ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ އިޤުތިޞާދީ އަދި މާލީ ބުރަ ދުނިޔޭގެ ހުރިހާ ރައްޔިތުން އުފުލަންޖެހުމަކީ އިންސާފެއް ނޫން ކަމުގައި ވިދާޅުވެ، ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒް އެ ކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ. ޔަހޫދީންނާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމަ ފެށްޓެވީ ފެބުރުވަރީ 28 ގައެވެ.
ސްޕެއިންގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސަންޗޭޒް ވަނީ ޓްރަމްޕްގެ ހަނގުރާމައަކީ ކަނޑައެޅިގެން "ޣައިރުޤާނޫނީ" ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި، ޓްރަމްޕްގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ސްޕެއިން ވެސް ހިމެނެއެވެ. ސަންޗޭޒް ވިދާޅުވީ، ޓްރަމްޕްގެ ހަނގުރާމަ ފެށިތާ މަހެއް ނުވަނީސް، ސްޕެއިންގެ އެންމެ ބޮޑެތި ކުންފުނިތައް ހިމެނޭ 'އައިބެކްސް' އިންޑެކްސްގެ މާކެޓް ކެޕިޓަލައިޒޭޝަނުން އެކަނިވެސް 116 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވެފައިވާ ކަމުގައެވެ.
"މެދުއިރުމައްޗަށް ވައްޓައިލާ ކޮންމެ ބޮމަކީ އަޅުގަނޑުމެންގެ ޢާއިލާތަކުގެ ޖީބަށް ދެވޭ ޙަމަލާއެއް،" ސަރުކާރުގެ ސިޔާސަތު ދިފާޢުކުރައްވަމުން ސަންޗޭޒް ވިދާޅުވިއެވެ. މި ދަތިކަމުން ސްޕެއިންގެ ރައްޔިތުން ސަލާމަތްކުރުމަށް ޓަކައި، ތެލާއި ކަރަންޓުން ނަގާ ޓެކުސް ކުޑަކުރުމަށާއި، ހަކަތައިގެ އަގުބޮޑުވުމުގެ ސަބަބުން ގެއްލުންވާ ސިނާއަތްތަކަށް ސަބްސިޑީ ދިނުމަށް ސަންޗޭޒްގެ ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް ޤާނޫނުހަދާ މަޖިލީހުގައި ވޯޓަށް އެހުމަށް ދަނީ ތައްޔާރުވަމުންނެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރައްވާ ހުޅަނގުގެ ހަމައެކަނި ލީޑަރު، ސަންޗޭޒް ވިދާޅުވީ، ޞަހްޔޫނީ ދައުލަތުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އަމާޒަކީ ޣައްޒާ ފަދައިން ލުބުނާން ވެސް ސުންނާފަތިކޮށްލުން ކަމުގައެވެ. ލުބުނާނުގެ ދެކުނުގެ ބިންތަކަށް ވެރިވެގަންނާނެ ކަމުގައި ޔަހޫދީންގެ ބޮޑުވަޒީރު މާރިޗު 25 ވަނަ ދުވަހު އިޢުލާނުކުރުމުން އެ ކަމަށް އިޝާރާތް ކުރައްވައި ސަންޗޭޒް ވިދާޅުވީ، މި ފަދަ ޖަރީމާތަކުން ލިބޭ ގެއްލުންތައް އެހެން ޤައުމުތަކުން ތަހައްމަލުކުރަން ޖެހުމަކީ އިންސާފެއް ނޫން ކަމުގައެވެ.