ޚަބަރު

ސްކޮލަރޝިޕްގައި ރާއްޖޭގައި ކިޔެވުމަށް ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއް


  • މިއީ ނަތީޖާ ރަނގަޅު ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔަވަން ބާރު އެޅުމަށް ގެނައި ބަދަލެއް

  • ހައި އެޗީވަރސްއާއި ރައީސްގެ ޚާއްސަ ސްކޮލަރޝިޕްގެ އައު އުޞޫލު ވަނީ އާންމުކޮށްފައި

ހައި އެޗީވަރސް ސްކޮލަރޝިޕްގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑުގެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމައިފިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ، ހައި އެޗީވަރސް ސްކޮލަރޝިޕާއި މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕުގެ އުސޫލަށް ބަދަލުތަކެއް ގެނެސް އާންމުކުރައްވާފައެވެ.

މި އުޞޫލުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރަޙީމް ވިދާޅުވީ، ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއް ދޭން ހަމަޖެއްސީ ރަނގަޅު ނަތީޖާ ލިބޭ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔަވަން ބާރު އެޅުމުގެ ގޮތުން ކަމަށެވެ. އެގޮތުން ސްޓައިޕެންޑުގެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕް ދިނުމުގެ އުޞޫލުގައި ވާގޮތުން ހައި އެޗީވަރސް ސްކޮލަރޝިޕް ލިބެނީ ފަސް މާއްދާގެ ތެރެއިން ދަރިވަރު ބައިވެރިވި އޭލެވެލް ނުވަތަ އެއާ އެއްވަރުގެ އިމްތިޙާނެއްގައި އެސްއެސްސީގެ ދިވެހި، އިސްލާމް މާއްދާ ހިމެނޭހެން އެއް މާއްދާއިން އޭ ސްޓަރ އަނެއް ހަތަރު މާއްދާއިން ދަށްވެގެން އޭ އެއް ލިބުމުންނެވެ. ނުވަތަ ޝަހާދާ ޘާނަވިއްޔާ އިމްތިޙާނުގެ އެ ދަރިވަރަކު ކިޔެވި ސްޓްރީމްގައި ކިޔަވަންޖެހޭ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ކަނޑައަޅައިފައިވާ ހުރިހައި މާއްދާތަކާއި އަދި އެޗް.އެސް.ސީގެ ދިވެހި އިސްލާމުގެ ތެރެއިން އެއް މާއްދާއިން އޭ ސްޓަރ ހޯދުމާއެކު ދެން ހުރި މާއްދާތަކުން، ދަށްވެގެން "އޭ " ގުރޭޑް ލިބުމުންނެވެ. އަދި އިނގިރޭސި މާއްދާއިން އޯލެވެލްއާ އެއްފެންވަރުގެ ނުވަތަ އެއާ އެއްވަރުގެ އިމްތިޙާނަކުން ދަށްވެގެން ސީ ފާހެއްވެސް އޮންނަން ޖެހެއެވެ.

ކުރިން އޮންނަ ގޮތުން ހައި އެޗީވަރސް ސްކޮލާޝިޕް ލިބެނީ، އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނެއްގައި ދިވެއްސާއި، އިސްލާމް ހިމެނޭހެން ޖުމްލަ ފަސް މާއްދާއިން އޭ ލިބޭ ދަރިވަރުންނަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ވެސް ކިޔަވަން ފުރުޞަތު ދޭނީ، ރާއްޖޭގެ ޓްރެއިނިންގ ނީޑްސް ރިކުއަޔަރމަންޓް ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުން ކަމަށް މި އުޞޫލުގައި ވަނީ ކަނޑައަޅާފައެވެ. 2024 ވަނަ އަހަރު އެކުލަވާލި އުޞޫލުގައި އޮންނަ ގޮތުން ޕްރެޒިޑެންޓް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖެއިން ޤަބޫލު ކުރާ ދުނިޔޭގެ ކޮންމެ ޔުނިވަރސިޓީއެއްގައި ބޭނުން ރޮނގަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ލިބެއެވެ. އައު އުޞޫލުގައި ރާއްޖޭގެ ޓްރެއިނިންގ ނީޑްސް ރިކުއަޔަރމަންޓް ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތު އޮތްނަމަވެސް މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ރައީސްގެ ޚާއްސަ ސްކޮލަރޝިޕް ހޯދި ދަރިވަރުންނަށް، އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ދޭގޮތަށް ވަނީ ނިންމާފައެވެ.

މިސްކޮލަރޝިޕްގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް، ސްޓައިޕެންޑްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެން ވަނީ ހަމަޖައްސައިދީފައެވެ. މިއީ، އޭލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުން ރާއްޖޭގައި ކިޔަވަން ހިތްވަރު ދިނުމުގެ ގޮތުން މި ފަހަރު ގެނެސްފައިވާ ބަދަލެކެވެ.

ރައީސްގެ ސްކޮލަރޝިޕް ލިބިގެން ކިޔަވާ ދަރިވަރުން 4 އަހަރާއި، 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަން ޖެހެއެވެ. ޚިދުމަތް ނުކުރާ ފަރާތްތަކުން ސަރުކާރުން ސްކޮލަރޝިޕަށް ކުރި ޚަރަދު، ކަނޑައަޅާ ގޮތެއްގެ މަތިން ދައްކަން ޖެހެއެވެ.