ޞަހްޔޫނީ ދައުލަތާއި އެމެރިކާ ގުޅިގެން ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައަށްފަހު، އީރާނުން ދީފާނެ ރައްދު ހަމަލާތަކުގެ ފުރިހަމަ މަޢުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރިން އެނގިވަޑައިގަންނަވާކަން އިތުބާރު ހުރި މަޞްދަރުތަކުން ހާމަކޮށްދީފިއެވެ. އީރާނުގެ ދިފާޢީ ހަމަލާތަކަކީ ކުއްލި "ސިހުމެއް" ކަމުގައި ޓްރަމްޕް ވިދާޅުވި ނަމަވެސް، މިއީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަން އެމެރިކާގެ ޖާސޫސީ ރިޕޯޓުތަކުން ވަނީ ސާފުވެފައެވެ.
އެމެރިކާގެ ޖާސޫސީ އިދާރާގެ މަޞްދަރުތަކުން ބުނީ، އީރާނަށް ހަމަލާދީފި ނަަމަ، ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރާތް، ބަޙްރަޔިން އަދި ކުވަޔިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކަށް ރައްދު ހަމަލާ ދޭނެ ކަމުގެ އިންޒާރު ކުރިން ވެސް ޓްރަމްޕަށް ދީފައިވާނެ ކަމުގައެވެ. ނަމަވެސް، ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އެ ޤައުމުތަކަށް ހަމަލާދޭނެ ކަމަށް އެއްވެސް މީހަކު އުންމީދެއް ނުކުރޭ، އަހަރެމެން ތިބީ ސިހުމެއްގައި،" ކަމުގައެވެ. މިއީ ސީދާ ޖާސޫސީ އިންޒާރުތަކާ ޚިލާފު އިތުރުފުޅެކެވެ. "އެންމެ މޮޅު ތަޖުރިބާކާރުންނަށް ވެސް [އީރާނުން އަމަލުކުރާނެ ގޮތް] އެނގިފައެއް ނެތް" ކަމުގައި ޓްރަމްޕް ވިދާޅުވި ނަމަވެސް، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފާނެ ކަމުގެ އިންޒާރު ވެސް އޮތީ ކުރިން ދީފައެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރާފައިވާއިރު، އީރާނުން ބުނަމުންދަނީ މިއީ އެ ޤައުމުގެ އިސްވެރިންނާއި ޢާންމު ރައްޔިތުން ޝަހީދުކުރުމަށް ޔަހޫދީންނާއި އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ދޭންޖެހޭ ދިފާޢީ ރައްދެއް ކަމުގައެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ މެންބަރުން ވެސް ވަނީ، އެމެރިކާއަށް އޮތް ނުރައްކާތަކަށް ބެއްލެވުމެއް ނެތި ޓްރަމްޕް މި ހަނގުރާމައިގެ ތެރެއަށް ވަދެވަޑައިގަތީ ޞައްޙަ ނޫން މަޢުލޫމާތަށް ބިނާކޮށް ކަމުގައި ވިދާޅުވެ ފާޑުވިދާޅުވެފައެވެ. ޞަހްޔޫނީ ދައުލަތުގެ މަޞްލަޙަތަށް ޓަކައި މުޅި ސަރަޙައްދު ނުރައްކަލުގެ ތެރެއަށް ވައްޓައިލާފައިވާ މި ދަނޑިވަޅުގައި، އީރާނުން ދަނީ އެ ޤައުމުގެ ސިޔާދަތީ މިނިވަންކަން ދިފާޢުކުރަމުންނެވެ.
އީރާންގެ ވަރުގަދަ ރައްދު ހަމަލާތަކުގައި ޔަހޫދީންނާއި އެމެރިކާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އީރާނުގެ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 15 ޔަހޫދީން މަރުވެ، 3,369 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި، ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ. އެމެރިކާ ސިފައިންގެ ތެރެއިން 13 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، ކުވަޔިތުގައި ހުރި ސިފައިންގެ މީހަކު ވަނީ ޞިއްޙީ ޙާލަތެއްގެ ސަބަބުން މަރުވެފައެވެ. މީގެ އިތުރުން، މާރިޗު 13 ވަނަ ދުވަހު ޢިރާޤުގެ ހުޅަނގު ސަރަޙައްދަކަށް އެމެރިކާގެ އަސްކަރިއްޔާގެ ތެޔޮ އަޅައިދޭ މަތިންދާބޯޓެއް ވެއްޓި، އޭގައި ތިބި ހަ ފަޅުވެރިން ވަނީ މަރުވެފައެވެ.