ރާއްޖެއާއި ޗައިނާއާ ދެމެދު އެކުލަވާލުމަށް މަސައްކަތްކުރައްވަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފަހު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދު ހޮންގކޮންގަށް ފުރާވަޑައިގަންނަވައިފިއެވެ.
މިމަހުގެ ތިރީހުގެ ނިޔަލަށް ހޮންގކޮންގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ބައްދަލްވުމުގައި މިނިސްޓަރ ސައީދުގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ކޮމިޝަނަރ ޖެނެރަލް އިބްރާހިމް ޝަރީފުވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ބައްދަލުވުމަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލްކުރައްވާ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދު ވިދާޅުވީ، ހޮންގކޮންގްގައި ކުރިއަށްދާނީ މީގެ ކުރިން ބާއްވާފައިވާ ބައްދަލްވުންތަކުގައި ދެޤައުމުންވެސް ހުށަހަޅާފައިވާ ކަންތައްތަކާއި ގުޅޭގޮތުން ގޮތެއް ނިންމުން ކަމަށެވެ. އަދި އުއްމީދަކީ އަންނަ އަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެތެރޭ ޗައިނާ އާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރެވިގެންދިއުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ހޮންގްކޮންގ އާއި ރާއްޖެއާއި ދެމެދުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި ދަތުރުފުޅުގައި އެއެއްބަސްވުމާއި ގުޅޭ މަޝްވަރާތައްވެސް ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަމަސްދުވަހުގެތެރޭ ހޮންގކޮންގާއި އެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއިން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމާބެހޭ މަޝްވަރާތައް ރަސްމީގޮތުން ފައްޓަވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ދިވެހިރާއްޖޭގައެވެ.