ޚަބަރު

ސްކޭމުތަކުން ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި


  • މިދިޔަ ހަފުތާގައި ސްކޭމުގެ 22 މައްސަލަ ހުށައަޅާފައިވޭ

  • އެންމެ ގިނައީ އެހެން މީހެއްގެ ނަމުގައި ފައިސާ ހޯދި މައްސަލަތައް

މިދިޔަ ހަފުތާގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވާ ސްކޭމްގެ މައްސަލަތަކުގެ ތެރެއިން ލައްކަ އަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް އެ ޚިދުމަތުން ހާމަކުރައްވައިފިއެވެ. އެ އިދާރާއިން ވިދާޅުވީ، ފާއިތުވި ހަފުތާގައި ސްކޭމްއާ ގުޅޭ 22 މައްސަލަ ހުށައަޅާފައިވާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާރިޗު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާ ހަމައަށް މުޅި ޖުމުލަ 22 މައްސަލަ ވަނީ ހުށައަޅާފައެވެ. މި މައްސަލަތަކުގައި 116،212.50 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، އޭގެތެރެއިން އަނބުރާ ހޯދާފައިވަނީ 114،456.00 ރުފިޔާއެވެ.

މިދިޔަ ހަފުތާގައި ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ އިންޕަރސަނޭޝަން ނުވަތަ އެހެން މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދި މައްސަލަތަކެވެ. އެގޮތުން އިންޕަރސަނޭޝަން ސްކޭމުގެ ގޮތުގައި މުޅި ޖުމުލަ 8 މައްސަލަ ހުށައަޅާފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

ސްކޭމުގެ މައްސަލަތަކުގެ ތެރެއިން އީ-ކޮމަރސް ނުވަތަ އޮންލައިން ވިޔާފަރިއާ ގުޅުން ހުރި މައްސަލަތަކާއި، ތަފާތު ލިންކުތައް ފޮނުވައިގެން ފައިސާ ފޭރިގަތުމުގެ މައްސަލަތަކާއި، ފިޝިން އަދި ވިޝިންގެ ސްކޭމްތައް ހިމެނެއެވެ. މިގޮތުން އީ-ކޮމަރސްގެ 6 މައްސަލައަކާއި، ފައިސާ މާރުކުރުމާއި ގުޅުންހުރި 5 މައްސަލައެއްގެ އިތުރުން ސްކޭމާ ގުޅުންހުރި އެހެނިހެން 3 މައްސަލަ ހުށައަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ސްކޭމުގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ، އޮންލައިން މެސެޖިން މަންސަތަކާއި، ފޯނު ކޯލާއި، އައިބޭއާއި އެކި ކަހަލަ ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސްއެވެ.

ސްކޭމުގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އޮންލައިންކޮށް އެއްޗެއް ގަތުމުގެ ކުރިން އެއީ އިތުބާރު ހިފޭ ތަނެއްތޯ ރަނގަޅަށް ކަށަވަރު ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. https://business.egov.mv/ މެދުވެރިކޮށް ވިޔަފާރިއެއްގެ ސައްޙަކަން ކަށަވަރު ކުރެވޭނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ހަމައެއާއެކު، ފައިސާއަށް އެދި މެސެޖެއް އަތުވެއްޖެނަމަ، ނަމްބަރުގެ ވެރި ފަރާތަކާއި ގުޅައިގެން އެކަން ޔަޤީން ކުރުމަށާއި، ޑޮލަރު މާރު ކުރުމުގައި ހަމައެކަނި ބެންކު ނުވަތަ ލައިސަންސް އޮތް ތަންތަން ބޭނުން ކުރުމަށް ސަމާލުކަން ދިނުމުގެ އިތުރުން ފޮނުވާ ލިންކުތަކަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން، ޒާތީ މަޢުލޫމާތު އެއްވެސް ގޮތަކަށް ޚިއްސާ ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައެވެ. އަދި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ، މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ސްކޭމް ސެންޓަރުން ވިދާޅުވެއެވެ.

ސްކޭމަރުންނަށް ފައިސާ ހޯދުމުގައި ކާމިޔާބު ވަނީ، އެފަދަ މައްސަލަތަކުގައި ހަނު ހުރުމުން ކަމަށާއި އެފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަކީ، ފައިސާ އަނބުރާ ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށްވެސް އެސެންޓަރުން ވިދާޅުވެއެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓު ކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުމުން، ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބޭނެއެވެ.