ޚަބަރު

މިދިޔަ އަހަރު މާލެ ސަރަހައްދުން 8 މިލިޔަން މީހުން ބަހުގެ ޚިދުމަތް ހޯދި


  • 477،215 މީހުން އާރްޓީއެލް ފެރީގެ ޚިދުމަތްވެސް ހޯދި

  • ޖުމުލަ 16,247,797 މީހުން މިދިޔަ އަހަރު އާރްޓިއެލްގެ ޚިދުމަތްތައް ބޭނުންކުރި

މިދިޔަ އަހަރު މާލެ ސަރަހައްދުން 8 މިލިޔަނަށްވުރެ ގިނަ މީހުން ބަހުގެ ޚިދުމަތް ހޯދާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ހިސާބުތަކުން ދައްކައިފިއެވެ.

އެމްޓީސީސީގެ ދަށުން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ބަސް ދަތުރުތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރު، މާލެ ސަރަހައްދުގައި ބަހުން ކުރި ޖުމްލަ ދަތުރުތަކުގެ އަދަދު ވަނީ 8.2 މިލިޔަނަށް އަރާފައެވެ. މިއީ މި ޚިދުމަތް ދޭން ފެށި 2022 ވަނަ އަހަރުގެ އަދަދު ކަމުގައިވާ 6.2 މިލިޔަން މީހުންނާ އަޅާ ބަލާއިރު %32 ގެ ކުރިއެމެކެވެ.

2022 ވަނަ އަހަރު މި ޚިދުމަތް ދޭންފެށުމާއިއެކު، މިއީ ވެރިކަންކުރާ މާލެ ސަރަހައްދުގެ ދުވަހީ ދަތުރުފަތުރަށް އާންމުން އެންމެ ބޮޑަށް ބަރޯސާވާ އެއް ޚިދުމަތަށްވެ، ވޭތުވެދިޔަ 3 އަހަރުވެސް މި ޚިދުމަތް ހޯދި މީހުންގެ އަދަދު ހުރީ 8 މިލިޔަނަށްވުރެ މަތީގައެވެ. އެގޮތުން، 2023 ވަނަ އަހަރު 8.1 މިލިޔަން މީހުން ޙިދުމަތް ހޯދާފައިވާއިރު، 2024 ވަނަ އަހަރު މި އަދަދު ހުރީ 8.4 މިލިޔަންގައެވެ.

އެމްޓީސީސީގެ އާރްޓީއެލް ބަހުގެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ދެމުންދެއެވެ. އޭގެތެރޭގައި، މާލެ، ހުޅުމާލެ، އަދި ވިލިމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އިތުރުން، ލިންކް ރޯޑުން ގުޅިފައިވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުމީދޫ ގުޅޭނެހެން އައްޑޫ ސިޓީގަޔާއި، ފުވައްމުލަކު ސިޓީ އަދި ގަން، ފޮނަދޫ، އިސްދޫ އަދި ކަލައިދޫ ހިމެނޭނެހެން ލ އަތޮޅުގަޔާއި، ރ. ދުވާފަރު އަދި ނ. ކެނދިކުޅުދޫވެސް ހިމެނެއެވެ.

ބަހުގެ ޚިދުމަތުގެ އިތުރުން، އާރްޓީއެލް އިން އަންނަނީ ލޯންޗު ފެރީގެ ޚިދުމަތްވެސް ދެމުންނެވެ. 4 އަހަރު ކުރިން، 3 އަތޮޅެއްގައި ފެށިގެން ދިޔަ މި ޙިދުމަތް، މިހާރު ވަނީ 16 އަތޮޅަށް ފުޅާވެފައެވެ. އަދި މި ޙިދުމަތް މިހާރު ނުފެށި އޮތީ 4 އަތޮޅެއްގައެވެ. އެއީ ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅެވެ. މި އަތުޅޮތަކުގައި މި ޚިދުމަތް ފެށުމަށްވެސް އެމްޓީސީސީއިން އަންނަނީ މިހާރު މަސައްކަތްކުރަމުންނެވެ.

އެމްޓީސީސީގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު 477،215 މީހުންވަނީ އެކި ސަރަހައްދުތަކުން އާރްޓީއެލް ފެރީގެ ޚިދުމަތްވެސް ހޯދާފައެވެ. އެގޮތުން، މުޅި ވިއުގައިން އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ ހއ، ހދ އަދި ށ އަތޮޅު ހިމެނޭ އާރްޓީއެލް ޒޯން 1 އިންނެވެ. މި ޒޯން އިން އެކަނިވެސް މިދިޔަ އަހަރު 245,274 މީހުން ދަތުރުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ މީހުން ދަތުރުކުރި ޒޯން 5 އިންނެވެ. ގއ އަދި ގދ ހިމެނޭ މި ޒޯންއިން 110,130 މީހުން ވަނީ ދަތުރުކޮށްފައެވެ.
މީގެ އިތުރުން، ތ އަދި ލ އަތޮޅު ހިމެނޭ ޒޯން 5 އިން 110,130 ދަތުރުވެރިން، ނ، ރ، ބ، ޅ ހިމެނޭ ޒޯން 2 އިން 81,161 ދަތުރުވެރިން، ފުވައްމުލަށް އަދި އައްޑޫ ހިމެނޭ ޒޯން 6 އިން 34,877 ދަތުރުވެރިން އަދި މ، ފ، ދ ހިމެނޭ ޒޯން 4 އިން 5,773 ދަތުރުވެރިން ވަނީ ފެރީގެ ޚިދުމަތް ހޯދާފައެވެ.

އެމްޓީސީސީގެ ހިސާބުތަކުން ދައްކާ ގޮތުގައި އާރްޓީއެލް ފެރީއާއި ބަހުގެ ހިދުމަށް ޖުމުލަ 16.2 މީހުން މިދިޔަ އަހަރު ވަނީ ހޯދާފައެވެ. އޭގެ ކުރީ އަހަރު މި އަދަދު 16.1 މިލިޔަންގައި ހުރި އިރު، 2023 ވަނަ އަހަރު މި އަދަދު ހުރީ 15.6 މިލިޔަންގައެވެ. މިއީ 2022 ވަނަ އަހަރު ފެށިގެން އައި އާރްޓީއެލް ޚިދުމަތުން އެއަހަރު ޚިދުމަތް ހޯދި 12.2 މިލިޔަން މީހުންނާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

އާރްޓީއެލް ޚިދުމަތާއެކު މުޅި ރާއްޖެ ވަނީ އެއް ވިޔުގައަކުން ގުޅާލެވި، ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައެވެ. މި ޚިދުމަތަކީ އާންމު ދަތުރުފަތުރާއި، ޞިއްޙީ ޚިދުމަތް ފަދަ ޒަރޫރީ ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ. އަދި ޚާއްޞަކޮށް، އަތްފޯރާފަށުގައި އަގުތައް ހުރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.