ޚަބަރު

ސެމީ ފައިނަލްގައި ފަރަންސޭސި ޓީމަށްވުރެ ސްޕެއިން ހުރިހާ ގޮތަކުންވެސް ވަރުގަދަ: ޑޭޝޯން


  • ޑޭޝޯން ބުނީ މިމެޗުގައި ފަރަންސޭސި ޓީމަށް އެންމެ ރަނގަޅަށް ނުކުޅެވުނުކަމަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރި ފަރަންސޭސިވިލާތުގެ ޓީމަށްވުރެ ހުރިހާ ގޮތަކުންވެސް ސްޕެއިންގެ ޓީމު ވަރުގަދަ ކަމުގައި ފަރަންސޭސި ކޯޗު ޑިޑިއަރ ޑޭޝޯން ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ސެމީ ފައިނަލްގައި 2 ލަނޑު ސުން ލަނޑުން ސްޕެއިން އަތުން ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ޑޭޝޯން ބުނީ ސްޕެއިން މާވަރުގަދަކަމަށާއި އެކަން އެޓީމުން މިމެޗުގައި ސާބިތު ކޮށްދީފިކަމަށެވެ. އަދި މިމެޗުގައި ފަރަންސޭސި ޓީމަށް އެންމެ ރަނގަޅަށް ނުކުޅެވުނުކަމަށްވެސް އޭނާ ބުންޏެވެ. މިގޮތުން މިމެޗުގައި ފަރަންސޭސި ޓީމަށް މިމުބާރާތުގައި މިހާތަނަށް ނެހެދޭވަރަށް ގޯސް ހެދިފައިވާކަމަށެވެ. ފަރަންސޭސި ޓީމު އެންމެ ފަހުން ކުޅުނު މެޗަށްފަހު މުޅިން ފިޓްވެފައިވާކަމަށް ހީކުރެވުނު ނަމަވެސް ކުޅުންތެރިން މުޅިން ރިކަވަރ ނުވާކަން މިމެޗުން ފާހަގަ ވެގެންދިޔަ ކަމަަށް އޭނާ ބުންޏެވެ. އަދި ބެންޗުގައި ހުނަރުވެރި ކުޅުންތެރިން ތިބި ނަމަވެސް ވިލިއަމް ސަލީބާއަށް އަނިޔާވުމާއި އެޑްރިއަން ރެބިއޯއަށް ދެއްކި ކާޑުގެ ސަބަބުން އޭނާ ބަލައިގެން ކުޅެން ޖެހުމާއި އެކު އެކަމުގެ އަސަރުވެސް ޓީމަށް ކުރިތަން ފެނިގެންދިޔަ ކަމަށެވެ. އަދި ސްޕެއިން ކަހަލަ ޓީމަކާއި ދެކޮޅަށް ކުޅޭއިރު އެންމެ ރަނގަޅު ކުޅުން ދެއްކުން މުހިންމު ކަމަށާއި ނަމަވެސް އެކަން އެހެން ނުވި ކަމަށެވެ.

ޑޭޝޯން ބުނީ މިމެޗުގައި އޭނާގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ގުޅިގެން މަސައްކަތް ކުރެވުނު ތަން ފެނިގެން ނުދިޔަ ކަމަށާއި އަދި އެކުޅުންތެރިންނަށް ރަނގަޅަށް ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުވަނީ ސްޕެއިން އިން އެއްކޮށް ހުއްޓުވާފައެވެ. ސްޕެއިން އިން ކުރިމަތިކުރުވަމުންދިޔަ ހުރަސްތަކަށް މިމެޗުގައި އެއްވެސް ހައްލެއް ނުހޯދުނީކަމަށް ޑޭޝޯން އެއްބަސްވިއެވެ. އެހެން ނަމަވެސް އޭނާ ބުނީ މިމުބާރާތުގައި ފަރަންސޭސި ކުޅުންތެރިން މިހާތަނަށް ދެއްކި ކުޅުމާއި ހޯދި ކާމިޔާބީތައް ފާހަގަ ކުރާކަމަށެވެ. އަދި މިނާކާމިޔާބީގެ އަސަރު ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނިގެންދާ ކަމަށާއި އަދި ޓީމުގައި ހުނަރުވެރި ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ތިބެ މިގޮތަށް ސެމީ ފައިނަލުން ބަލިވުމުން އެކަމުގެ ހިތްދަތިކަން އެބަހުރިކަމަށް ފަރަންސޭސި ކޯޗު ބުންޏެވެ.

ޑޭޝޯން އިތުރަށް ބުނިގޮތުގައި ކޮންމެ ޓީމެއްގައިވެސް ހަމަލާ އާއި ޑިފެންސަށް އިސްކަން ދޭނެ ކަމަށާއި މިމެޗުގައި ސްޕެއިންއިން ވަރަށް ރަނގަޅަށް ޑިފެންޑްކޮށް ހުރިހާ ކުދި ޖާގަތަކެއް ބަންދުކޮށްލިއެވެ. އަދި ސްޕެއިންގެ ހުރިހާ މެޗެއް ބެލިފައިހުރުމުން އެޓީމުގެ ފަރާތުން އެބައި އަންނާނެކަމަށް ގަބޫލްވެސް ކުރެވުނު ކަމަށެވެ. ނަމަވެސް ދިމާވި މައްސަލަ އަކީ ފަރަންސޭސި ޓީމުގެ ޓެކްނިކަލް ލެވެލް ދައްވުން ކަމަށެވެ. ފަރަންސޭސިވިލާތް ދެން ކުޅޭނީ އިންގްލަންޑާއި އާޖެންޓީނާ ބައްދަލުކުރާ ދެވަނަ ސެމީފައިނަލް މެޗުން ބަލިވާ ޓީމަކާއެކު ތިންވަނަ ހޮވާ މެޗުގައެވެ.