ޚަބަރު

ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލްކުރެވިފައި: އެމްއެންޑީއެފް


  • 5 ގެޔަކުން ވަނީ މީހުން ބަދަލުކޮށްފައި

  • އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވޭ

މާފަންނުގައި ހުރި ގުދަނުގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކުރެވިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގައެވެ. މިއީ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ތަނެކެވެ. އަދި ޠައިބާ މިސްކިތް ގާތު ހުންނަ އިލެކްޝަންސް ކޮމިޝަނުުގެ އިންތިޚާބާ ބެހޭ މަރިކަޒުގެ ކައިރީގައި ހުރި ގުދަނެއްގައެވެ. މި ޙާދިސާ ހިނގި ސަރަޙައްދުގައި ސިފައިންނާއި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާން ނިއްވާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ޕީއެސްއެމް ނިއުސްއަށް ދެއްވަމުން އެމްއެންޑީއެފްއިން ވިދާޅުވީ، މި ޙާދިސާގެ ރިޕޯޓު ލިބުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަޙައްދަށް އައިސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށުނުކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގައި މިވަގުތު ބޭނުންކުރާ އަލިފާން ނިއްވާ ހުރިހާ އުޅަނދެއް މިކަމުގައި ބޭނުންކުރަމުންދާކަމަށެވެ.

ގުދަނުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކުރެވިފައިވާކަމަށާއި، އަލިފާންގަނޑު އިތުރަށް ފެތުރުމުގެ ފުރުޞަތު ނެތްކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި މީހުން ދިރިއުޅޭ 5 ވަރަކަށް ގެއިން މީހުން ވަނީ ހުސްކޮށްފައެވެ. އަދި އެ ސަރަޙައްދުގައި ހުރި ވެހިކަލްތައް ދުރަށް ޖައްސާ މަގުގެ ބޮޑުބައެއް ވަނީ އެއްކޮށް ބަންދުކޮށްފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުންވެސް އަންނަނީ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން އެމްއޭސީއެލްގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އެންމެ ބޮޑު އުޅަނދު މިހާރު އެ ސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ޙާދިސާގައި އެ ސަރަޙައްދުގެ 4 އާއިލާއެއްގެ 18 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވަނީ މަޢުލޫމާތުދެއްވާފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރޯވި ގުދަނަކީ ކެމިކަލް ރައްކާކުރުމަށް ބޭނުންކުރަމުންދިޔަ ގުދަނެކެވެ. މިޙާދިސާގައި ގުދަން ބޭނުންނުކުރޭވަރަށް ހަލާކުވެފައިވާއިރު، އެ ސަރަޙައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ.