އިންތިޚާބުތަކުގެ ކަންކަން ދާގޮތް އެންމެ ގާތުން ބަލަން ތިބޭ ބަޔަކީ ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މޮނިޓަރުންނާއި އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނެވެ. މީގެ ތެރެއިން ކޮންމެ ބަޔަކީ ތަފާތު ޒިންމާއެއް އަދާކުރަންޖެހޭ ބަޔަކަށްވާއިރު ކޮންމެ ބަޔަކުވެސް ވޯޓުލާ މަރުކަޒުގައި އަމަލުތައް ބަހައްޓަންވާނީ ޤާނޫނާއި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.
ވޯޓުލާ ވަގުތު ވޯޓުލާ މަރުކަޒުގެ ތެރޭގައި ހަރަކާތްތެރިވެވޭނެ ފަރާތްތައް ޤާނޫނުގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންގެ އިތުރުން ވޯޓުލާ މަރުކަޒުގައި ތިބެވޭނީ މޮނިޓަރުންނާއި އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނަށެވެ. މިއީ އިންތިޚާބު ކުރިއަށްދާގޮތާއި އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ރާވާފައިވާ ގޮތް ބެލުމަށާއި ރައްޔިތުންނާ ހަމައަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކެންޑިޑޭޓުންގެ ފަރާތުން އިންތިޚާބުގެ ކަންކަން ކުރިއަށްދާގޮތް ބެލުމަށް ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ މީހުންނެވެ.
މޮނިޓަރުންނަކީ ރާއްޖޭގައި ރަޖިސްޓަރީ ކުރެވިގެން ހިންގާ މީޑިއާތަކުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ މީހުންނެވެ. މޮނިޓަރުންނަށް ވޯޓުލާ ސަރަޙައްދުތަކުގައާއި ވޯޓު ގުނާ ތަންތަނުގައި ޙަރަކާތްތެރިވެ ފޮޓޯ ނަގައި އަޑާއި މަންޒަރު ރެކޯޑުކުރެވޭނެއެވެ. މޮނިޓަރުންނަށް ފޯނު ގެންގުޅެވުނު ނަމަވެސް އެފަދަ ތަކެތި ބޭނުންކުރަންވާނީ ވޯޓުލާ މަރުކަޒުގެ އަޑާއި މަންޒަރު ރެކޯޑް ކުރުމަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އޮބްޒާވަރުންނަކީ އިންތިޚާބެއްގައި އެ އިންތިޚާބުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށްޓަކައި ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ފަރާތްތަކެވެ. މީގެ ތެރޭގައި ހިމެނޭނީ ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރުދުންނާއި ރާއްޖެއިން ބޭރުގެ އިންތިޚާބާ ބެހޭ އިދާރާތަކެވެ.
މަންދޫބުންނަކީ ކެންޑިޑޭޓުންގެ ފަރާތުން ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ، އެކަމަށް އެދި ކެންޑިޑޭޓުންގެ ފަރާތުން ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ފަރާތްތަކެވެ. މިގޮތަށް ހުއްދަ ދޭނީ ކޮންމެ ކެންޑިޑޭޓެއްގެވެސް މަސްލަހަތު އޮންނަ ފޮށިތަކަށެވެ.
އިންތިޚާބު ކުރިއަށްދާ ވަގުތު ވޯޓުލާ މަރުކަޒަށް އެމީހެއްގެ މަސައްކަތާ އެއްގޮތަށް މޮނިޓަރުންނާއި އޮބްޒާވަރުންނާއި މަންދޫބުންނަށް ވެއްދޭނެ ތަކެތި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، މޮނިޓަރުންނަށް ވޯޓުލާ މަރުކަޒުގެ ތެރެއަށް މޯބައިލް ފޯނާއި ފޮޓޯ ކެމެރާ އަދި ވީޑިއޯ ކެމެރާ ވެއްދޭނެއެވެ. އަދި މަސައްކަތުގެ ޒިންމާއާ ގުޅޭ ލެޕްޓޮޕެއް ނުވަތަ ޓެބްލެޓް އަދި ނޯޓްޕެޑް ފަދަ އެއްޗެއް ވެއްދުމުގެ ހުއްދަވެސް މޮނިޓަރުންނަށް އޮންނާނެއެވެ.
އޮބްޒާވަރުންނާއި މަންދޫބުންނަށް ވޯޓުލާ މަރުކަޒަށް ވެއްދޭނީ ގަލަމާއި، ކަރުދާހާއި ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އާއި ފައިލެއް ނުވަތަ ކްލިޕް ބޯޑެއްގެ އިތުރުން ފޯނު ނުވަތަ ޓެބްލެޓް ފަދަ ޑިވައިސެކެވެ.
އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާއިރު އެއްވެސް މޮނިޓަރަކު ނުވަތަ އޮބްޒާވަރަކު ނުވަތަ މަންދޫބަކު ވޯޓުނަގާ ދުވަހު ކުރުން މަނާކަމަށް އިންތިޚާބާބެހޭ އާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ މަނާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމުން ކޮންމެ މީހަކުވެސް ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާންޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވާ ފާސް ފެންނަ ގޮތަށް އަޅައިގެންނެވެ.
ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެއްވެސް މީހަކު ވޯޓުދޭން އަންނަ މީހުންނަށް ދަތިވާނެ ފަދަ އެއްވެސް ކަމެއް އަދި އޮފިޝަލުންގެ މަސައްކަތަށް ދަތިވާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ވޯޓާ ގުޅޭ އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާ ހާލަތުގައި އެކަމެއް އޮޅުން ފިލުވަންޖެހޭނީ އެތަނަކަށް އިލެކްޝަންސް ކޮމިޝަނުން އައްޔަންކޮށްފައި ހުންނަ އިސްވެރިޔާގެ ފަރާތުންނެވެ.
މީގެ އިތުރުން ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް ނުވަތަ ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ ކަމެއް ކުރުމާއި ވަކި ފަރާތަކަށް ނުވަތަ ވަކި ފިކުރަކަށް ތާއީދުކުރާކަން ނުވަތަ ނުކުރާކަން ހާމަވާ އެއްޗެއް ލުމާއި ހިފައިގެން އުޅުމަކީވެސް މޮނިޓަރުންނާއި އޮބްޒާވަރުންނާއި މަންދޫބުން ކުރުން މަނާ ކަންތައްތަކެވެ.
އުސޫލާ ޚިލާފުވާ މޮނިޓަރުންނާއި އޮބްޒާވަރުން އަދި މަންދޫބުންގެ ފާސް ބާޠިލުކޮށް އެ މީހަކު އެ ސަރަޙައްދުން ނުކުތުމަށް އެންގުމުގެ އިޚްތިޔާރު ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއަށް ލިބެއެވެ.