ޚަބަރު

އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ


  • ކާރު ފުރޮޅާލީ ހިތަދޫ ހިއްކި ސަރަޙައްދުގައި ބާރަށް ދުއްވާފައި ދަނިކޮށް

  • ކާރު ދުއްވަން އިން ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވޭ

އައްޑޫ ސިޓީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި އެކްސިޑެންޓުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓު ހިނގިކަމުގެ މަޢުލޫމާތު ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 16:50 ހާއިރުކަމަށެވެ. މި ކާރު ފުރޮޅާލީ ހިތަދޫ ހިއްކި ސަރަޙައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށެވެ.

މި ހާދިސާ ހިނގިއިރު ކާރުގައި ތިބި 4 މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަނިޔާވި އެންމެންނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.