ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ ބަޔަކު ދެއެވެ. އަމިއްލަ ދަރިންނާއި ދުރަށް މައިންބަފައިން ދިއުމަށްފަހު މައިންބަފައިންނަށް އަޅާލާނެ ބަޔަކަށް މައްކާގައި ތިބީ ޢުމްރާށް ގެންދާ ގްރޫޕްގެ މީހުންނެވެ. އެފަރާތްތަކުން ދޭ ޚިދުމަތާއި އެހީތެރިކަމަކީ މުޅި ޢުމްރާ ދަތުރުވެސް އަމާންވެގެންދާ ކަމެކެވެ.
ޢުމްރާއަށް ދާ އެކި ފަރާތްތަކަށް އެކި ކަހަލަ ދަތިތަކާއި ކުރިމަތިވެގެން އެހީތެރިކަމަށް އެދި އެންމެ ފުރަތަމަ ދަނީ ޙައްޖު ކޯޕަރޭޝަނުން މައްކާ ހޮޓެލްގައި ޤާއިމްކޮށްފައިވާ އިދާރީ މޭޒަށެވެ. ނުވަތަ ގުޅަނީ އެތަނުގެ ހޮޓްލައިނަށެވެ. އެއީ ޢުމްރާވެރިންގެ ހުރިހާ މައްސަލައެއްގެ ޙައްލެވެ. މައްކާއަށް ގޮސްއުޅޭއިރު ވަރަށް ގިނަ ކަންކަމުގައި ޢުމްރާވެރިން އެހީތެރިކަމަށް އެދިގެން އެތަނަށް ދެއެވެ. ފޯނުގެ ސިމް ކާޑު މަސައްކަތް ނުކުރިނަމަވެސް، ފޯނުން ރާއްޖޭގައި ތިބި ޢާއިލާގެ މެމްބަރުންނަށް ނުގުޅުނުނަމަވެސް، ކޮޓަރީގައި އެކީގައި އުޅޭ ޢުމްރާވެރިއަކު ޙަރަމަށް ދިޔުމަށްފަހު ޚަބަރެއް ނުވާނަމަ އެކަންވެސް ބަލައިދޭން އެދި އަންނަނީ އިދާރީ މޭޒަށެވެ. ކޮޓަރީގައި މައްސަލައެއް ދިމާވީނަމަވެސް އެކަންވެސް ޢުމްރާވެރިން ހިއްސާކުރަނީ މިމޭޒާއެވެ. އެހެންކަމުން މިއީ ޢުމްރާވެރިންގެ ޚިދުމަތުގައި ހުރިހާ ވަގުތެއްގައި ހުންނަ މޭޒެކެވެ.
"އިދާރީ މޭޒަކީ ޢުމްރާވެރިންނަށް ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމުގައި، ޙައްޖު ކޯޕަރޭޝަންގެ މޫނުމަތި. ޢުމްރާވެރިޔަކަށް ކޮންމެކަމެއް ބޭނުންވިޔަސްވެސް އަދި ކޮންމެ ދަތިކަމެއް ދިމާވިނަމަވެސް، އެންމެ ފުރަތަމަ އަންނާނީ ކަސްޓަމަރ ސަރވިސްއަށް. ކުޑަމިނުން ޢުމްރާވެރިއެއްގެ ފޯނުން، މާލެއަށް ތަނަކަށް ނުގުޅުނަސް، ނުވަތަ އެކަކު އަނެކަކަށް ނުގުޅުނަސްވެސް އެޢުމްރާވެރިން އަންނާނީ ކަސްޓަމަރ ސަރވިސްއަށް." ޙައްޖު ކޯޕަރޭޝަންގެ ބޯޑް ޑިރެކްޓަރ، ޔޫސުފް ޠަލާލް ޙުސެއިން ވިދާޅުވިއެވެ.
ޢުމްރާވެރިން ޙަރަމަށް ދިޔުމަށްފަހު، ހޮޓަލަށް ދާން ނޭނގޭ ޙާލަތެއްގައި، އެޢުމްރާވެރިން ގުޅަނީވެސް އިދާރީ މޭޒަށެވެ. އެގޮތުން އެފަދަ ޙާލަތެއްގައި ފުރަތަމަ ޢުމްރާވެރިޔާގެ އަތުގައި އޮންނަ ޓެގުން އުމްރާވެރިޔާ ހުންނަތަން ލޮކޭޓްކުރުމަށްފަހު އުމްރާވެރިޔާއަށް ހޮޓަލަށް ދާން އެނގޭނެ ގޮތަށް ކިޔައިދީގެން އެހީތެރިވެއެވެ. އަދި މިގޮތުންވެސް ނޭނގޭ ޙާލަތްތަކުގައި ޢުމްރާވެރިޔާ ހުރި ތަނަކަށް ކޯޕަރޭޝަންގެ މުވައްޒަފުން ގޮސް އެމީހާ އަނބުރާ ހޮޓަލަށް ގެނައެވެ.
ޑިއުޓީ ގަޑިތަކެއް ބާހާފައި އޮތްނަމަވެސް، ޢާންމުގޮތެއްގައި ހުރިހާ ވަގުތެއްގައިވެސް އިދާރީ މޭޒުގައި މީހުން ތިބެއެވެ. އަދި މީހަކު އެތަނުގައި ނެތް ވަގުތެއްގައިނަމަ އިދާރީ މޭޒުގެ ހޮޓްލައިނަށް ގުޅާލުމުން އެކަމެއް ހަމަޖައްސައިދެއެވެ.
"މިތަނުގެ ޚިދުމަތް ވަރަށް ރަނގަޅު، ހަމަ ކޮންމެ ވަގުތެއްގައި އަޔަސް އަޅުގަނޑުމެންނަށް ޚިދުމަތް ލިބޭ." ޢުމްރާވެރިޔަކު ބުންޏެވެ.
މިވަގުތުވެސް ކޯޕަރޭޝަންގެ ހަވާލުގައި 600 އަށްވުރެ ގިނަ ޢުމްރާވެރިން މައްކާގައި ޢުމްރާގެ އަޅުކަމުގައި ތިބި އިރު، އެހުރިހާ ފަރާތެއްގެ އިދާރީ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދީ އޮޅުންއަރާކަންކަމުގައި އެހީތެރިވެދެމުންދަނީ މައްކާގެ އިދާރީ މޭޒުންނެވެ. އަދި ޢުމްރާގެ ތެރެއިން ކުރިއަށްދާ އެކި ދަތުރުތަކާއި ބެހޭ މަޢުލޫމާތުވެސް ފޯރުކޮށްދެނީ އެމޭޒުންނެވެ. އެތައް ސަތޭކަ ޢުމްރާވެރިންނަށް ދިމާވާ ހުރިހާ މައްސަލަތަކެއް ހިފައިގެން އަންނަ އިދާރީ މޭޒުގެ ޒިންމާ މުޅި މިދަތުރުގެ ތެރޭގައިވެސް ވަރަށް ބޮޑެވެ.