ޚަބަރު

ތެޔޮ ލިބުން ދަތިވެ ކޮވިޑްގެ ސިޔާސަތުތަކަށް އޭޝިޔާގެ ޤައުމުތަކުން އެނބުރެނީ


ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ގާތްގަނޑަކަށް އެއްކޮށް ބަންދުވެ، ކޮވިޑް-19 ގެ ދުވަސްވަރު އަމަލުކުރި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކަށް އެނބުރެން އޭޝިޔާގެ ގިނަ ޤައުމުތަކަކަށް މަޖުބޫރުވެއްޖެއެވެ. ހުރްމުޒް ކަނޑުއޮޅިން އުފުލާ ތެލުގެ %80 އަކީ އޭޝިޔާގެ ޤައުމުތަކަށް ގެންދާ ތެލެވެ. އެމެރިކާއާއި ޔަހޫދީން އިސްވެ ފެށި ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ލޮޅުމެއް އަރާނެ ކަމަށް ބެލެވެނީ އޭޝިޔާ ސަރަޙައްދަށެވެ.

ތެޔޮ ލިބުމުގައި އޮތް ދަތިކަން ޙައްލުކުރުމަށް ރިޒާވުން 400 މިލިޔަން ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާއިން (އައިއީއޭ) ނިންމާފައިވާއިރު، އެ އިދާރާގެ ވެރިޔާ ފާތިޙް ބިރޯލް ވިދާޅުވީ، އޭޝިޔާގެ އިތުރުން ވިލާތުގެ ޤައުމުތަކުން ވެސް ތެޔޮ އިޤުތިޞާދު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމުގައެވެ. އަދި، ސަރުކާރާއި އަމިއްލަ ކުންފިނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވައިލުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ.

އޭޝިޔާގެ ގިނަ ޤައުމުތަކަކުން ދަނީ ކޮވިޑްގެ ދުވަސްވަރު އަމަލުކޮށްފައިވާ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް އަލުން ތަންފީޒު ކުރަން ފެށުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ދެކުނު ކޮރެޔާއިން ވަނީ ގޭގައި ތިބެގެން މަސައްކަތް ކުރުމަށް މުވައްޒަފުންނަށް އިރުޝާދު ދީފައެވެ. އަދި، ފެން ޚަރަދުކުރާ މިންވަރު މަދުކޮށް، ވެކިޔުމް ކްލީނަރ ފަދަ ކަރަންޓު ބޭނުންކުރާ އާލާތްތައް ބޭނުން ކުރުން މަދު ކުރުމަށް އިލްތިމާސްކޮށްފައެވެ.

ފިލިޕީންސުން ވަނީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށްފައެވެ. އަދި، ސަރުކާރުގެ ބައެއް އިދާރާތަކުގެ ރަސްމީ މަސައްކަތު ހަފުތާ ކުރުކޮށްފައެވެ. ޕާކިސްތާނުން ވަނީ މަދަރުސާތައް ބަންދުކޮށްފައެވެ. އަދި، އަވައްޓެރި ސްރީ ލަންކާއިން ވަނީ ތެޔޮ އިޤުތިޞާދު ކުރުމުގެ ގޮތުން ބުދަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ސިންގަޕޫރާއި ތައިލެންޑުން ވަނީ ފިނިހޫނުމިން ކޮންޓުރޯލު ކުރުމަށް ހިނގާ ޚަރަދު ކުޑަކުރުމުގެ ގޮތުން، އެއަރ ކޮންޑިޝަނަރތަކުގެ ފިނިހޫނުމިން 25 ޑިގްރީ ސެލްސިއެސަށް ވުރެ ދަށް ނުކުރުމަށް އިރުޝާދު ދީފައެވެ. އަދި، ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައް މެދުކަނޑައިލުމަށް ވެސް އިލްތިމާސް ކޮށްފައެވެ.

ޚަރަދު ކުޑަކުރުމަށާއި، ރައްޔިތުންނަށް ކުރިމަތިވަމުންދާ މާލީ ބުރަ ލުއިކޮށްދިނުމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ޖަޕާން ސަރުކާރުން ވެސް ވަނީ ނިންމާފައެވެ. މި ގޮތުން، ތެލުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ނިންމައި، ޖަޕާނުން ވަނީ ކޮންމެ މަހަކު 300 ބިލިޔަން ޔެން ސަބްސިޑީގެ ގޮތުގައި ހޭދަކުރުމަށް ނިންމާފައެވެ. ނިއު ޒިލެންޑުން ވެސް ވަނީ، މާލީ ޙާލަތު ދަށް ޢާއިލާތަކަށް ކޮންމެ ހަފުތާއަކު 29.30 އެމެރިކާ ޑޮލަރުގެ އެލަވަންސެއް ދިނުމަށް ނިންމާފައެވެ. ތެޔޮ ލިބުމުގެ ދަތިކަން ކުރިމަތިވެ، އޮސްޓްރޭލިޔާގައި ތެޔޮ ވިއްކާ ކުންފުނިތަކުން ވަނީ ތެޔޮ ހުސްވާން ފަށާފައެވެ. އަދި، ގިނަ ޤައުމުތަކަކުން ދަނީ، ދާޚިލީ ރިޒާވުން ބާޒާރަށް ތެޔޮ ނެރެ، ތެލުގެ އަގު ދަށްކުރުމަށް މަސައްކަތް ފަށާފައެވެ.