ޚަބަރު

އަމާންކަން ކަށަވަރުކުރުމަށް މުޅި ފުލުހުންގެ މުއައްސަސާ ތައްޔާރީ ޙާލަތުގައި


  • "އޮޕަރޭޝަން ބްލޫ ރޭ" ފެށީ ބުރާފަތި ދުވަހުގެ ރޭ

  • މުޅި ރާއްޖޭގައި ވޯޓުލާ މަރުކަޒުތަކާއި އާއްމު ތަންތަން ފުލުހުން ބަލަހައްޓާ

ވޯޓާ ގުޅޭ ޚާއްސަ އޮޕަރޭޝަން "އޮޕަރޭޝަން ބްލޫ ރޭ" ފަށާފައިވަނީ ބުރާސްފަތި ދުވަހުގެރެއެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ފުލުހުން އެލަރޓް ލެވެލް 2 އަކަށް އުފުލާ، ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދެއެވެ.

މިއަހަރުގެ އިންތިޚާބާ ގުޅިގެން ފަށާފައިވާ އޮޕްރޭޝަނާ ގުޅޭގޮތުން، އޮޕަރޭޝަން ކޮމާންޑަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން އިންތިޚާބުގެ ދެ ރޭ ކުރިން މާލެއާއި މުޅި ރާއްޖޭގައި މި އޮޕަރޭޝަން ފަށާފައިވާކަމަށެވެ.

މުޅި ފުލުހުންގެ މުއައްސަސާ އޮތީ ތައްޔާރީ ޙާލަތުގައިކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އިންތިޚާބަށް ބޭނުންވާ ސާމާނު އަތޮޅުތަކަށް ފޮނުވުމާއި މާލޭގައިވެސް އެ ތަކެތި މަރުކަޒުތަކަށް ގެންދިއުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު، ފުލުހުންގެ ފުރިހަމަ ރައްކާތެރިކަމުގެ ދަށުން ގެންގޮސްފައިވާކަމަށެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، ވޯޓުލާ މަރުކަޒުތަކާއި އާއްމު ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގައި އާއްމު ރައްޔިތުންނާއި ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފުރިހަމަ އެއްބާރުލުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ. އަދި ވޯޓަށް ހުރަސްއެޅޭފަދަ އެއްވެސް ޢަމަލެއް ނުހިންގުމަށް ގޮވާލެއްވިއެވެ.

"ނަތީޖާގެ ކަންކަން ނިމެންދެން އެންމެހާ ކަންކަން އާމާންކަންމަތީ ގެންދިއުން ޢަމާޒަކީ. އަދި ވޯޓު ނިމި، ވޯތާ ގުޅޭ އެންމެހާ ވަސީލަތްތައް ހުންނަންޖެހޭ ސަރަޙައްދުތަކަށް ގެންދަންދެން އޮޕަރޭޝަން ކުރިއަށްދާނެ. މިވަގުތުވެސް މަރުކަޒުތައް ކައިރީވެސް ފުލުހުން ތިބޭނީ ތައްޔާރީ ހާލަތްތަކުގައި. ގިނަ އަދަދެއްގެ ފުލުހުން ވަނީ ޑިޕްލޮއިންކޮށްފައި." އޮޕަރޭޝަން ކޮމާންޑަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ޑެޕިއުޓީ އޮޕަރޭޝަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރް ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަންތައް ވަގުތުން ވަގުތަށް ލައިވް އަޕްޑޭޓާއެކު މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފަވާކަމަށެވެ. އެގޮތުން ފުލުހުން އޮޕަރޭޝަން ރޫމްއިން، ރާއްޖޭގެ ކޮންމެ ވޯޓުލާ މަރުކަޒެއްގައި ހިނގަމުންދާ ކަންކަން ވަގުތުން ބަލާލެވޭނެއެވެ.

"ގްރައުންޑްގައި ތިބޭ ފުލުހުން ވަގުތުން ވަގުތަށް އަޕްޑޭޓްތައް ފޮނުވަމުންދާނެ. ފޮއްޓެއް ކައިރީގައި ކުއްލި އެއްވެސް ކަމެއް ހިނގައިފިނަމަ، ވަގުތުން އޮޕަރޭޝަން ރޫމަށް އެލަރޓް ލިބޭނެ. ފޮށިތަކުން ލައިވް ފީޑް ލިބޭނެ." ޑެޕިއުޓީ އޮޕަރޭޝަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރް ވިދާޅުވިއެވެ.

އިންތިޚާބާ ގުޅިގެން ފުލުހުންގެ ތައްޔާރީތައް ޙާލަތަށް އައިސް، މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ތަރުތީބުކޮށްފައެވެ.

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންގެ ޚާއްސަ ތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.