ޚަބަރު

އަޤްޞާ މިސްކިތް ކައިރިއަށް މިސައިލްތަކެއްގެ ބައިތަކެއް ވެއްޓިއްޖެ


އެމެރިކާއާއި ޞަހްޔޫނީ ދައުލަތުން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ހުޅުގަނޑު މުޅި ސަރަޙައްދަށް ފެތުރިފައިވާއިރު، ފަލަސްޠީނުގައި ހުރި މުސްލިމުންގެ މުޤައްދަސް މަސްޖިދުލްއަޤްޞާ ހުންނަ ސަރަޙައްދަށް، ޔަހޫދީ ފައުޖުން ދިފާޢު ކުރި މިސައިލެއްގެ ބައިތަކެއް ވެއްޓި، އަޤްޞާގެ އަމާންކަން ގެއްލިއްޖެއެވެ. އީރާންގެ އިސްތިޤުލާލާއި ކަރާމާތް ދިފާޢުކުރުމުގެ ގޮތުން އެ ޤައުމުން ދެމުންދާ ރައްދު ޙަމަލާތަކުގެ ސަބަބުން، ޔަހޫދީ ދައުލަތުގެ ރަށްތަކުގައި ދަނީ ކެނޑުމެއް ނެތި އިންޒާރުގެ ރަނގަބީލު އަޅަމުންނެވެ. އަދި، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން ވެސް ދަނީ ޔަހޫދީ ދައުލަތުގެ އުތުރުގެ ރަށްތަކަށް ޙަމަލާތައް އަމާޒުކޮށް، ޔަހޫދީންނަށް ނުތަނަވަސްކަން ކުރިމަތިކުރުވަމުންނެވެ.

އީރާނުގެ މިސައިލް ޙަމަލާތަކަކީ ހަމައެކަނި އަސްކަރީ މަރުކަޒުތަކަށް އަމާޒު ކުރަމުންދާ ޙަމަލާތަކެއް ނަމަވެސް، އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގެ އުޑުމަތިން މި ތަކެތި ގޮއްވާލުމަށް ޞަހްޔޫނީން ބޭނުންކުރާ ނިޒާމުތަކުގެ ސަބަބުން މިސައިލްތަކުގެ ބައިތައް ވެއްޓެމުން ދަނީ ޢާންމުން ދިރިއުޅޭ ތޮއްޖެހިފައިވާ ސަރަޙައްދުތަކަށެވެ. ޔަހޫދީންގެ ހަރުކަށި ބާރުގެ ދަށުން އަޤްޞާ ބަންދުކޮށް، މުސްލިމުންގެ އަޅުކަމަށް ހުރަސްއަޅާފައިވާ ދަނޑިވަޅެއްގައި، މިސައިލްގެ ބައިތައް ވެއްޓިފައިވަނީ އަޤްޞާއާ ވަރަށް ކައިރި ހިސާބަކަށެވެ. މި ހާދިސާގައި އެ ސަރަޙައްދުގައި ހުރި ޢާންމުންގެ އެއްގަމު އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިއީ މުސްލިމުންގެ މުޤައްދަސް ބިނާތަކުގެ ރައްކާތެރިކަމަށް ޞަހްޔޫނީން ދޭ ފަރުވާކުޑަކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.

މިއީ، ދުނިޔޭގެ އެތަކެއް މިލިޔަން މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ ބައިތުލްމަޤްދިސް ފަދަ ބިމެއްގެ ވައިގެ ސަރަޙައްދުގައި ޔަހޫދީން ހިންގާ ނިރުބަވެރި އަސްކަރީ ހަރަކާތްތަކުގެ ނުރައްކާތެރިކަމުގެ ޙަޤީޤަތް ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ޔަހޫދީންގެ އިސްތިޢޫމާރީ ބާރާއި އެމެރިކާ ގުޅިގެން ފަށާފައިވާ މި ހަނގުރާމައިގެ ސަބަބުން، ޢާންމު ރައްޔިތުންނާއި މުޤައްދަސް ބިނާތައް މި ވަނީ ޞަހްޔޫނީންގެ ދިފާޢީ ނިޒާމުގެ ނުރައްކަލަށް ހުށަހެޅިފައެވެ.