މެދުއިރުމަތީގެ ހިނގަމުންދާ ހަނގުރާމައަށް މަހަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު، ހަނގުރާމައިގެ ހާލަތު ދަނީ ބަދަލުވަމުންނެވެ. އެންމެފަހުން ޔަމަނުގެ ހޫޘީން ހަނގުރާމައިގެ ތެރެއަށް ވަނުމާއެކު މިހާރު ބިރުބޮޑުވެފައިވަނީ ބާބުލް މަންދަބް ކަނޑުއޮޅު ބަނދުވެ އޭޝިއާއާއި ޔޫރަޕް ގުޅުވައިދޭ ސުއޭޒް ކެނަލް އިން ދަތުރުކުރުމަށް ހުރަސް އެޅުމެވެ. މިއީ ހުރްމުޒް ކަނޑުއޮޅި ހިފެހެއްޓުމެއްގެ ތެރޭގައި އޮތް ދަނޑިވަޅެއްގައި ލިބިގެންދާނެ ބޮޑު ގެއްލުމެކެވެ. އަދި ރާއްޖެއަށްވެސް މިކަމުގެ އަސަރުކުރާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ވިދާޅުވެއެވެ.
ބަދަލުވަމުންދާ ހަނގުރާމައިގެ ހަޤީޤަތްތަކަށް އަޅުގަނޑުމެންގެ ދިވެހި އިޤްތިޞާދު ކިހާ ވަރަކަށް ތައްޔާރުވެފައިވޭތޯ މިއީ މިހާތަނާށް ކުރަމުން އަންނަ ސުވާލެކެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިގެންދާއިރު އެކަމުގެ އަސަރު ރާއްޖޭގެ ބާޒާރުންވެސް ފެނިގެންދެއެވެ. ސަރުކާރުން ދެމުންދާ އެއް ޔަޤީންކަމަކީ އަސާސީ ބާވަތްތައް ލިބޭނެކަމުގެ ކަށަވަރުކަމެވެ. މީގެ ކުރިން ރާއްޖޭގެ ހުޅަނގަށް، ނުވަތަ މެދުއިރުމައްޗަށް ބަރޯސާވެފައި އޮޮތް އޮތުން ދޫކޮށްލާ މީގެ ކުރިން އެހާ ބޮޑު ގުޅުމެއް އުފެދިފައި ނެތް އިރުމަތީ އޭޝިއާގެ މާކެޓުތަކަށް ރާއްޖެ މިވަނީ އަމާޒު ހިފާފައެވެ.
އިރުމަތީ އޭޝިއާގެ މެލޭޝިއާ، ވިއެޓްނާމް، ތައިލޭންޑް އަދި އިންޑޮނޭޝިއާގެ ބާޒާރަށް މިހާރަށް ވުރެ ބޮޑު އިސްކަމެއް ދިނުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ. ސަރުކާރުން ހަނގުރާމައިގެ މި ހާލަތު ބަލައިގަތީ މީގެ ކުރިން ޓަކި ނުޖަހާ ދޮރުތަކުގައި ޓަކި ޖެހުމަށް ލިބިގެންދިޔަ ފުރުޞަތެއްގެ ގޮތުގައިއެވެ.
"ކުރީގައި މުދާ ގެނޭ އިންޑޮނޭޝިއާއިންވެސް، ތައިލޭންޑުންވެސް މެލޭޝިއާއިންވެސް ވިއެޓްނާމުންވެސް. ޑީޕާ ކޮމާޝަލް ކަނެކްޝަންސް ތަކެއް ނެތް އެ ޤައުމުތަކުގެ ދޭ ތެރޭ. އެހެންނަމަވެސް ވަރަށް ޑެލިބެރޭޓްކޮށް ފޮރިން މިިނިސްޓްރީން އަޅުގަނޑުމެންނާ ގުޅިގެން އެ ކުރާ މަސައްކަތަކީ މި އުފެދުނު އޮޕޮޗުނިޓީގެ ބޭނުން ހިފުން." ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ސަރުކާރުން ކާބޯތަކެއްޗަށް ނުޖެހޭނެ ކަމުގެ ޔަޤީންކަން ދެނީ ހަމައެކަނި އައު މާކެޓުތަކާއެކު ކުރެވޭ މަޝްވަރާއަށްވެސް ބިނާކޮށް ނޫނެވެ. ޗައިނާއާއެކު ހެދިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީވެސް ސަރުކާރުގެ އެބަސްތަކަށް ބާރުދޭ ކަމެކެވެ. އާންމުކޮށް ދޭދޭ ޤައުމުތަކުގެ މެދުގައި އުފެދިފައި ހުންނަ ގުޅުންތަކުގެ ތެރެއިން ވިޔަފާރި ކުރުމަށް ބައެއް ހުރަސްތައް ހުރެއެވެ. ނަމަވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ މައިގަނޑު ބޮޑު ހުރަސް ނައްތާލާ އެއްބަސްވުމެކެވެ.
