މާފަންނު ޠައިބާ މިސްކިތް ކައިރީ ހުރި ގުދަނުގައި އަލިފާން ރޯވުމާގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ސޯޝަލް ސެންޓަަރުގައި އެންޑީއެމްއޭއިން ހަމަޖައްސައިފިއެވެ.
މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގައެވެ. ގުދަނުގައި ރޯވިއަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވީ ނަމަވެސް އެ ސަރަޙައްދުގައި ދުމުގެ އަސަރާއި ކެމިކަލްވަހުގެ އަސަރު ވަނީ ބޮޑަށް ފެތުރިފައެވެ. ރޯވި ގުދަން ފިޔަވާ އިތުރު އިމާރާތަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.
ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވީ، މި ޙާދިސާ ހިނގުމާއެކު، އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް އިމަރޖެންސީ އިވެކުއޭޝަން ސެންޓަރެއް މިހާރު ސޯޝަލް ސެންޓަރުގައި ހަމަޖައްސާފައިވާކަމަށެވެ.
"ޕްރައިމް ގޯޑައުން"ގައި އަލިފާން ރޯވުމާގުޅިގެން އެއްވެސް ކަހަލަ އެހީތެރިކަމެއް ބޭނުންވާ އާއިލާއެއް ލިބިނަމަ އެކަން އެންޑީއެމްއޭގެ ހޮޓްލައިން ނަންބަރު 115 އަށް ގުޅުމުންނާއި ސޯޝަލް ސެންޓަރަށް ދިއުމުންވެސް އެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. އަދި ކުއްލި ފަރުވާ ބޭނުންވެއްޖެ ހިނދެއްގައި އައިޖީއެމްއެޗްއާއި އޭޑީކޭ ހޮސްޕިޓަލްވެސް ތައްޔާރީ ހާލަތަކަށް ގެނެވިފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މިވަގުތުވެސް އެ ސަރަޙައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމާއެކު އަލިފާން ރޯވި ސަރަޙައްދަށް މީހުން އެއްނުވުމަށާއި، ކައިރި ގޭބިސީތަކުންވެސް ދުމުގެ އަސަރު ނުކުރާނެހެން ދޮރުތައް ލެއްޕުމަށް އެންޑީއެމްއޭއާއި އެޗްޕީއޭއިންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.