ޚަބަރު

ލަންކާގެ ކިންގްސް ހޮސްޕިޓަލުން މިހާރު އާސަންދަ ލިބޭނެ


  • ލަންކާގެ 9 ހޮސްޕިޓަލަކުން މިހާރު އާސަންދައިގެ ޚިދުމަތް އަންނަނީ ދެމުން

ލަންކާގެ އިތުރު ހޮސްޕިޓަލަކުން އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ. މި ޚިދުމަތް އަލަށް ދޭން ފަށާފައިވަނީ ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އާސަންދައިން ވިދާޅުވީ، މިދިޔަ މަހުން ފެށިގެން ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުން އާސަންދައިގެ ދަށުން ބަލިމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

ލަންކާގެ އިތުރު ހޮސްޕިޓަލަކަށް އާސަންދައިގެ ޚިދުމަތް މި ފުޅާކުރީ، ދިވެހިންގެ މެދުގައި މަގުބޫލު ލަންކާ ހޮސްޕިޓަލްއިން އާސަންދަ ދިނުން ދާދި ފަހުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ. ލަންކާ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލާފައިވަނީ އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު، ދެ ފަރާތުން ހުށަހެޅި ކަންކަމަށް އެއްބަސްނުވެވިގެން އެއްބަސްވުން އާނުކުރެވުމުގެ ސަބަބުން ކަމަށް މީގެ ކުރިން އާސަންދައިން ވަނީ ހާމަކޮށްފައެވެ.

އާސަންދައިން ވިދާޅުވީ، ލަންކާ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލުމާ ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ ގިނަ ދިވެހިންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ކިންގްސް ހޮސްޕިޓަލުން އަލަށް މި ޚިދުމަތް ދޭން ފެށުމަކީ ދިވެހިންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މިއީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ބޭސްފަރުވާއަށް އެ ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ލުޔެއް ކަމަށް އާސަންދައިން ފާހަގަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭން ބޭރުން ބަލިމީހުންނަށް ފަރުވާ ހޯދުމުގައި ހުރި ދަތިތައް ހައްލުކޮށް، އާސަންދައިގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އާސަންދަ ކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިން ފަރުވާއަށް ފޮނުވުމަށްޓަކައި ރާއްޖޭން ބޭރުގެ 63 ހޮސްޕިޓަލަކާއެކު މިހާރު ވަނީ އެއްބަސްވުން ހަދާފައެވެ. މީގެ ތެރޭގައި ސްރީލަންކާގެ 9 ހޮސްޕިޓަލެއް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.