އަވަށްޓެރި އިންޑިއާއެކު މިވަގުތު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނެތަސް، އެ ޤައުމުން ރާއްޖެއަށް ހާއްސަ އިސްކަމެއް ދީގެން އަބަދުވެސް އެކި މުދާތައް ފޯރުކޮށްދެއެވެ. އެކްސްޕޯޓް ދަށް ކުރާ ދަނޑިވަޅުތަކުގައިވެސް އެ ފަހި ފުރުޞަތުތަކެއް އޮތްއިރު މިވަގުތު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު މަޝްވަރާތަކެއްވެސް އެ ޤައުމާއެކު ދަނީ ކުރިއަށެވެ.
"އާދައިގެ ދެ މާކެޓަކާއި، މިނިވަން ވިޔަފާރީގެ ކޮރިޑޯއެއް އެސްޓެބްލިޝް ވެފައި އޮތް ދެ ޤައުމަކާއި ދެމެދު ކުރަން ޖެހޭ މަސައްކަތް މިނިމަމް ވެފައި ކުޑަވާނެ. ދެން ކަން ދިމާވި ގޮތުން ދުނިޔޭގެ އެންމެ ބޮޑު ބާޒާރު އެއީ. ޗައިނާ އިންޑިއާ އަކީ އަޅުގަނޑުމެންނަށް ވަރަށް ފޭވަރަބަލް އަޅުގަނޑުމެންނާއި ވަރަށް ގާތުން މަސައްކަތް ކުރެވޭ ދުނިޔޭގެ އެންމެ ބޮޑު ދެ ބާޒާރު." އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
މިކަންކަމާއެކު ސަރުކާރުން ވަނީ މެދުއިރުމަތިންވެސް އެއާކާގޯ އަންނަން ފަށާފައިވާކަމަށް ވިދާޅުވެފައެވެ. ރާއްޖެއަށް ތެޔޮ އެތެރެކުރަނީ އޮމާންގެ ބަނދަރުން ކަމަށްވުމުން، ހޮރުމުޒް ކަނޑުއޮޅީގައި ރާއްޖޭގެ ތެޔޮ ތާށި ނުވެއެވެ. ބާޒާރުގައި އަގުތައް އުފުލުނަސް ސަޕްލައިގެ މައްސަލައެއް ދިމާނުވެއެވެ. ހަމައެގޮތަށް އަސާސީ ކާބޯތަކެތިވެސް މިވަގުތައް ސަޕްލައިގެ ތާށި ކަމެއް ނެތް ކަމަށް ސަރުކާރުން ޔަޤީންކަން ދެއެވެ. އަދި ކުރިއަށްވެސް ނާންނާނެ ގޮތް ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރެއިން އެކަން ކަށަވަރު ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މިއިން ކޮންމެ ކަމަކުންވެސް ސަރުކާރުން މި ދޭ ޔަޤީން ކަމަކީ ކޮންމެ ހާލަތެއް އައި ނަމަވެސް، އެކަމަށް ސަރުކާރު ތައްޔާރަށް އޮތް ކަމެވެ. ހާލަތު ގޯސްވެދާނެއެވެ. އެހެންނަމަވެސް ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުމުގެ އަސަރު ދިވެހިންނަށް ކުރާ މިންވަރު ވީހާވެސް ކުޑަކުރުމަކީ ސަރުކާރުން މި ހަނގުރާމައިގައި އެންމެ އިސްކަމެއް ދޭ ކަމެވެ.