ދުނިޔެ

ރަޝިޔާއިން އެމެރިކާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް


ސޫރިޔާގެ މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީހުން ބޭއްވި ޖަލްސާގައި އެމެރިކާއާއި ރަޝިޔާއިން އެއްޤައުމު އަނެއް ޤައުމާ ދެކޮޅަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ރައްދުކޮށްފިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ރަޝިޔާއިން ސޫރިޔާގައި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތައް ހިންގަމުން ގެންދާކަމަށް އެމެރިކާގެ މަންދޫބު ތުހުމަތު ކުރެއްވިއިރު ރަޝިޔާގެ މަންދޫބުވަނީ ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރައްވާފައެވެ.

އދ.ގެ އެންމެ ބާރުގަދަ މަޖިލިސް ކަމަށްވާ ފަނަރަ މެންބަރުން ހިމެނޭ ސަލާމަތީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވީ ސޫރިޔާގެ އުތުރުގެ ރަށެއްކަމަށްވާ ހަލަބްގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމަ ހުއްޓާލައި އެރަށުގައި ހާލުގައިޖެހިފައިވާ އާންމު ރައްޔިތުންނަށް އިންސާނީ އެހީފޯރުކޮށްދެވޭނެ މަގެއް ތަނަވަސްކުރުމާމެދު ގޮތެއް ނިންމުމަށެވެ. ނަމަވެސް މިމައްސަލާގައި އެއްބަސްވުމަކަށް އައުމުގެ ބަދަލުގައި ސޫރިޔާގެ ހަނގުރާމައިގާ ޝާމިލުވާ ޤައުމުތަކުންވަނީ އެއްޤައުމު އަނެއްޤައުމާ ދެކޮޅަށް ބަހުގެ ހަމަލާތައް ރައްދުކޮށް ރުޅިވެރިކަން ފާޅުކޮށްފައެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ މަންދޫބު ވިޓަލީ ޗޯކިން ވިދާޅުވީ ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް އެމެރިކާ ގެންދަނީ ފާޅުގައި އެހީތެރިވަމުން ކަމަށެވެ. އަދި މިފަދަ ޙާލަތެއްގައި ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ހަމަލާތައްވެސް ނުހުއްޓުވޭނެ ކަމަށާ، ސޫރިޔާގެ މައްސަލައަށް ސުލްހަވެރި ހައްލެއްވެސް ނުގެނެވޭނެ ކަމަށެވެ. ޗޯކިން ވިދާޅުވީ އެމެރިކާއިން ސޫރިޔާ ސިފައިންގެ އަމާޒުތަކަށް ގަސްދުގައި ހަމަލާދީ ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތްތަކަށް ހަތިޔާރުގެ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެހީތެރިވަމުންދާކަމީ ހަޤީގަތެއްކަމަށެވެ.

މީގެބަދަލުގައި އެމެރިކާގެ މަންދޫބު ސަމަންތާ ޕަވަރ ވިދާޅުވީ ރަޝިޔާއާއި ރަޝިޔާއަށް ވާގިވެރިވާ ސޫރިޔާ ސަރުކާރުން ގެންދަނީ ހަލަބްގެ އާންމުންނަށް ހަމަލާތައްދެމުންކަމަށާ މިއީ އެއްވެސް ރަހުމެއް އިންސާނިއްޔަތުކަމެއްނެތް ހަމަލާތަކެއްކަމަށެވެ. އަދި ވަގުތީގޮތުން ހަމަލާތައް ހުއްޓާލައި ހަލަބްގައި ތާށިވެފައިވާ އާންމުންނަށް އިންސާނީ އެހީފޯރުކޮށްދެވޭނެ އެއްވެސް މަގެއް ރަޝިޔާއާއި ރަޝިޔާގެ މަދަދު ލިބޭ ސޫރިޔާ ސަރުކާރުން ނުދައްކާކަމަށްވެސް ސަމަންތާ ޕަވަރ ތުހުމަތުކުރެއްވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ސޫރިޔާގެ މަންދޫބު ބައްޝާރުލްޖަޢުފަރީ ވިދާޅުވީ ހަލަބްގެ އާންމުންނަށް އިންސާނީ އެހީފޯރުކޮށްދިނުމަށް ސޫރިޔާ ސަރުކާރުން ބޭނުންވާކަމަށާ އެކަމަށް ސޫރިޔާ ސިފައިން ހުރަސްނާޅާކަމަށެވެ. ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ނަމުގައި ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވުމުގެ ފުރުސަތު ސޫރިޔާ ސަރުކާރުން ނުދޭނެކަމަށް ޖަޢްފަރީ ވިދާޅުވިއެވެ.

ޖަޢްފަރީ ވާހަކަ ދައްކަވަން ފެށުމުން އެކަމާ އިޙްތިޖާޖް ކުރުމުގެ ގޮތުން ސަލާމަތީ މަޖިލީހުގައި ހިމެނޭ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ މަންދޫބުންވަނީ އެ މަޖިލީހުގެ ޖަލްސާ ދޫކުރައްވައި ބޭރަށް ނުކުމެ ވަޑައިގެންފައެވެ. ޖަޢްފަރީ ވިދާޅުވީ ސޫރިޔާގެ އަމާޒަކީ ހަލަބްގެ ހުރިހާ ސަރަހައްދަކުން ޓެރަރިސްޓް ޖަމާއަތްތައް ބޭރުކޮށް އެރަށް އެއްކޮށް ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުން ކަމަށެވެ. މިމަޤްޞަދު ހާސިލް ނުކޮށް ސޫރިޔާ ސިފައިން ފަހަތަށް ނުޖެހޭނެކަމަށްވެސް ޖަޢްފަރީ ވިދާޅުވި. ސޫރިޔާގައި ހިނގަމުންދާ ފަސްއަހަރުވީ ހަނގުރާމައިގާ މިހާތަނަށް ނުހިނގާވަރުގެ ލޭއޮހޮރުވުންބޮޑު ހަނގުރާމައެއް ހަލަބްގައި މިހާރު ހިނގަމުންދާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ ސިފަކޮށްފައެވެ.

މިހަނގުރާމައިގާ ސޫރިޔާ ސިފައިންނާއި ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ކޮންމެ ދުވަހަކު ގިނައަދަދެއްގެ އާންމުން މަރުވަމުންދާއިރު ހަލަބްއިން ކާބޯތަކެއްޗާއި ބޭސް ހުސްވެ އެރަށުގެ އާންމުން ބަލިމަޑުކަމާއި ހައިހޫނުކަމުގެ ޝިކާރައަކަށްވެފައިވާ ކަމަށް އދ. ންވެސް ވަނީ ސިފަކޮށްފައެވެ.