ޚަބަރު

ކޮންމެ މީހަކަށްވެސް ވޯޓުލުމަށް 3 ކަރުދާސް، ސަމާލުކަންދޭންވީ ކަންކަން


  • ޖުމްލަ 7 ބާވަތެއްގެ ކަރުދާސް ވޯޓަށް ޗާޕްކުރާނެ

  • ކޮންމެ މީހަކަށް ވޯޓު ދިނުމަށް 3 ބާވަތެއްގެ ކަރުދާސް ލިބޭނެ

އަންނަ އެޕްރީލްމަހުގެ 3ވަނަ ދުވަހު ބާއްވާ 3 ވޯޓަށް ރައްޔިތުންނާއި ކަމާއި ބެހޭ އިދާރާތަކުން ތައްޔާރުވަމުން އަންނައިރު، އެހެން ވޯޓުތަކާ ބަލާއިރު މިވޯޓުވާނީ ތަފާތު ވޯޓަކަށެވެ. އެއް ސަބަބަކީ ތަފާތު ތިން ކަމަކަށް ރައްޔިތުން ވޯޓުލާން ޖެހުމެވެ. ރާއްޖޭގެ އިދާރީ ރަށްރަށުގެ ހިންގުމާއި ހަވާލުވާން ރައްޔިތުން ކަނޑައަޅާ ފަރާތްތައް އިންތިޚާބު ކުރުމަށާއި، ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިންތިޚާބު ކުރުމުގެ އިތުރުން، އެންމެ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން އެދުވަހު ރައްޔިތުން ގޮތެއް ނިންމާނެއެވެ. ވޯޓުލާން 588 މަރުކަޒު ހުރިރު، މިއިން ކޮންމެ މަރުކަޒެއްގައިވެސް ކަންކަން ހިންގަމުންދާނީ އެއް އުސޫލަކުންނެވެ.

މިފަހަރު ކޮންމެ ފަރުދަކަށްވެސް ވޯޓުލުމަށް 3 ކަރުދާސްކޮޅު ދޭއިރު، މިއިން ކޮންމެ ކަރުދާސްކޮޅެއް އެނގުން މުހިންމެވެ. އިލެކްޝަންސް ކޮމިޝަނުން އެޕްރީލް 4 ވަނަ ދުވަހު އޮންނަ ވޯޓަށް 7 ވޯޓު ކަރުދާހެއް ތައްޔާރުކޮށްފައިވެއެވެ. ކޮންމެ ވޯޓުލާ މަރުކަޒަކުންވެސް އެމީހަކު ނިސްބަތްވާ ދާއިރާއަށް ބިނާކޮށް މި 7 ބާވަތުގެ ތެރެއިން 3 ބާވަތުގެ ކަރުދާސް އެމީހަކާއި ހަވާލުކުރާނެއެވެ.

ވޯޓު ކަރުދާހުގެ ބާވަތްތައް:

* ސިޓީ ކައުންސިލް ވޯޓު ކަރުދާސް
* ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ވޯޓު ކަރުދާސް
* ރަށު ކައުންސިލް ވޯޓު ކަރުދާސް - 2000 އަށް ވުރެ ބޮޑު އާބާދީ
* ރަށު ކައުންސިލް ވޯޓު ކަރުދާސް - 2000 އަށް ވުރެ މަދު އާބާދީ
* ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ވޯޓު ކަރުދާސް - 2000 ވުރެ ބޮޑު އާބާދީ
* ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ވޯޓު ކަރުދާސް - 2000 އަށް ވުރެ މަދު އާބާދީ
* އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ކަރުދާސް

މި ކަރުދާސްތަކުގެ ތެރެއިން އެމީހަކަށް ލިބޭ ކަރުދާހުގެ ގޮތުން ވޯޓުލާން ޖެހޭ ގޮތާއި ވޯޓުލާ ކެންޑިޑޭޓުންގެ އަދަދު ތަފާތުވެއެވެ. އެހެންކަމުން ކަރުދާހުގައި ވޯޓުލުމަށް ދީފައިވާ އިރުޝާދުތައް ރަނގަޅަށް ކިއުމަށްފަހު ވޯޓުލުން މުހިންމެވެ. ކަރުދާހުގައި ހުރި އިރުޝާދަށް ޢަމަލު ނުކުރެވޭނަމަ ކަރުދާސް ނުވަތަ ކަރުދާހުގެ ބައެއް ބާތިލްވުމުގެ ފުރުސަތު ބޮޑެވެ.

ސިޓީ ކައުންސި ވޯޓު ކަރުދާހާއި، ސިޓީ ޑަބްލިއުޑީސީ ކަރުދާސް:

ސިޓީ ކައުންސިލަށް ވޯޓު ލާ ފަރާތްތަކަށް ލިބޭ ވޯޓު ކަރުދާސް އޮންނާނީ ދެ ބަޔަކަށް ބަހާލާފައެވެ. އެއީ ސިޓީގެ މޭޔަރ އިންތިޚާބު ކުރުމަށް ވޯޓު ދިނުމަށާއި، އެ މީހަކު ނިސްބަތްވާ ދާއިރާއެއްގެ ކައުންސިލަރ އިންތިޚާބު ކުރުމަށް ވޯޓު ދިނުމަށެވެ. މިއިން ކޮންމެ ބައެއްގައި އިރުޝާދު ދީފައިވާނީ އިޚްތިޔާރު ކުރާ ކޮންމެވެސް އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ފާހަގަ ޖެހުމަށެވެ.

ސިޓީއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުކުރުމަށް ވޯޓުލުމަށް ވަކި ކަރުދާސްކޮޅެއް ދޭނެއެވެ. އެ ކަރުދާސްކޮޅުވެސް ދެ ބަޔަކަށް ވާނީ ބަހާފައެވެ. އެއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް އިޚްތިޔާރު ކުރާ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށާއި، އެ މީހަކު ނިސްބަތްވާ ދާއިރާއަކުން ކޮމިޓީއަށް އިންތިޚާބު ކުރާ މެންބަރަކަށް ވޯޓު ދިނުމަށެވެ.

ސިޓީ ކައުންސިލްތަކުގެ ވޯޓު ކަރުދާހުގައި އަންހެނުންނަށް ޚާއްސަ ގޮނޑިއަށް ވަކިން ވޯޓު ދިނުމެއް ނޯންނާނެއެވެ. އެއީ ސިޓީ ކައުންސިލްގެ ދާއިރާތައް ކަނޑައަޅާއިރު ކޮންމެ ދައުރެއްގައި ތެރޭގައި ދައުރުވަމުންދާ ގޮތަށް ވަކި ދާއިރާތައް އަންހެނުންނަށް އެކަނި ކުރިމަތިލެވޭ ގޮތަށް ޚާއްސަ ކުރާތީއެވެ.

ރަށު ކައުންސިލް އަދި ޑަބްލިޔުޑީސީ 2000 އަށްވުރެ ކުޑަ އާބާދީ ވޯޓު ކަރުދާސް:

ރަށު ކައުންސިލްތަކުގެ ވޯޓު ކަރުދާހަށް ބަލާއިރު، އެ ރަށެއްގެ އާބާދީ 2000 އަށްވުރެ ކުޑަ ނަމަ އެ ރަށަކަށް ހޮވާނީ ޖުމްލަ 3 ކައުންސިލަރުންނެވެ. މި ކަރުދާސް 3 ބަޔަކަށް ބެހިފައިވާނެއެވެ. ފުރަތަމަ ބައިގައި ވޯޓު ދޭން ޖެހެނީ ކައުންސިލް ރައީސަށެވެ. ދެވަނަ ބައިގައި ވޯޓު ދޭން ޖެހެނީ އެރަށެއްގެ ކައުންސިލްގެ އަންހެން މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިޚްތިޔާރު ކުރާ 1 ކެންޑިޑޭޓަށެވެ. އަދި ތިން ވަނަ ބައިގައި ވޯޓު ދޭނީ އެ ރަށުގެ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިޚްތިޔާރު ކުރާ 1 ކެންޑިޑޭޓަށެވެ.

ރަށެއްގެ އާބާދީ 2000 އަށްވުރެ މަދުނަމަ، އެރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށްވެސް އިންތިޚާބު ކުރާނީ 3 މެންބަރުންނެވެ. މި ވޯޓު ކަރުދާސް ބަހާލާފައިވާނީ ދެބަޔަކަށެވެ. ފުރަތަމަ ބައިގައި ވޯޓު ދޭން ޖެހޭނީ އެރަށެއްގެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެ ފަރާތްތަކުން އިޚްތިޔާރު ކުރާ އެއް ކެންޑިޑޭޓަށެވެ. ދެވަނަ ބައިގައި ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން 2 ކެންޑިޑޭޓެއް އިޚްތިޔާރުކޮށް ވޯޓު ދިނުމަށް އިރުޝާދު ދީފައި އޮންނާނެއެވެ. އެހެންކަމުން މި ވޯޓު ކަރުދާސް ލިބޭ ފަރާތްތައް މިކަމަށް ސަމާލުވުން މުހިންމެވެ.

ރަށު ކައުންސިލް އަދި ޑަބްލިޔުޑީސީ 2000 އަށްވުރެ ބޮޑު އާބާދީ ވޯޓު ކަރުދާސް:

ރަށު ކައުންސިލްތަކުގެ ވޯޓު ކަރުދާހަށް ބަލާއިރު، އެ ރަށެއްގެ އާބާދީ 2000 އަށްވުރެ ބޮޑުނަމަ އެ ރަށަކަށް ހޮވާނީ ޖުމްލަ 5 ކައުންސިލަރުންނެވެ. މި ކަރުދާސް 3 ބަޔަކަށް ބެހިފައިވާނެއެވެ. ފުރަތަމަ ބައިގައި ވޯޓު ދޭން ޖެހެނީ ރަށު ކައުންސިލް ރައީސަށެވެ. ދެވަނަ ބައިގައި ވޯޓު ދޭން ޖެހެނީ އެރަށެއްގެ ކައުންސިލްގެ އަންހެން މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިޚްތިޔާރު ކުރާ ކޮންމެވެސް ދެ ކެންޑިޑޭޓަކަށެވެ. އަދި ތިން ވަނަ ބައިގައި ވޯޓު ދޭނީ އެ ރަށުގެ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިޚްތިޔާރު ކުރާ ކޮންމެވެސް 2 ކެންޑިޑޭޓަކަށެވެ.

ރަށެއްގެ އާބާދީ 2000 އަށްވުރެ މަދުނަމަ، އެރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށްވެސް އިންތިޚާބު ކުރާނީ 5 މެންބަރުންނެވެ. މި ވޯޓު ކަރުދާސް ބަހާލާފައިވާނީ ދެބަޔަކަށެވެ. ފުރަތަމަ ބައިގައި ވޯޓު ދޭން ޖެހޭނީ އެރަށެއްގެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެ ފަރާތްތަކުން އިޚްތިޔާރު ކުރާ އެއް ކެންޑިޑޭޓަށެވެ. ދެވަނަ ބައިގައި ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން 4 ކެންޑިޑޭޓެއް އިޚްތިޔާރުކޮށް ވޯޓު ދިނުމަށް އިރުޝާދު ދީފައި އޮންނާނެއެވެ. އެހެންކަމުން މި ދެ ވޯޓު ކަރުދާސް ލިބޭ ފަރާތްތައް މިކަމަށް ސަމާލުވުން މުހިންމެވެ.

އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ކަރުދާސް:

މި ވޯޓު ކަރުދާހުގައި އޮންނާނީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ސުވާލެވެ. އެ ސުވާލަކީ؛ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

ކަރުދާހުގައި ޖަވާބު ދިނުމަށް ދީފައިވާނީ ދެ އިޚްތިޔާރެކެވެ. އެއީ "އާނއެކެވެ" ނުވަތަ "ނޫނެކެވެ" . މިއީ އާންމުންގެ ޚިޔާލު ހޯދުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ދީފައިވާ އިޚްތިޔާރުތައް ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. މި ކަރުދާހުގައި ވޯޓު ދޭއިރު އެ މީހަކަށް ފެންނަ ކޮންމެވެސް އެއް ޖަވާބެއްގައި ފާހަގަ ޖެހުމަށް ކަރުދާހުގައި އިރުޝާދު ދީފައިވާނެއެވެ. މި ކަރުދާހަކީ ހުރިހާ އެންމެންނަށްވެސް ލިބޭ ކަރުދާހަކަށްވާއިރު މި ކަރުދާސް ލިބޭއިރު އެއްވެސް މީހަކަށް ތަފާތު ނުވާނެއެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ރައްޔިތުން ވޯޓު ލުމަށް 3 ކަރުދާސް ލިބޭއިރު، 3 ކަރުދާސް އަޅަން ކޮންމެ މަރުކަޒެއްގައި ވަކި 3 ފޮށި ބެހެއްޓިފައިވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. އަދި މިއިން ކޮންމެ ކަރުދާހެއްވެސް ވަކިން ފާހަގަކުރެވޭނެ ނިޝާންތައް ހުންނާނެ ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.