ޚަބަރު

ފުރަތަމަ ފަހަރަށް އެސްއެމްއީ ޑިޖިޓަލްއަށް މިނިވަން ޑިރެކްޓަރުން


  • މިނިވަން 3 ޑިރެކްޓަރުން އައްޔަންކުރާނެ

  • މިހާރު ތިއްބަވަނީ 7 ޑިރެކްޓަރުން

އެސްއެމްއީ ޑިޖިޓަލްގެ ޑިރެކްޓަރުންގެ ބޯޑަށް މިނިވަން ޑިރެކްޓަރުންގެ ގޮތުގައި ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މިއީ އެސްއެމްއީ ޑިޖިޓަލްގެ ބޯޑަށް މިނިވަން ޑިރެކްޓަރުން އައްޔަންކުރާ ފުރަތަމަ ފަހަރެވެ.

އެސްއެމްއީ ޑިޖިޓަލްއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ބޯޑަށް މިނިވަން 3 ޑިރެކްޓަރުން އައްޔަނުކުރުމަށްޓަކައި، އެކަމަށް ޝަރުތުހަމަވާ ތަޖުރިބާކާރު ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު 26 މާރިޗު 2026 އިން ފެށިގެން 05 އޭޕްރީލް 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކޮންމެ މިނިވަން ޑިރެކްޓަރަކުވެސް އައްޔަނުކުރެވޭނީ، އެސްއެމްއީ ޑިޖިޓަލްގެ އަސާސީ ގަވާއިދާއި ކަމާގުޅޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އައްޔަނުކުރާ ތާރީޚުން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

ކުރިމަތިލާ ފަރާތްތަކަކީ ކޯޕަރޭޓް ގަވަރނަންސް ގަވާއިދާއި ކަމާބެހޭ އެހެނިހެން ގާނޫނުތަކުގައި ބަޔާންކޮށްފައިވާ މިނިވަން ޑިރެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަކަށް ވާންޖެހޭނެކަމަށް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ވިޔަފާރީގެ ދާއިރާއާ ގުޅުންހުރި ރޮނގަކުން، ގަބޫލުކުރެވޭ ޔުނިވަރސިޓީއަކުން މަދުވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއި، ގުޅުންހުރި ދާއިރާއަކުން ސަރުކާރު ނުވަތަ އަމިއްލަ އިދާރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއި، ބޭންކިންގ، މާލީ ޚިދުމަތްތައް، އިންވެސްޓްމަންޓް ވިޔަފާރި އަދި ރިސްކް މެނޭޖްމަންޓް ފަދަ ދާއިރާތަކުގެ ފުރިހަމަ މަޢުލޫމާތާއި ހޭލުންތެރިކަން ހުރުމަކީވެސް މިނިވަން ޑިރެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެއްކަމަށްވަނީ ބަޔާންކޮށްފައެވެ.

މި މަގާމަށް ކުރިމަތިލާ މީހަކީ އުމުރުން 30 އަހަރާއި 70 އަހަރާއި ދެމެދުގެ މީހަކަށް ވާންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އެސްއެމްއީ ޑިޖިޓަލްގައި މިހާރު ތިއްބަވަނީ 7 މެންބަރުންނެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޑިޖިޓަލްކޮށް "އެސްއެމްއީ ޑިޖިޓަލް"ގެ ނަމަށް ރީބްރޭންޑްކުރީ މިދިޔަ އޮކްޓޯބަރ މަހު ފަހުކޮޅުއެވެ. އެކުންފުނި ރީބްރޭންޑްކޮށް ކުންފުނި މިހާރު ހިންގަމުންދަނީ ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީއެއްގެ ގޮތުގައެވެ. މިއާއެކު އެކުންފުނިން ދެމުން އަންނަ ޚިދުމަތުގެ ފެންވަރު މަތިކުރުމާއެކު އައު ޚިދުމަތްތައް ތަޢާރަފް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން އެކުންފުނިން ފޯރުކޮށްދޭ ފައިނޭންސިންގ ފެސިލިޓީތައް އިސްލާމީ ޝަރީއާއާ އެއްގޮތަށް ދޭ ފެސިލިޓީތަކަށް ބަދަލުކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.