ޚަބަރު

މާލެ ސަރަހައްދުގައި ތަރައްގީކުރާ 7 ޕާކިން ބިލްޑިންގެ މަސައްކަތް ފަށަނީ


  • ހަތަރުފުރޮޅުލީ އުޅަނދުތަކަށް 2600އަށްވުރެ ގިނަ ޖާގަ ލިބޭނެ

  • ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެ

މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފެށުމަަށް ތައްޔާރުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މާލެ ސަރަޙައްދުގައި ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ވަރަށް އަވަހަށް މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށާނެކަމަށެވެ.

އެ ބިލްޑިންތަކާއެކު ހަތަރުފުރޮޅުލީ އުޅަނދުތަކަށް 2600އަށްވުރެ ގިނަ ޖާގަ ލިބޭނެކަމަށާއި ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެކަމަށެވެ.

ވަޒީރު ވިދާޅުވީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެގުމާއެކު ޕާކިންގެ ގޮންޖެހުންތައް ހައްލުކޮށް، ތޮއްޖެހުމާއި ގަވާއިދާ ޚިލާފަށް މަގުމަތީގައި ޕާކުކުރުން މަދުކޮށް، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރެވޭނެ ކަމެއްކަމަށެވެ.

ސޯޝަލް މީޑިއާގައި ވަޒީރު ވަނީ އެޕާކިން ބިލްޑިންތަކުގެ ކުރެހުންތަކެއްވެސް އާންމުކުރައްވާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި ޕާކިން ބިލްޑިންތަކެއް ތަރައްޤީކުރުމަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގައި ހިމާނާފައިވާކަމަށެވެ.

ޕާކިން ބިލްޑިންތަކުގެ ތެރެއިން 2 ބިލްޑިން މާލޭގައި ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގައިވެސް ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ވިދާޅުވީ ވިލިމާލޭގައި ޕާކިން ބިލްޑިންގ ތަރައްޤީކުރާނީ ބްރިޖުން ވިލިމާލެއަށް ފައިބާ ހިސާބުގައިކަމަށެވެ. އަދި ހުޅުމާލޭގައި ޕާކިން ބިލްޑިންގ ތަރައްޤީކުރާނީ ގިނަ ބަޔަކަށް ފަސޭހަ ވާނެ ސަރަޙައްދެއްގައިކަމަށެވެ.