ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި މުއައްސަސާތައް އަމިއްލަ ޒާތުގައި އުފެދުމަށާއި ތަރައްޤީވުމަށް ޖާގަ ބޭނުންވާ ކަމަށް ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ.
އދ. ގެ ޢާންމު މަޖިލީހުގައި ރޭ ތަޤްރީރު ކުރައްވަމުން ޚާރިޖީ ވަޒީރު ޑރ. އާސިމް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް ފެށިތާ އަދިމިވީ އެންމެ 10 އަހަރު ކަމަށާއި އެމަސައްކަތް ފެށުނު ފަހުން ހިނގަމުންދާ ކަންކަމުގެ މަޢުލޫމާތުގެ އަލީގަޔާއި ހިނގާފައިވާ ކަންކަމުން ލިބިފައިވާ ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް މުއައްސަސާތައް ދަނީ ތަރައްޤީވެ ބަދަލުވަމުން ކަމުގައެވެ.
މިގޮތުން މުއައްސަސާތައް ތަރައްޤީވެ ބައްޓަންވަމުންދަނީ މުޖްތަމަޢުގެ ބޭނުންތަކަށާއި އަހަމިއްޔަތުކަންދޭ ކަންކަމާ އެއްގޮތަށް ކަމަށް ޑރ. އާސިމް ވިދާޅުވިއެވެ. އަދި މުއައްސަސާތައް އިތުރަށް ހަރުދަނާ ކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢާއެކު މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.