ޚަބަރު

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް


  • އޭދަފުށީގައި އިސްލާމީ މަރުކަޒެއް ޢިމާރާތްކުރާނެ

  • ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައްވެސް އެކި ރަށްރަށުގައި ޤާއިމްކުރާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢުތަކެއް ރާއްޖޭގެ 14 ރަށެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މިރޭ ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ގިނަ ރަށްތަކެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުން ހިމެނެއެވެ. އެގޮތުން ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ގދ. ގައްދޫ، ސ. މަރަދޫ، ކ. މާފުށި، އދ. މާމިގިލި އަދި މ. މުލަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތައް ބިނާކުރުމަށެވެ. އަދި ދ. ކުޑަހުވަދޫއާއި ތ. ވޭމަންޑޫގައި މިފަދަ ގޮފިތައް ޤާއިމްކުރުމަށް އައްޔަބޭ ޕާޓްނާސްއާ ވަނީ ހަވާލުކޮށްފައެވެ.

މީގެ އިތުރުން ލ. ފޮނަދޫގައި ޤުރުއާން މަރުކަޒުގެ ގޮފި ޤާއިމްކުރުމަށް ވައިޓް ލިންކު ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، ނ. މަނަދޫ، ރ. ދުވާފަރު އަދި ނ. ވެލިދޫގައި މިފަދަ މަރުކަޒުތައް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މީގެ އިތުރުން އެ ކުންފުންޏާ ވަނީ ގއ. މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ށ. ފީވަކުގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމަށްވެސް ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ބ. އޭދަފުށީގައި އިސްލާމީ މަރުކަޒު ޢިމާރާތްކުރުމުގެ ބޮޑު މަޝްރޫޢު ވަނީ އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. މިއީ އެ ރަށުގެ ދީނީ ކަންކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އިސްލާމީ ދާއިރާއިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 އަށްވުރެ ގިނަ މަޝްރޫޢުތައް ދަނީ ކުރިއަށެވެ. މީގެ ތެރޭގައި ވަޤްފު ޢިމާރާތްތަކާއި، އިސްލާމީ މަރުކަޒުތަކުގެ އިތުރުން ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ހިމެނެއެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދީނީ ކަންކަން ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ޚާއްސަ އިސްކަމެއް ދެމުންނެވެ.