ސްޕެނިޝް ލަލީގާގައި ރޭ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
މި ނަތީޖާ އާއިއެކު ބާސެލޯނާ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 30 މެޗުން ލިބިފައިވާ 76 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 69 ޕޮއިންޓް ލިބިފަ އެވެ.
އެތްލެޓިކޯ މެޑްރިޑްގެ ރިއާދް އޭ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ފަސްދޮޅަސް ހަތް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅޫނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ އެތްލެޓިކޯ މެޑްރިޑް އިންނެވެ. އެއީ މެޗުގެ 39 ވަނަ މިނިޓުގައި ޖިއުލިއާނޯ ސިމިއޯނީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ބާސެލޯނާގެ މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި އެތްލެޓިކޯ މެޑްރިޑަށް އުނދަގޫ ތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގައި ނިކޯ ގޮންޒާލޭޒް އަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން މެޗުގެ ދެވަނަ ހާފު އެއްކޮށް އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ބާސެލޯނާއަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.