ޚަބަރު

ސިޓީތަކާއި، ރަށު ކައުންސިލްތައް ބެހިގެންވަނީ ކިހިނެތް؟


  • މާލެ ސިޓީ އާއި ފުވައްމުލައް ފިޔަވައި އެހެން ސިޓީތަކުގެ ދާއިރާތައް ކަނޑައަޅަނީ އާބާދީއަށް ރިޢާޔަތްކޮށް

  • ރަށްރަށުގެ ކައުންސިލަރުންގެ އަދަދު އާބާދީއާ ގުޅިގެން ބަދަލުވާނެ

އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުތަކުގެ ތެރެއިން ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށުގެ އާބާދީ އާއި ސިޓީތަކުގެ އާބާދީއާއެކު ގޮނޑިތަކުގެ އަދަދަށްވެސް ބަދަލު އާދެއެވެ. މި ބަދަލަކީ މިފަހުން ޤާނޫނަށް ގެނައި އިސްލާހުތަކާއެކު އައިސްފައިވާ ބަދަލުތަކެކެވެ.

މީގެ ކުރިން ކޮންމެ ރަށެއްގައި 5 ކައުންސިލަރުން ތިބި ނަމަވެސް މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މެންބަރުން އައްޔަން ކުރަނީ އާބާދީއަށް ބަލައިގެންނެވެ. އެގޮތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު މިފަހަރުގެ އިންތިޚާބުގައި އާބާދީ 2000 އަށްވުރެ މަދު ކޮންމެ ރަށަކަށްވެސް އިންތިޚާބު ކުރާނީ 3 ކައުންސިލަރުންނެވެ. އެއީ ކައުންސިލް ރައީސާއި އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ގޮނޑިއަށް އިންތިޚާބު ކުރާ ކައުންސިލަރާއި ކައުންސިލް މެންބަރެވެ.

އެ ރަށެއްގެ އާބާދީ 2000 އަށްވުރެ އިތުރުނަމަ ކައުންސިލަރުން އިންތިޚާބު ކުރާނީ މިހާރުވެސް އޮތްގޮތަށް 5 ކައުންސިލަރުންނެވެ. އެއީ ރަށު ކައުންސިލް ރައީސާއި އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑިއަށް އިންތިޚާބު ކުރާ ކައުންސިލަރުންނާއި އިތުރު ދެ ކައުންސިލަރުންނެވެ.

ޤާނޫނު ބުނާގޮތުން ކޮންމެ ކައުންސިލެއްގެވެސް %33 ޚާއްސަކުރަންޖެހެނީ އަންހެނުންނަށެވެ. އެހެންވެ، ރަށްރަށާއި ސިޓީތަކަށްވެސް އިންތިޚާބު ކުރާ ކައުންސިލަރުންގެ ތެރެއިން ވަކި އަދަދަކަށް ގޮނޑިތައް އަންހެނުންނަށް ޚާއްސަކުރަންޖެހެއެވެ.

ޤާނޫނަށް ގެނައި އިސްލާހާއެކު ރަށު ކައުންސިލްތަކާއެކު ސިޓީ ކައުންސިލްތަކަށް ކައުންސިލަރުން އިންތިޚާބު ކުރާ އަދަދަށްވެސް ބަދަލު ވަނީ އައިސްފައެވެ. ނަމަވެސް މާލެ ސިޓީ އާއި ފުވައްމުލައް ސިޓީގެ ދާއިރާތަކަށް ބަދަލު ނާންނާނެކަން ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މާލެ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް

މާލެ ސިޓީއަށް މިފަހަރު 18 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އެއީ 17 އިންތިޚާބީ ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ކައުންސިލަރެއްގެ އިތުރުން މާލެ ސިޓީގެ މޭޔަރުގެ މަގާމަށް އިންތިޚާބު ކުރާ މެންބަރެވެ. އިންތިޚާބީ ދާއިރާގެ ތެރެއިން 6 ދާއިރާއަކީ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދާއިރާތަކެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް މިދިޔަ އަހަރު ބަދަލު ގެނެސްފައިވާއިރު އާބާދީއާ ގުޅިގެންވެސް އެ ސިޓީގެ ކައުންސިލަރުންގެ އަދަދަށް މިފަހަރުވަނީ ބަދަލު އައިސްފައެވެ. އައްޑޫ ސިޓީން މިފަހަރު ހުޅުދޫ އަދި މީދޫ ވަކިވެފައިވާއިރު އެ ސިޓީގެ އާބާދީ 25،000 އާއި 50،000 އާ ދެމެދުކަމަށްވާތީ އެ ސިޓީއަށް އިންތިޚާބު ކުރާނީ 11 ކައުންސިލަރުންނެވެ.

އެއީ އައްޑޫ ސިޓީގެ މޭޔަރާއި އިންތިޚާބީ 10 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ކައުންސިލަރެކެވެ. މީގެ ތެރެއިން 4 ދާއިރާގެ ގޮނޑި ޚާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް

މިއިންތިޚާބުގައި ފުވައްމުލަކު ސިޓީ ކައުންސިލަށް އިތުރު ބަދަލެއް ނާންނާނެއެވެ. އެ ސިޓީ ކައުންސިލަށް މިފަހަރުވެސް އިންތިޚާބުކުރާނީ މިހާރު ތިބި އަދަދަށެވެ. އެއީ 9 ކައުންސިލަރުންނެވެ.

ފުވައްމުލަކުގައި ކައުންސިލަރުން އިންތިޚާބު ކުރާނީ ކޮންމެ އަވަށަކަށް ކައުންސިލަރެއް އިންތިޚާބު ކުރާ ގޮތަށެވެ. އެގޮތުން އެ ސިޓީގެ 8 އަވަށަށް 8 ކައުންސިލަރުންގެ އިތުރުން މޭޔަރު އިންތިޚާބު ކުރާނެއެވެ. މީގެ ތެރެއިން 3 ގޮނޑި ޚާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.

ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް

ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީއަށް ކައުންސިލަރުން އިންތިޚާބު ކުރަނީ ދެ ސިޓީގެ އާބާދީއަށް ރިއާޔަތްކޮށްގެންނެވެ. އެ ދެ ސިޓީގެވެސް އާބާދީއަކީ 10،000 އާއި 25،000 ދެމެދު ކަމަށްވާތީ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ދެ ސިޓީއަށްވެސް އިންތިޚާބު ކުރަންޖެހެނީ 7 ކައުންސިލަރުންނެވެ.

އެއީ އިންތިޚާބީ 6 ދާއިރާއަށް 6 ކައުންސިލަރުންގެ އިތުރުން ސިޓީގެ މޭޔަރެވެ. މީގެ ތެރެއިން 2 ގޮނޑި ޚާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.

ވޯޓު ކަރުދާސް އޮންނާނީ ކިހިނެތް؟

ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ދޭ ކަރުދާސްވެސް އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އެކުލެވިގެންވާގޮތާ އެއްގޮތަށް ބަދަލުވާނެއެވެ. އެގޮތުން، އާބާދީ 2000 އަށްވުރެ މަދު ރަށްރަށުގެ ވޯޓު ކަރުދާހުގައި ރަށު ކައުންސިލް ރައީސް އާއި އަންހެން މެންބަރު އަދި މެންބަރުގެ ބައިތައް ވަކިން އޮންނައިރު ވޯޓުލާންޖެހޭނީ ކޮންމެ ބަޔަކުން އެއް ކެންޑިޑޭޓަކަށެވެ.

އާބާދީ 2000 އަށްވުރެ ގިނަ ރަށްރަށުގައިވެސް ކައުންސިލް ރައީސާއި އަންހެން މެންބަރު އަދި މެންބަރުންގެ ބައިތައް ވަކިން ކަރުދާހުގައި ހުންނައިރު ވޯޓުލާންޖެހޭނީ ކައުންސިލް ރައީސަކަށް އެއް ކެންޑިޑޭޓަކަށް އަދި އަންހެން މެންބަރާއި ކައުންސިލް މެންބަރުގެ ބައިން ކޮންމެ ބަޔަކުން 2 ކެންޑިޑޭޓުންނަށެވެ.

ސިޓީތަކުގެ ވޯޓު ކަރުދާހުގައި ހިމެނޭނީ ދެ ބައެކެވެ. އެއީ މޭޔަރު ކަމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް ހިމެނޭ ބަޔާއި އެ އިންތިޚާބީ ދާއިރާއަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ބަޔެވެ. މީގެ ތެރެއިން ކޮންމެ ބަޔަކުންވެސް ވޯޓުލާންޖެހޭނީ އެއް ކެންޑިޑޭޓަކަށެވެ.