިންޓްރަކްޓަރުންނަށް މާލެ އާދެވޭނެ ގޮތެއް ނެތުމުން

  • މިއީ އޮސްޓްރޭލިއާގެ އެކަޑަމީއަކާއި ގުޅިގެން ކުރިޔަށް ގެންދާ ކޯހެއް

މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މިމަހު ބާއްވަން ތާވަލުކުރި ބޮޑީބޯޑިން އިންސްޓްރަކްޓަރ ކޯސް، މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާތީ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފިއެވެ.

އެމްބީބީއޭއިން ބުނީ މި ކޯސް ފަސްކުރަން ޖެހުނީ އެމެރިކާއާއި އިސްރާއީލުން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އީރާނުން މެދުއިރުމައްޗަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން، މި ކޯހުގައި ކިޔަވައިދޭ އިންސްޓްރަކްޓަރުން ރާއްޖެ ގެނައުމަށް ހަމަޖައްސާފައިވާ ދަތުރުފަތުރުގެ އިންތިޒާމުތަކަށް ބުރޫއެރުމާއި ގުޅިގެން ކަމަށެވެ.

އެމްބީބީއޭއިން މުޅިން އަލަށް ރާއްޖޭގައި ބާއްވާ އިންސްޓްރަކްޓަރ ކޯހަކީ ކުޅިވަރު ވުޒާރާގެ އެހީތެރިކަމާއެކު މިމަހުގެ 29 ން 01 އޭޕްރީލްގެ ނިޔަލަށް ކުރިޔަށް ގެންދަން ރޭވި ކޯހެކެވެ.

އެމްބީބީއޭގެ ޖެނެރަލް ސެކެއްޓްރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ ދެން މި ކޯސް ބާއްވަން މަސައްކަތް ކުރާނީ މިއަހަރު ފަހުކޮޅުގައި ކަމަށެވެ. "އަހަރު ފަހުކޮޅަށް ޕްލޭނަކީ، އޭރުން ސާފް ސީޒަން ނިމި ކޯސް ހަދަން ބޭނުންވާ ކުދިންނަށް ފުރުސަތު ބޮޑުވާނެ" ހަސަން ވިދާޅުވިއެވެ.

މި ކޯހަކީ އޮސްޓްރޭލިއާގެ އޭއެސްއައި އެކަޑަމީއާއި ގުޅިގެން ކުރިޔަށް ގެންދަން ނިންމާފައިވާ ކޯހެކެވެ. އިންސްޓްރަކްޓަރުން ރާއްޖެ އައުމަށް ހަމަޖެއްސީ ޕޯޗުގަލް އިން ދުބާއީ މަގުންނެވެ. އެހެންނަމަވެސް އިންޓްރަކްޓަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު މިހާރު އެމްބީބީއޭއިން ނިންމާފައިވަނީ ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން މި ދަނޑިވަޅުގައި އެ މީހުން ރާއްޖެއަށް ނުގެނައުމަށެވެ.

އަދި އެމްބީބީއޭއިން ބުނީ އޮސްޓްރޭލިއާގެ އެކަޑަމީއާއި މަޝްވަރާކޮށްގެން މިހާރު ނިންމާފައިވަނީ އަހަރު ފަހުކޮޅަށް އިންސްޓްރަކްޓަރުންނަށް ރާއްޖެއަށް އާދެވޭނެ ގޮތެއް ހަމަޖެއްސުމަށް ކަމަށެވެ.

އެމްބީބީއޭއިން ބުނީ މި ކޯސް ބާއްވާނެ ތާރީހެއް ފަހުން ހަމަޖައްސާނެ ކަމަށާއި، އެ އެސޯސިއޭޝަނުން މަސައްކަތް ކުރާނީ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު ފެންވަރު ރަނގަޅު ގޮތަކަށް މި ކޯސް ކުރިޔަށް ގެންދެވޭނެ އެކަށީގެންވާ ހާލަތްތަކެއްގައި މި ކޯސް ބޭއްވުމަށް ކަމަށެވެ.