ޚަބަރު

އޭޝިޔާގެ ބައެއް ޤައުމުތަކުން ޚަރަދުކުޑަކުރަން ޚާއްޞަ ފިޔަވަޅުތަކެއް


ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު މަޤުބޫލު ސަބަބެއް ނެތި އީރާނަށް ޙަމަލާދީ ޔަހޫދީންނާއި އެމެރިކާއިން ފެށި ހަނގުރާމަ 25 ދުވަހަށް ދިގުލައިގެން ގޮސްފައިވާއިރު، ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް ދަނީ ކުރަމުންނެވެ. އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ތެލާއި ހަކަތައިގެ ދާއިރާއަށެވެ. ތެލާއި ޤުދުރަތީ ގޭސް އުފުލާ މައި މަގެެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް ދަނީ ދުވަހެއް ދުވަހަކަށް އުފުލެމުންނެވެ. އެއާއެކު އޭޝިޔާގެ ޤައުމުތަކުން ދަނީ އެ ޤައުމުތަކުގެ އިޤްތިޞާދު ރައްކާތެރި ކުރުމަށް މުހިންމު ފިޔަވަޅުތައް އަޅަމުންނެވެ.

އެ ގޮތުން ފިލިޕީންސްއިން މިހާރު ވަނީ އެ ޤައުމުގައި ހަކަތައިގެ ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. ދެކުނު ކޮރެޔާގެ ރައްޔިތުން ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި ދުވާލު ގަޑީގައި ފޯނު ޗާޖުކޮށް، ފެންވެރުމަށް ހޭދަ ކުރާ ވަގުުތު ކުރުކޮށްލުމަށް ވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. ޖަޕާނުން މީގެ ކުރިން ދުވަހަކު ވެސް ދޫ ނުކުރާ މިންވަރަށް އެ ޤައުމުގައި ރައްކާކޮށްފައިވާ ތެލުގެ ސްޓޮކު މި ހަފްތާގެ ތެރޭގައި ބާޒާރަށް ނެރޭނެއެވެ. ޤައުމުތަކުގެ ރައްޔިތުން ދަނީ
އާންމުކޮށް ބޭނުންކުރާ ސާމާނު ފަހުން ގަންނަން ނުލިބިދާނެތީ އެ ތަކެތި ޑަޒަނުން ގަންނަމުންނެވެ.

ހަނގުރާމަ ދިގުލައިގެން ދާނަމަ ކުރިއަށް އޮތް މަހުގެ ތެރޭގައި ތެޔޮ ފީފާއެއްގެ އަގު 150 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ވަނީ ބެލެވިފައެވެ. ތެޔޮ ފީފާއެއްގެ އެވަރެޖު އަގު 125 އެމެރިކާ ޑޮލަރަށް މި އަހަރު އުފުލޭނެ ކަމަށް ބެލެވިފައިވާއިރު، އޭގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދުތައް ބޮޑުތަނުން ހީނަރުވާނެ ކަމަށް ޤަބޫލުކުރެވެއެވެ.

އިސާހިތަކު ހަނގުރާމަ ނިމިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ދިޔަ ނަމަވެސް، ޙަމަލާ ބަދަލުކުރުން ހުއްޓައިލާ ޙާލަތެއްގައި ވެސް އޭގެ ފަހުން އެތައް މަހަކަށް ނުަވަތަ އަހަރަކަށް އިޤްތިޞާދީ އަސަރުތައް ދެމިގެންދާނެ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. ހަތަރުވަނަ ހަފްތާއަކަށް ހަނގުރާމަ ދެމިގެން ގޮސްފައިވާއިރު، ޤައުމުތަކުގައި ރައްކާކޮށްފައި ހުރި ތަކެތީގެ ސްޓޮކުތަކަށް ވެސް މިހާރު ވަނީ އަސަރުކުރަން ފަށައިގައެވެ. ތެލުގެ އަގު އުފުލެމުންދާތީ އޭޝިޔާގެ ބަައެއް އެއާލައިންތައް ވެސް ވަނީ ފްލައިޓްތައް ހުއްޓާލާފި ނުވަތަ މަދުކޮށްފައެވެ.

‏ދުނިޔޭގެ ބާޒާރުން ރޯ މެޓީރިއަލް ހޯދުމަށް ޤައުމުތަކުން އަަވަސްވެގެންފައިވާއިރު، އެ ސާމާނު ލިބުން ދަތިވެ، އޭޝިޔާގެ މެނުފެންޗަރިންގ ދާއިރާއަށް އަސަރު ކުރުމުގެ ބިރު އެބައޮތެވެ. އޭގެ ސަބަބުން އިލެކްޓްރޯނިކް ސާމާނާއި ކާރާއި ފޭރަންފަދަ ތަކެތި އުފެއްދުމަށް އަސަރުކޮށް، އެ ތަކެތި ގަންނަން ލިބޭ މިންވަރު ދަށަށް ދިޔުން ވެސް އެކަށީގެންވެއެވެ.

‏ޗައިނާ ހިމެނޭ ގޮތަށް ބައެއް ޤައުމުތަކުން ދަނީ އެހެން ޤަައުމުތަކަށް ތެލާއި އެހެން ސާމާނު ބޭރުކުރުން މަޑުޖައްސާލައިފައެވެ. އޭގެ ބޭނުމަކީ އަމިއްލަ ޤައުމަށް ފުދޭ މިންވަރަށް އެ ސާމާނު ރައްކާކޮށް،އެ ތަކެތި ލިބޭނެ ކަން ޔަޤީންކުރުމެވެ. ދެކުނު ކޮރެޔާއިން ވެސް ދަނީ ޕްލާސްޓިކް އުފެއްދުމަށް ބޭނުންކުރާ ނަފްތާ ބޭރުކުރުން މަދުކުރުމާ މެދު ވިސްނަމުންނެވެ. ބޭނުންވާ މިންވަރަށް ނަފްތާ ނުލިބުމުގެ ސަަބަބުން ޖަޕާނުގެ ޕެޓްރޯކެމިކަލް ކުންފުނިތަކުން ވެސް ދަނީ ދަތިތަކާ ކުރިމަތިލަމުންނެވެ. މިހާރު އޮތް ޙާލަތު ދިގުދެމިގެންދާނަމަ، އެ ކަމަށް އެހެން ޙައްލެއް ހޯދުމަށް ޖަޕާނަށް މަޖުބޫރުވާނެއެވެ.

ހަނގުރާމަ ނިމުމަކަށް އައި ނަމަވެސް ތަކެތި އުފެއްދުމަށް އަންނަ ހުއްޓުންތަކާއި، ހަކަތައާބެހޭ ބިނާރުތަކަށް ލިިބިފައިވާ ގެއްލުންތަކުގެ ސަބަބުން ތެލާއި ގޭހުގެ ސަޕްލައިއަށް ކުރަމުންދާ އަސަރު އަދިވެސް ދެމިގެންދާނެއެވެ