ޚަބަރު

ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15.9 މިލިޔަން ރުފިޔާ


  • މިދިޔަ 3 ރޯދަމަހާ އަޅާބަލާއިރު، އެންމެ ގިނަ ޢަދަދަކަށް ޒަކާތް ލިބުނީ މިއަހަރު

  • މިއަހަރު ބޮލަކަށް 6,000 ރުފިޔާ ބަހާފައިވޭ

  • ޒަކާތް ޙައްޤުވާ ކެޓަގަރީތަކުގެ ތެރޭގައި 62 ޔަތީމު ކުދިން ހިމެނޭ

މިއަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި 15.9 މިލިޔަން ރުފިޔާ ލިބިފަވާކަމަށް މޯލްޑިވްސް ޒަކާތު ހައުސިންއިން ވިދާޅުވެއްޖެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ މިއަހަރުގެ ރޯދަމަހަކީ މިދިޔަ 3 އަހަރާ އަޅާބަލާއިރު، އެންމެ ގިނަ ޢަދަދަކަށް ޒަކާތް ލިބުނު އަހަރު ކަމަށެވެ. މިއަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ ބަހާފައެވެ.

ޒަކާތު ހައުސިން ޙިއްސާކޮށްފަވާ މަޢުލޫމާތަށް ބަލާއިރު، ފިޠުރު ޒަކާތުގެ ގޮތުގައި 15،009749،00 ރުފިޔާ ވަނީ ލިބިފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ:

  • • 2026 -15،009749،00 ރުފިޔާ
  • • 2025 –13.573885،00 ރުފިޔާ
  • • 2024 –12.594،77،92 ރުފިޔާ
  • • 2023 – 12.691،506،08 ރުފިޔާ

ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފަށައިގެން އޮންލައިންކޮށް ޒަކާތް ބަލައިގަތުން ވަނީ ފަށާފައެވެ. އަދި ޑެސްކް ބަހައްޓައިގެން ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށާފަވަނީ ފެބްރުއަރީ 22 ވަނަ ދުވަހުން ފަށައިގެންނެވެ.

ދިރާގު އެޕް އަދި ވެބްސައިޓް، އިރީދޫ އެފް، ބީއެމްއެލް އެފް، އެމްއައިބީ އެޕް، ފަހިޕޭ، އަވަސް އެޕް އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވެސް ވަނީ ފަހިކުރެވިފައެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ މިއަހަރު ޒަކާތް ލިބުމަށް ޝަރުޠު ހަމަވާ މީހުންނަށް ފިޠުރު ޒަކާތް ބަހައިފައިވާ އިރު، ބޮލަކަށް ޖެހިފައިވަނީ 6,000 ރުފިޔާކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިޠުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިޠުރު ޒަކާތް ބެހި ފަހަރެވެ. ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ޙައްޤުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަޤީރު ޔަތީމު ކުދިން ވެސް ހިމެނެއެވެ. މީގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމްލަ 13،896،000 ދިވެހި ރުފިޔާކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.