ކޮންމެ މީހަކަށްވެސް ލިބިފައިވާ ވޯޓުލުމުގެ ހައްޤު އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިގޮތަށް އިލްތިމާސްކުރެއްވީ މިހާރު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓާއި މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާމެދު ޢާންމުންގެ ޚިޔާލު ހޯދުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ވޯޓުލުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ޤާނޫނީ ހައްޤެއްކަމަށާ، އެ ހައްޤު ކޮންމެ މީހަކުވެސް އަދާކުރަންވާނެކަަމަށެވެ.
ވޯޓުލުން މިއަދު ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށް ދާނެއެވެ. މުޅި ރާއްޖޭގައި 588 ވޯޓުލާ މަރުކަޒު ވަނީ ގާއިމުކޮށްފައެވެ. އިންތިޚާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޭނެއެވެ. ކޮންމެ ކަރުދާހެއްވެސް ލާންޖެހޭނީ އެއިންތިޚާބަކަށް ޚާއްސަކޮށްފައިވާ ފޮއްޓަށެވެ. އިލެކްޝަންސް ކޮމިޝަނުން ކޮންމެ މަރުކަޒެއްގައިވެސް ވޯޓުލުމަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.
މި އިންތިހާބުގައި 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ. ކައުންސިލް އިންތިހާބުގައި 1،592 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެއެވެ.