2015 ވަނަ އަހަރު ޖަމާލުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާލާ އިބްރާހީމް ސިރާޖް ހޮވިއްޖެއެވެ. މިކަން އިޢުލާންކުރެއްވީ ރޭ އެސްކޫލްގައި ބޭއްވެވި 2015 ވަނަ އަހަރުގެ ނަތީޖާ ފާޅުކުރެއްވުމުގެ ޖަލްސާގައެވެ.
މި ޖަލްސާގައި މި ދިޔަ އަހަރު އެކި ގޮތްގޮތުން ފާހަކަ ކުރެވުނު ދަރިވަރުންނަށްވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ. މީގެތެރޭގައި މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނު އެސްކޫލްގެ ދަރިވަރުންނަށާއި، އެ އިމްތިހާނުން ވަކިވަކި މާއްދާތަކުން ދުނިޔޭން އެއްވަނަ ހޯދި ދަރިވަރުން ހިމެނެއެވެ. އަދި ސްކޫލުގެ އިތުރު ހަރަކާތްތަކުން ވަނަތައް ހާޞިލް ކުރި ދަރިވަރުންނަށާއި ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށްވެސްވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ. 2015 ވަނަ އަހަރު އެސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އަލާ އިބްރާހީމް ސިރާޖެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވަނީ ޖަމާލުއްދީން ސްކޫލް ނިސްބަތްވާ އައްސުލްޠާން މުޙައްމަދު ޖަމާލުއްދީން ނުވަތަ ވާދޫ ދަންނަކަލޭފާނުގެ ޝަހްސިއްޔަތުގެ މައްޗައް އަލިއަޅުއްވާ ފާހަކަފުޅު ދައްކަވާފައެވެ. މީގެއިތުރުން ދީނީ ގޮތުން ބަހުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާ ވާހަކަ ދެއްކެވިއެވެ. އަޝްރަފް ވިދާޅުވީ، އުނގެނުމުގެ ހުރިހާ މަރުހަލާއެއްގައި ޤައުމީ ބަހަށް އިސްކަންދޭނެޖެހޭކަމަށާއި، ބަހުގެ ތެރެއިން ފުރުޞަތުތައް މިހާރަށްވުރެ ފުޅާކޮށް ދަރިވަރުންނަށް ހޯދައިދޭންޖެހޭކަމަށެވެ.
"ބަސް ބޭނުންކުރެވޭ އުސޫލަކުން، ބޭނުންކުރެވޭ ލަފްޒް ތަކަކުން ބުނަން ބޭނުންވާ އެއްޗެއްގެ މާނަ ތަފާތު އެބަވޭ. އަނެކުންގެ ކަރާމަތާއި އަބުރު ބޭޒާރުކުރުން ބިނާވަނީވެސް ހަމަ ބަހުގެ މައްޗަށް. ހަމައެހެންމެ އަބުރު ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުން ބިނާވަނީވެސް ހަމަ ބަހުގެ މައްޗަށް. މިހެންވުމުން އަދުގެ ޒުވާން ޖީލުގެ ދޫތަކަކީ ރިވެތި ބަސްމަގަށް ހޭނިފައިތިބި ދޫތަކެއް ކަމުގައި ވާން އެބަޖެހޭ. ދިވެހި ޤައުމުގެ ޢިއްޒަތާއި ކަރާމާތަށްޓަކާ އަޅުގަނޑުމެންގެ ކޮންމެ ކުއްޖަކީ އަދަބުވެރި އެންމެ ރިވެތި ގޮތުގެ މަތިން ބަސްމޮށެ އުޅޭ ކުއްޖެއްކަމަށް ހަދަން އެބަޖެހޭ. އެކަން ކުރެވޭނީ އުނގެނުމުގައި ބަހަށްދެވޭ ސަމާލުކަން މިހާރަށްވުރެ އަދި މާބޮޑަށް އިތުރުކޮށްގެން." އަޝްރަފް ޢަލީ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ޙަސަން މުޙައްމަދު ވިދާޅުވީ، ކުރީ ދެއަހަރާއި އަޅާ ބަލާއިރު މިދިޔައަހަރުގެ އޯލެވެލް އިމްތިހާނުން އެސްކޫލްގެ ބޮޑު ކުރިއެރުމެއް ހޯދާފައިވާކަމަށެވެ. އަދި މިހިނގާ 2016 ވަނަ އަހަރު އޯލެވެލް އިމްތިޙާނުން އެސްކޫލުން 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 85 އިންސަތައަށް މައްޗައް ޖެއްސެވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
"މި ނަޖީތާ ހާޞިލްކުރެވޭނީ ސްކޫލްގެ ނެމޭޖްމެންޓާއި، ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން އެއް އަޒުމެއްގައި އެއް އަމާޒަކަށް ވާޞިލްވާން މަސައްކަތްކޮށްގެން. ޙާއްޞަގޮތެއްގައި މިއަމާޒަށް ވާޞިލްވުމުގައި މިނިސްޓްރީއޮފް އެޑިއުކޭޝަނުން ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ޕޮލިސީތަކުގެ ދައުރުވެސް ވަރަށް ބޮޑު. ވަކިން ޙާއްޞަކޮށް އެޓެންޑެންސް ޕޮލިސީގެ ސަބަބުން ބެލެނިވެރިންނަށަށް ސްކޫލަށް ކުދިން ފޮނުއްވުމަށް ބާރުއެޅިގެން ހިނގައްޖެ. ސްކޫލްގެ މެނޭޖްމެންޓުންވެސް ސްކޫލަށް ޤަވާއިދުން ކުދިން ހާޒިރުކުރުވުމަށް މަސައްކަތް ކުރުވުމުގެ ބާރަކަށް ޕޮލިސީ ވެގެން ހިނގައްޖެ. މީގެއިތުރުން މި ޕޮލިސީގެ ސަބަބުން ކުދިންގެ ކިޔެވުމާއި ކިޔެވުމާއި ގުޅުންހުރި އެހެން މައްސަލަތައް އެކަމެއްގެ ކުރީކޮޅު ދެނެގަނެވި އެކަމަށް ޙައްލު ހޯދަން ސްކޫލާއި ބެލެނިވެރިންނަށް ފަސޭހަވެގެން ހިނގައްޖެ" ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ހަސަން މުޙައްމަދު ވިދާޅުވިއެވެ.
2015 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން ޖަމާލުންދީން ސްކޫލުން 5 މާއްދާއިން ފާސްވި ކުދިންގެ ނިސްބަތަކީ 79.66 އިންސައްތައެވެ. އެއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 13.51 އިންސައްތައިގެ ކުރިއެރުމެކެވެ. ޖަމާލުއްދީން ސްކޫލް ހުޅުވުނީ 16 ފެބްރުއަރީ 1985 ވަނަ އަހަރުއެވެ.