ޚަބަރު

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުން ހުއްޓުވާނެ ޤާނޫނީ ހަމައެއް ނެތް: ސުޕްރީމް ކޯޓު


ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ހުއްޓުވާނެ ޤާނޫނީ އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ހޮނިހިރު ދުވަހު ނެގުމަށް ތައްޔާރުވެފައިވާއިރު، މި ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ 8 ވަނަ އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ.

ގާނޫނީ ވަކީލް އައިކް އަޙްމަދު އީސާއާއި ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމުގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި އެހުމަށް ކަނޑައެޅި ސުވާލަކީ ޤާނޫނު އަސާސީއާ ޚިލާފް ސުވާލެއް ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ,

"ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

މިމައްސަލާގައި ސުޕްރީމް ކޯޓުން ޙުކުމް އިއްވާފައިވަނީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ހުއްޓުވުމަށް ޤާނޫނީ ގޮތުން އެއްވެސް އަސާސެއް ނެތް ކަމަށެވެ. ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި ޙުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާއިރު ސުވާލު ބައްޓަން ކުރާނެ އިޖުރާއަތެއް އަދި އުސޫލެއް ޤާނޫނު އަސާސީގައި ނެތް ކަމަށެވެ. އަދި ސުވާލުގައި އިތުރު މައުލޫމާތު ހިމެނުންވެސް މަނާ ނުކުރާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާފައިވާ ސުވާލަކީ، ޤާނޫނުއަސާސީއާއި ޚިލާފު ސުވާލެއް ކަމަށް ކަނޑައަޅާނެ ހަމައެއް ނެތް ކަމަށާއި، ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅާނެ ޤާނޫނީ އަސާސެއް ނެތްކަމަށް މައްސަލައިގެ ޙުކްމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ބެންޗަކުންނެވެ. ބެންޗުގައި ދެން ހިމެނި ވަޑައިގަންނަވަނީ، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު ޙުސައިން ޝަހީދާއި، ފަނޑިޔާރު ޢަލީ ރަޝީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން ހުއްޓުވާނެ އަސާސެއް ނެތް ކަމަށް، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، އެ ވޯޓާއި ގުޅޭ އިތުރު މައްސަލަތަކެއް ސިވިލް ކޯޓާއި ހައި ކޯޓަށް ވެސް މީގެ ކުރިން ހުށަހެޅިއެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއް ކޯޓަށް ބަލައިގަނެފައެއް ނުވެއެވެ.